ޚަބަރު ފީތާ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގާ ޔޫތް މިނިސްޓަރ މަހްލޫފަށް ދަޢުވާކުރަން ފޮނުވައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ މައްސަލައިގާ ޔޫތް މިނިސްޓަރ މަހްލޫފަށް ދަޢުވާކުރަން ފޮނުވައިފި އެވެ.

އެ މައްސަލައިގާ މިނިސްޓަރު މަހްލޫފްގެ މަައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ އިރު، އޭސީސީން ބުނެފައިވަނީ އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙުޤީޤުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ ގ.ހާފްސީ/ މާލެ، އަޙްމަދު މަޚްލޫފް އަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި މިއަދު (09 ޖޫން 2021) ގައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު އަހްމަދު މަހްލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގެން އޮންނަ ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމައެހެންމެ، އިސްވެ ދެންނެވުނު 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ އަދި ސައްހަ މުއާމަލާތެއްކަން ދެއްކުމަށްޓަކައި އޭ.ސީ.ސީ އަށް ހުށަހަޅާފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސް.އޯ.އެފް އާ ޙަވާލުކޮށްފައިވާނެކަމަށް، އަޙްމަދު މަޚްލޫފް އޭ.ސީ.ސީ އަށް ފޮނުވާފައިވާ ސިޓީއާއި، ދީފައިވާ ބަޔާނަކީ، ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި ދީފައިވާ ބަޔާނެއްކަން ތަޙްޤީޤަށް ފާހަގަކުރެވޭކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގާ ދައުވާ ކުރަން އޭސީސީން ޕީޖީއަށް ފޮނުވުމާއެކު އޭނާ މިހާރުވަނީ މަސައްކަތުން އެކަހެރިކޮށްފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާތީ ޕީޖީ އޮފީހުން ގޮތެއް ނިންމެވުމާ ހަމަޔަށް މަހްލޫފް މަސައްކަތުން އެކަހެރި ކުރުމަށް އެންގިފައިވާ ކަމަށެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގާ ޔޫތް މިނިސްޓަރ މަހްލޫފަށް ދަޢުވާކުރަން ފޮނުވައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.