
ކޮވިޑު ބަލީގައި ސަރުކާރުގެ އިހުމާލުން ގެއްލުން ލިބުނު އާއިލާތަކަށް ޖަވާބުދާރީވޭ: ޕީޕީއެމް
ކޮވިޑު ބަލީގައި ސަރުކާރުގެ އިހުމާލުން ގެއްލުން ލިބިފައިވާ އާއިލާތަކަށް ޖަވާބުދާރީވުމަށް ޕީޕީއެމް އިން ގޮވާލައިފި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ކޮވިޑް ހާލަތު ގޯސްވެ، ކޮވިޑްގެ ބަލީގައި ދުނިޔެ ދޫކުރަމުން ދާ ރައްޔިތުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާއިރު، އެކަންކަމަށް ސަމާލުވެ، ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށާއި މިފަދަ މަރުތަކުގައި ސަރުކާރުގެ ފަރުވާކުޑަކަމާއި އިހުމާލު ބޮޑުކަންވެސް ފާހަގަވާ ކަމަށެވެ.
”ޒިންމާއިން ރެކިވަޑައިގަތުމުގެ ބަދަލުގައި ކުޑަކުޑަ މިޝްކާ އާއި މަރްޔަމް ފަދައިން ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލުން ގެއްލުން ލިބިފައިވާ އާއިލާތަކަށާއި ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިޕާޓީން ގޮވާލަން. މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އެޅުއްވުމަށް ވެސް ގޮވާލަން.“ ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މިމައްސަލަތައް ބަލާ ޒިންމާވާން ޖެހޭ ފަރާތްތަކުގެ މަޢުލޫމާތާއި ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ރައްޔިތުންނާއި ހަމައަށް ގެނެސް ދިނުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.
އެގޮތުން ބަލީގައި މަރުވި ޢުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ އާއި ގއ. ދާންދޫ ވިނަމަތި، މަރްޔަމް އިބްރާހީމްގެ މަރުގައި ސިއްހީ ފަރުވާ ދިނުމުގައި ހުރި މައްސަލަތައް ޕީޕީއެމުން ފާހަގަކޮށް، މިޝްކާގެ މަރުވުމުގައި ސިއްހީ ފަރުވާ ދިނުމުގައި ލަސްތަކެއް ހުރި ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.
އެ ގޮތުން އެމްބިއުލާންސް ފޮނުވުން ލަސްވެގެން ދިޔަ ވާހަކަ ޕީޕީއެމުން ފާހަގަކޮށްފަ އެވެ.
އެއަށް ފަހު ގއ. ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ ކޮއްކޮގެ އަންހެނުން މަރްޔަމްއަށް ފަރުވާ ދިނުމުގައި ސަރުކާރުން ކަންކޮށްފައިވާ ގޮތަށް ބަލާއިރު، ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލު ވަރަށް ބޮޑަށް އޮތްކަން ހާމަވެފައިވާ ކަމަށް އެ ކޯލިޝަނުން ބުނެ އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މަރްޔަމްގެ ހާލު ބޮޑުވެގެން، އެމަޖެންސީގައި މާލެ ގެނައި އިރު، މަރްޔަމްއަށް ފަރުވާ ދިނުމަށް ފްލައިޓަށް އެރުވި ވެންޓިލޭޓަރުގެ ބެޓަރި ޗާޖު ހުސްވެ، ވެންޓިލޭޓަރު ހުއްޓުމާ ގުޅިގެން ފަރުވާ ދީފައި ވަނީ އަތުން ޕަންޕުކޮށްގެން ކަން އާއިލާއާ ހަވާލާދީ ވަނީ ބުނެފަ އެވެ.
ބުރޯ އިހުމާލުވިޔަސް ނުވިޔަސް ދުނިޔޭގަ އަބަދަކު ނުތިބެވޭނެ ދުނިޔެއައް ކޮންމެ މަހުލޫގަކު ފޮނުއްވޭއިރު ރިޒުގު ވާނީ ލިޔުއްވި ނިމިފަ ދުނިޔޭގަ އުޅޭނެ ދުވަހާ މަރުވާގޮފޮތާ މަރުވާނެތަނާ ވަޅުލާނެތަނާ އަހަރުމެން ބުރާންތި ވެގެން ވާނުވާނޭގިގެން އުޅުނަކަސް ﷲއީ އެއްކައުވަންތަ އިލާހު އެފަރާތައް ނޭގި ގަހެއްގަ އިންނަ ހިކިފަތެއްވެސް ނުވެއްޓޭނެ