
އިތުރު 2 ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ރާއްޖެއިން ދީފި
އިތުރު 2 ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ރާއްޖެއިން ދީފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރުމަށް އުފައްދާފައިވާ މޮޑާނާ އަދި ޖެންސެން ވެކްސިން ބޭނުންކުރުމުގެ ހުއްދަ ރާއްޖޭގައި ދީފައިވާ ކަމަށެވެ.
ސްޕެއިންގެ ވެކްސިނެއް ކަމަށްވާ “ކޯވިޑް ވެކްސިން މޯޑާނާ” އަދި ޖެންސެންގެ އުފެއްދުމެއް ކަމަށްވާ “ކޯވިޑް ވެކްސިން ޖެންސެން” ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިނީ މިއަދުން ފެށިގެން ނެވެ.
އެމަޖެންސީ ހާލަތުގައި ދޫކުރާ ހުއްދައިގެ ދަށުން ދޫކޮށްފައިވާ މި ދެ ވެކްސިން ވެސް ދޭނީ ހަމައެކަނި އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.
ރާއްޖޭގައި މި ދެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ރަނގަޅަށް ދިރާސާކުރުމަށް ފަހުގައި ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. އަދި މި ނިންމުން އެ އޮތޯރިޓީން ނިންމީ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފާއާއި މަޝްވަރާއާއި އެކުގައި ކަމަށް ވެސް ބުނެފައި ވެއެވެ.
އެމްއެފްޑީއޭއިން ބުނީ ކޮންމެ ވެކްސިނަކީ ވެސް އެ ވެކްސިނެއް ބޭނުން ކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ‘ރިއެކްޝަނެއް’ އައުމުގެ ފުރުސަތު އޮންނަ އެއްޗެއް ކަމަށެވެ.
އެެހެންކަމުން އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް، ވެކްސިން ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން އެމްއެފްޑީއޭއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން ބަލަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.