އޭޑީކޭގެ ބޭސްފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.
މި ބޭސްފިހާރު ހުޅުވައިދެއްވީ މިކަމަށްޓަކައި ހުޅުމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން އެވެ.
ބޭސްފިހާރަ ހުޅުވައްދެއްވުމަށް ފަހު ސައިމަން ވިދާޅުވީ އޭޑީކޭގެ ބޭސްފިހާރައެއް ހުޅުމާލޭގައި ހުޅުވުމަކީ ހުޅުމާލޭ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށެވެ.
އޭޑީކޭ އިންބުނީ މާލޭގެ ބޭސްފިހާރަތަކުންވެސް ލިބޭ ހުރިހާ ޚިދުމަތެއް އެ ބޭސްފިހާރައިން ލިބޭނެ ކަމަށާއި ބޭސްފިހާރަ ޢިމާރާތް ކުރުމަށް އެޗްޑީސީ އިން ދެއްވި އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ހުޅުމާލޭގައި ހަދާ ޝޮޕިންގ މޯލުގައި ހުޅުވި މި ބޭސްފިހާރައަކީ އޭޑީކޭއިން ހުޅުމާލޭގައި ހުޅުވި ފުރަތަމަ ބޭސްފިހާރައެވެ. އަދި މިއީ އެ ކުންފުނީގެ 10 ވަނަ ބޭސްފިހާރައެވެ. އެ ބޭސްފިހާރައިން އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އޭޑީކޭ އިން މިހާރު އަންނަނީ ކުރަމުންނެވެ.