ޚަބަރު ފީތާ

އިންޑިއާގައި ވަޓްސްއެޕް ސަސްޕެންޑު ކުރުމުގެ އަމުރަކަށް ކެރެލާ ހައި ކޯޓުގައި އެދެފި

ސޯޝަލް މީޑިއާ ޕްލެޓްފޯމް ވަޓްސްއެޕް އިންޑިއާގައި ސަސްޕެންޑު ކުރުމުގެ އަމުރެއް ނެރެދޭން ކެރެލާ ހައި ކޯޓަށް މީހަކު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ކެރެލާ ސްޓޭޓްގެ އިޑުއްކީއަށް ނިސްބަތްވާ ސޮފްޓްވެއާ އިންޖިނިއަރެއް ކަމަށްވާ ކޭ ޖޭ އޮމަނަކުއްތަން އެވެ. އޭނާ ހައި ކޯޓަށް ހުށަހެޅި ޕެޓިޝަންގައި ބުނެފައިވަނީ ވަޓްސްއެޕުން ދަނީ އިންޑިއާގެ ގާނޫނުތަކާއި ގަވައިދުތަކާއި ހިލާފުވަމުން ކަމަށެވެ.

އެގޮތުން ފާހަގަ ކޮށްފައިވަނީ މީހުންގެ ސިއްރު މައުލޫމާތު ހޯދުމާއި ރައްކާ ކުރުމަކީ އިންޑިއާގެ ގާނޫނުތަކާއި ހިލާފު ކަމެއްގެ ގޮތުގައި އެވެ. އޭނާގެ ޕެޓިޝަންގައި ބުނެފައިވަނީ މީގެ ކުރިންވެސް އިންޑިއާގެ ގާނޫނުތަކާއި ފުށޫ އަރާ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކާއި ވެބްސައިޓުތައް ބްލޮކް ކޮށް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން ވަޓްސްއެޕްގެ މި އަމަލު އިސްލާހު ކުރަންދެން ސަސްޕެންޑު ކޮށްދިނުމަށް އެދޭ ކަމަށެވެ.

ވަޓްސްއެޕްގެ ގަވައިދު ބުނާގޮތުން އެޕްލިކޭޝަން ބޭނުން ކުރާ ފަރާތުގެ ފޯނު ނަމްބަރާއި ބެޓަރީގެ ޗާޖު ހުރިވަރު ފަދަ މައުލޫމާތުތައް އެ އެޕްލިކޭޝަންގައި ރައްކާ ކުރެވޭނެ އެވެ. އަދި އެކަކު އަނެކަކަށް ފޮނުވާ މެސެޖުތައްވެސް ބޭނުންވެއްޖެ ހިނދެއްގައި ރައްކާ ކުރެވޭނެ އެވެ.

އޮމަނަކުއްތަން ޕެޓިޝަން ހުށަހެޅީ އެކަމާއި ހިތްހަމަ ނުޖެހިގެންނެވެ.

Like
Like Love Haha Wow Sad Angry
1