ޚަބަރު ފީތާ

ޗައިނާގެ ވެކްސިން ރާއްޖެއަށް ނުހޯދާނަމޭ ނުބުނަން: ހެލްތު މިނިސްޓަރ

ޗައިނާއިން އުފައްދާފައިވާ ސިނަފާރމް ވެކްސިން ނުހޯދާނެމެކޭ ވިދާޅުވެފައި ނުވާނެކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލް ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ޓައިމްސް އޮފް އިންޑިއާ ނޫހުގައި ޖަހާފައިވަނީ އެމަނިކިފާނު ވިދާޅުވި ގޮތަށް ނޫން ކަމަށެވެ.

“”ވަރަށް ދެރަކޮށް ނޫހުގައި ޝާއިއުކޮށްފައިވާ އެއްޗެއް އެއީ. އަޅުގަނޑެއް ނުބުނަން ޗައިނާ ވެކްސިން ހޯދަން އެގްރިމަންޓު ނުކުރާނަމޭ. އަޅުގަނޑު ބުނީ, މިހާތަނަށް [އެގްރިމަންޓު] ކުރެވިފައި ނެތޭ.” ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ އިންޓަވިއުގައި ބައެއް ވާހަކަތައް އުނިކުރުމުން އެ ޚަބަރު ލިޔުނު ރިޕޯޓަރުގެ ސަމާލުކަމަށްވެސް އެކަން ގެނެސްފައިވާނެ ކަމަށެވެ. އަދި ޚަބަރު ބަދަލުކުރާނެކަމަށް ރިޕޯޓަރު ބުނިކަމަށެވެ.

“ބައެއް ވާހަކަތައް އުނިކުރުމުން އަޅުގަނޑު އޭނާއާ ސުވާލު ކުރިން. އޭނަ ބުނީ އެތަންކޮޅު ރަނގަޅުުކޮށްފައި ޖަހާނަމޭ. އެފަހުން އަޅުގަނޑެއް ނުބަލަން. އަޅުގަނޑަށް ހީވަނީ މިހާރު އޮންނާނީ ބަދަލުކޮށްފައި ކަމަށް. ހެލްތު މިނިސްޓަރ ވިދާޅޫވި އެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެއީ އިންޑިއާގެ ކޮންސަމްޕްޝަނަށް ޖެހި އެއްޗެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޗައިނާގެ ވެކްސިން ހޯދުމުގެ ވިސްނުމެއް ދިވެހި ސަރުކާރުން ނުގެންގުޅޭ ކަމަށް ބުނެ, ނަސީމާ ހަވާލައިދީ ޓައިމްސް އޮފް އިންޑިއާ ނޫހުން އެ ޚަބަރު ރިޕޯޓުކޮށްފައިވަނީ މިދިޔަ މެއި މަހު 31 ވަނަ ދުވަހު އެވެ.

ޗައިނާއިން އުފައްދާ ސިނޮފާމް ވެކްސިންގެ 200،000 ޑޯޒު ރާއްޖެއަށް މީގެ ކުރިން ވަނީ ހަދިޔާ ކޮށްފަ އެވެ. އެހެން ނަަމަވެސް ރާއްޖެއިން މިހާތަނަށް އެެ ގައުމުން ވެކްސިން ގަނެފައެއް ނުވެއެވެ.

މިހާތަނަށް ރާއްޖެއިން ވެކްސިން ގަތުމަށް އެއްބަސްވުން ހެދީ ތިން ކުންފުންޏަކާއެކު އެވެ. އެއީ އިންޑިއާގެ ސިރަމް އިންސްޓިޓުގެ ކޮވިޝީލްޑްގެ ދެ ލައްކަ ޑޯޒް, ސިންގަޕޫރުގެ އެސްޓްރާޒެނެކާގެ ހަތް ލައްކަ ޑޯޒް އަދި ރަޝިޔާގެ ސްޕަޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒް ގަތުމަށެވެ.

މިހާތަނަށް އެއިން އެއްވެސް ވެކްސިންއެއް ރާއްޖެއަށް ލިބިފައި ނުވެއެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ, އެސްޓްރާޒެނެކާގެ ފަސް ލައްކަ ޑޯޒް އަންނަ މަހު ލިބޭނެ ކަމަށެވެ. އަދި ރަޝިއާ ވެކްސިންގެ ސަޕްލައިން އެގްރިމަންޓުގައި ވަރަށް އަވަހަށް ސޮއި ކުރާނެ ކަމަށެވެ.

އެ އެގްރިމަންޓު ކުރެވޭތާ ހަތަރު ހަފްތާ ތެރޭ ވެކްސިން ލިބޭނެ ކަމަށާއި ނަމަވެސް ސަޕްލައިން އެގްރިމަންޓުގައި ސޮއި ކުރާނެ ތާރީޚެއް ރައީސް ހާމައެއް ނުކުރައްވަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ވެކްސިން ލިބެން ހުރި، ހުރިހައި ގައުމަކުން ރާއްޖެއަށް ވެކްސިން ހޯއްދަވާނެ ކަމަށެވެ.

Like
Like Love Haha Wow Sad Angry
11

ޚިޔާލު 1 on "ޗައިނާގެ ވެކްސިން ރާއްޖެއަށް ނުހޯދާނަމޭ ނުބުނަން: ހެލްތު މިނިސްޓަރ"

  1. naseem bunaa ehves vahakaeh miveedhuvahaka nei dhimaavefaeh..sarukaar halakuvani naseem health nuhigige

Comments are closed.

%d bloggers like this: