މަޖިލީހަށް ހުށަހަޅާފައިވާ “ސެކިއުލަރ ބިލް” ކުށްވެރިކޮށް ރ. މީދޫ ކައުންސިލުން ބަޔާނެއް ނެރެފި
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ‘ދީނީ ހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް’ ފަރުމާކޮށްފައިވާ ސެކިއުލަރ ބިލް ކުއަވެރިކޮށް އެކަމާއި ދެކޮޅަށް ރ. މީދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.
މީދޫ ކައުންސިލްގެ 5 މެމްބަރުން ސޮއިކުރައްވާ ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، މި ބިލުގެ ސަބަބުން ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެންދާކަމަށާއި އެގޮތުން ރަށުގެ ރައްޔިތުންނާއި ކައުންސިލުން މި ބިލް ހުށައެޅުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
މީގެއިތުރުން މީދޫ ކައުންސިލުން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ އެއްމެހާ މެމްބަރުންނަށް ސެކިއުލަރ ބިލަށް ވޯޓު ނުދެއްވުމަށް ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ނަމުގައި ގޮވާލާކަމަށެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށައަޅުއްވާފައިވާ މި އިސްލާހާއި ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން ގެންދާއިރު، ރާއްޖޭގެ ބައެއް ޖަމްޢިއްޔާ ޖަމާއަތްތަކުން ވެސް ދަނީ މިކަމާއި ނުރުހުން ފާޅުކޮށް ބަޔާންތައް ނެރެމުންނެވެ.
އެގޮތުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ މި އިސްލާޙުގެ ބިލާއި ދެކޮޅަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔަތުއް ސަލަފް ގުޅިގެން މިހާރުވަނީ ‘ބޭން ސެކިއުލަރ ބިލް’ ގެ ނަމުގައި ބޮޑު ކެމްޕެއިނެއްވެސް ފަށާފައެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ ‘ސެކިއުލަރ ބިލް’ ފާސްވެ އެއަށް އަމަލުކުރަން ފަށައިފިނަމަ އޭގެ ސަބަބުން ދީނަށް ފުރައްސާރަކުރާ މީހުންނާއި ދެކޮޅަށް ބަސްބުނުމުގެ މަގު އެއްކޮށް ބަންދުވެ އެކަމާއި ދެކޮޅަށް ބަސް ބުނާ މީހުންނާއި މެދު ޤާނޫނީ ފިޔަވަޅު އެޅިގެންދާނެއެވެ.