
އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ކުރި އިޢުލާނުގައި ބުނެފައިވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އަދި މެމްބަރުކަމަށް ކުރިމަތިލާން އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޖުލައި 6 އަދި 7 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުން ކަމަށެވެ.
މީގެ އިތުރުން މި މަގާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާންޖެހޭނެ ކަމަށާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
ހަމަމިއާއެކު މެންބަރު ކަމަށް ކުރިމަތިލާ ފަރާތަކީ ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރައީސް އޮފީހުގެ އިޢުލާނުގައިވާ ގޮތުން މަގާމަށް ކުރިމަތިލާ ފަރާތަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެ އެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ފަސް އަހަރު ވެފައި ވާންޖެހެ އެވެ.
މީގެ އިތުރުން މެންބަރު ކަަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައިވެސް ވެގެން ނުވާނެ އެވެ.
މި މަގާމަށް ކުރިމަތިލާން ހުޅުވާލީ، އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި، އަހްމަދު ޝަރީފް މި މަހުގެ 15 ވަނަ ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވުމުން ނެވެ.