ރޮހިންގްޔާގެ ރެފިއުޖީން ދިރިއުޅުނު ކޭމްޕެއްގައި އަލިފާން ރޯވެއްޖެ
އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ރޮހިންގޔާގެ ރެފިއުޖީންނަށް ޤާއިމްކޮށްފައި ހުރި ރެފިއުޖީ ކޭމްޕެއްގައި އަލިފާން ރޯވެ، އެތައް އާއިލާތަކެއް މަގުމަތި ވެއްޖެއެވެ.
ނިއުދިއްލީގެ މަދަންޕުރް ޚަދަރްގައި ހަދާފައިވާ ރެފިއުޖީ ކޭމްޕުގައި އަލިފާން ރޯވެފައި ވަނީ ހޮނިހިރު ދުވަހުގެރޭ 11:30 ހާއިރުއެވެ. އަދި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ފެތުރި، 55 ޓެންޓު އެއްކޮށް އަނދައި ހުލިވެފައި ވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ، އަދި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއްވެސް ލިބިފައެއް ނުވެއެވެ.
އިންޑީޔާގެ ފަޔަރ ޑިޕާޓްމަންޓުން ބޭރުގެ ނޫހަކަށް މަޢުލޫމާތު ދެމުން ބުނެފައި ވަނީ، އަލިފާން ރޯވި ކަމުގެ ހަބަރު ލިބުމުން އަލިފާން ނިއްވުމަށް ވަގުތުން ހަރަކާތްތެރިވާން ފަށައި، އެސަރަހައްދުގައި އަލިފާން ނިއްވާ 15 ވެހިކަލް ހަރަކާތްތެރިވެފައިވާ ކަމަށާއި، އަލިފާން ކޮންޓްރޯލް ކުރެވުނީ 6 ގަޑީރުން ކަމަށެވެ.
ރޮހިންގޔާގެ 55 އާއިލާއެއް ދިރިއުޅޭ މި ރެފިއުޖީ ކޭމްޕުގައި އަލިފާން ރޯވުމުން، ޓެންޓުތަކުގައި ދިރިއުޅޭ މީހުން ވަނީ ސަލާމަތީ ހިސާބުތަކަށް ގޮސް ރައްކާތެރިކަން ހޯދާފައެވެ. އެހެންނަމަވެސް އެމީހުން ދިރިއުޅުނު ޓެންޓުތައް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ.
އަލިފާނުގެ ހާދިސާގައި ދިރިއުޅެމުން ދިޔަ ޓެންޓާއި އަދި ގެންގުޅުނު ހުރިހާ ތަކެތި އަނދައި، ވަންނާނެ ތަނެއް ނެތި ހާލުގައި ޖެހުމުން، ރޮހިންގޔާގެ ރެފިއުޖީން މިހާރު ދަނީ އިންޑިޔާގެ ސަރުކާރާއި އަދި ހެޔޮއެދޭ ޖަމިއްޔާ ޖަމާއަތް އަދި އަމިއްލަ ފަރުދުންގެ ފަރާތުންވެސް އެހީތެރި ކަމަށް އެދެމުންނެވެ.
މިއީ މިކޭމްޕުގައި އަލިފާނުގެ ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ. ފުރަތަމަ ހާދިސާ ހިނގާފައި ވަނީ 2018 ގައެވެ.