ޚަބަރު ފީތާ

މޯނިންގ ވިއު އަލިފާނުގެ ހާދިސާގެ އެސެސްމެންޓު ނިންމައިފި، ޢާއިލާތަކަށް 1.3 މިލިއަން ރުފިޔާ ޚަރަދުވާނެ!

މ. މޯނިންގ ވިއު ގައި ހިނގި އަލިފާނުގެ ހާދިސާގެ އެސެސްމެންޓު ނިންމާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެ އޮތޯރިޓީން މިއަދު ބޭއްވި ޕްރެސްގައި އެމްޑީއެންއޭ ގެ ޑިޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު ފިކުރީ ވިދާޅުވީ އެ ހާދިސާގައި ގެއްލުން ލިބުނު ޢާއިލާތަކަށް 1.3 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ އެ ހާދިސާގައި ގެއްލުން ލިބުނު ޢާއިލާތަކަށް ލިބުނު ގެއްލުމުގެ ބަދަލެއް ނޫން ކަމަށާއި މިއީ އެ ހާލަތުން އަރައިގަތުމަށް ވެދިން އެހީތެރިކަމެއް ކަމަށެވެ.

މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރު މއ. މޯނިންވިއު ގޭގެ 3 ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި ވަގުތީ ހިޔާ ހަމަޖެއްސުމާއި ރިލީފް އެހީ ފޯރުކޮށްދިން ގޮތުގެ ތަފްސީލަށް ބަލާއިރު، ހާލުގައި ޖެހި 34 މީހަކަށް ވަގުތީ ހިޔާ ފޯރުކޮށްދީފައިވާ ކަމަށް ވެސް ފިކުރީ ވިދާޅުވި އެވެ.

” މިވަގުތު ވަގުތީ ހިޔާގައި ތިބީ 14 މީހުން. ފުރަތަމަ 21 ދުވަހަށް (ޖޫން 16 ގެ ނިޔަލަށް) ވަގުތީ ހިޔާ ހަމަޖައްސައި ދިނުމަށް 155،000 ރުފިޔާ ވަނީ ޚަރަދުކޮށްފަ. ފުރަތަމަ 21 ދުވަހަށް ޒަރޫރީ ކެއިން ބުއިން ހަމަޖައްސައި ދިނުމަށް 141،000 ރުފިޔާ އަދި ޒަރޫރީ އަންނައުނު ހޯދުމަށް 46،000 ރުފިޔާގެ އެހީތެރިކަން ވާނީ ފޯރުކޮށްދީފަ.” އުމަރު ފިކުރީ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ޢާންމު ހާލަތަށް ރުޖޫއަވުމަށް ދެވޭ މުއްދަތުގައި ބޯހިޔާވަހިކަން ހަމަޖެއްސުމަށް 232،300 ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ.

މި ހާދިސާގައި މޯނިންވިއު ގޭގެ ހުޅަނގު ފަރާތު އިމާރާތް ދިރި ނޫޅެވޭ ވަރަށް ހަލާކުވެފައިވާ އިރު، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "މޯނިންގ ވިއު އަލިފާނުގެ ހާދިސާގެ އެސެސްމެންޓު ނިންމައިފި، ޢާއިލާތަކަށް 1.3 މިލިއަން ރުފިޔާ ޚަރަދުވާނެ!"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.