ސައީދު ވިދާޅުވަނީ ކަންކަން ނުހުއްޓުވެނީ ކޮން ގާނޫނެއް ނެތިގެންތޯ ރައްޔިތުން ސުވާލު ކުރާކަމަށް!
ރައްޔިތުން އުފައްދާ އެންމެ މުހިންމު ސުވާލުތަކުގެ ތެރޭގައި، ކަންތައްތައް ނުހުއްޓުވިގެން މިއުޅެނީ ކޮން ގާނޫނެއް ނެތިގެންތޯ ރައްޔިތުން އެބަ ބުނާ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިފަދައިން ވިދާޅުވީ އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރަށް އިންސާފު ހޯދައި ދިނުމަށް އެދި މަޑަވެލީ ދާއިރާގެ މެމްބަރު މުހައްމަދު ފިރުޝާން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ނެވެ.
ސައީދު ވަނީ ރަހީނުކޮށް މަރާލުމަށް ފަހު ކާފިއު ގަޑީގައި މޫދަށް އެއްލާލި އިރު ފުލުހުން ކޮބައިތޯ ވެސް ސުވާލު ކުރައްވާފަ އެވެ.
މީގެ އިތުރުން އެ ހާދިސާއިން ދައުލަތުގެ ބަލިކަށިކަން ވަރަށް ރީއްޗަށް އެނގިގެން ގޮސްފައިވާ ކަމަށާއި ކުޑަކުއްޖަކު ރަހީނު ކޮށްގެން އެ ގެންދިޔައީ މި މާލެ ސަރަހައްދުގައި ކާފިއުގެ ވަގުތުގައި ކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.
“ ހަމަ ގައިމު ވެސް އެ ވަގުތު މަގުތައް އާންމު ހާލަތެއްހާ ބިޒީއެއް ވެސް ނުވާނެ. ފުލުހުންނާއި މަގުމަތި ބަލަހައްޓާ މީހުންނަށް މިކަންކަން ފާހަގަ ނުކުރެވިގެން މި އުޅެނީ ކީއްވެތޯ؟” ސައީދު ސުވާލު ކުރެއްވި އެވެ.
ސައީދު ވިދާޅުވީ ދައުލަތަށް މިއަށް ވުރެ ބޮޑަށް ބިރުވެރިކަމެއް އައިސް ފައިވާ ދުވަހެއް އައިކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އިޖުތިމާއީ ރައްކާތެރިކަން ފޯރު ކޮށްދިނުމަށް ދައުލަތް މިހާރު ނުކުޅެދިފައިވާ ކަމަށެވެ.
ޖެންޑަރ މިނިސްޓްރީން އިއްޔެ ބުނެފައިވަނީ މަރާލި 13 އަހަރުގެ ރާއިފަކީ ދައުލަތުން އިޖުތިމާއީ އެހީ ފޯރުކޮށްދެމުން ދިޔަ ކުއްޖެއް ކަމަށެވެ.
ރާއިފްގެ މަރާ ގުޅިގެން ތުހުމަތަށް 17 އަހަރާއި 27 އަހަރުގެ ދެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލޭގައި އަލަށް އާބާދުވާ ސަރަހައްދުގެ މޫދުން ނެވެ.