ޚަބަރު ފީތާ

ޔޫރޯ 2020 ޓީމް ޕްރޮފައިލް: އިންގްލެންޑް

ފުޓްބޯޅައިގައި ނުފޫޒު ގަދަ ޓީމުތަކުގެ ނަންތަކުގެ ލިސްޓެއް ހަދާނަމަ، ލިސްޓުގެ ކުރީބައިން އިންގްލެންޑު ޖާގަ ހޯދާނެ އެވެ.

ސަބަބުތައް ވެސް ބައިވަރެވެ. ހޯދާފައިވާ ކާމިޔާބީތަކާއި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން ވެސް އުފެދޭ، އުފައްދާ ގައުމަކަށް ވާތީ އެވެ.

އިންގްލެންޑް އެންމެ ފުރަތަމަ ޔޫރޯ އެއްގައި ވާދަކުރީ 1968 ވަނަ އަހަރުގައެވެ. އޭގެ ފަހުން 1980 ވަނައަހަރުގެ މުބާރާތުގައި ވާދަކުރިއެވެ. އިންގްލެންޑް ގަވައިދުން ޔޫރޯ ގައި ކުޅެންފެށީ 1988 ވަނަ އަހަރު ބޭއްވި މުބާރާތުން ފެށިގެންނެވެ. އޭގެ ފަހުން މިހާތަނަށް ކުޅުނު ހުރިހާ ޔޫރޯ މުބާރާތެއްގައި އިންގްލެންޑް ވަނީ ކުޅެފައެވެ.

އިންގްލެންޑަށް މިހާތަނަށް ޔޫރޯގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1968 އަދި 1996 ވަނަ އަހަރު މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރުމެވެ. އެކަަމަކު 1996 ވަނަ އަހަރު މުބާރާތުގެ ސެމީއަށް ދަތުރުކުރުން ފިޔަވައި އިންގްލެންޑަށް އާންމުން އުންމީދުކުރި ވަރުގެ ކާމިޔާބީއެއް ޔޫރޯގައި ނުލިބެ އެވެ. އެކަަމަކު ޒުވާން ސްކޮޑަކާ އެކު، އިންގްލެންޑުން މި ފަހަރުގެ ޔޫރޯއަށް ނުކުންނަނީ ފޮނި އުންމީދުތަކާ އެކު އެވެ.

ކޮލިފައިވި ގޮތް

މި ފަހަރުގެ ޔޫރޯއަށް އިންގްލެންޑް ކޮލިފައިވީ ފަސޭހަކަމާ އެކު ގުރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. ކޮލިފައިންގެ ގުުރޫޕް އޭގައި އިންގްލެންޑް ކުޅުނު 8 މެޗުގެ ތެރެއިން ހަތް މެޗުން އެޓީމު މޮޅުވި އެވެ. ބަލިވީ އެންމެ މެޗަކުން ނެވެ. ޖުމްލަ 21 ޕޮއިންޓް ހޯދިއިރު، އެންމެ ގާތުން ވާދަކުރި ޗެކްރިޕަބްލިކް އޮތީ 15 ޕޮއިންޓްއާއި އެކު ގުރޫޕުގެ ދެވަނައިގަ އެވެ.

ކޯޗު

ކުޅުންތެރިއެއްގެ ގޮތުގައި ގެެރެތު ސައުތުގޭޓް ފާހަގަވެގެން ދިޔައީ މޮޅު ޑިފެންޑަރެއްގެ ގޮތުގަ އެެވެ. އޭނާގެ ކެރިއަރުގައި ވަނީ ކްރިސްޓަލް ޕެލެސް އާއި އެސްޓަން ވިލާ އަދި މިޑްލްސްބަރާ އަށް ކުޅެފަ އެވެ. އިންގްލެންޑްގެ ގައުމީ ޓީމާ އެކު ސައުތުގޭޓް ނުކުތީ 1998 ގެ ވޯލްޑް ކަޕަށެވެ.

އޭގެ އިތުރުން 1996 އަދި 2000ގެ ޔޫރޯގައި ވެސް ކުޅުނެވެ. އުމުރުން 35 އަހަރުގައި، 2006 ވަނަ އަހަރު، ކުޅުމުގެ ކެރިއަރު ހުއްޓާލައި، މިޑްލްސްބަރާގެ ކޯޗުކަމާ ހަވާލުވި އެވެ. އޭގެ ފަހުން އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމުގައި ތިން އަހަރު ހޭދަކުރި އެވެ. ސައުތުގޭޓަށް އިންގްލެންޑްގެ ސީނިއަ ޓީމުގެ ކޯޯޗުކަން ހަވާލުކުރީ 2016 ގަ އެވެ. ސޭމް އަލަޑައިސް މަގާމުން ވަކިކޮށް، ސައުތުގޭޓަށް އެންމެ ފުރަތަމަ އެ ޒިންމާ ހަވާލުކުރީ ވަގުތީ ގޮތުންނެވެ. އެކަމަކު ނޮވެމްބަރު 2016 ގައި ސައުތުގޭޓަށް ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިންގްލެންޑްގެ ކޯޗުކަން ހަވާލުކޮށްފަ އެވެ.

ކީ-ޕްލޭޔަރ

ހެރީ ކޭން: އިންގްލެންޑްގެ ފޯވަޑް ލައިންގައި މި ވަގުތު އެންމެ ފޯމުގައި ހުރި ކުޅުންތެރިޔަކީ ކޭން އެވެ. މިފަހަރުގެ ޔީރޯގައި އިންގްލެންޑްގެ ކެޕްޓަންކަން ވެސް ކުރާނީ އުމުރުން 27 އަހަރުގެ މި ކުޅުންތެރިޔާ އެވެ. މި އަހަރުގެ ސީޒަން ޓޮޓެންހަމްގައި އޭނާ ނިންމާލީ ގިނަ ލަނޑުތަކަކާ އެކު މޮޅު ކުޅުމެއްގަ އެވެ. އިންގްލެންޑްގެ ޖޫނިއަ ޓީމުތަކަށް ކުޅުމަށް ފަހު، ސީނިއަ ޓީމުން ކޭން ޖާގަ ހޯދީ 2015 ވަނަ އަހަރެވެ. އަދި އިންގްލެންޑާ އެކު 2016ގެ ޔޫރޯއާއި 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ވެސް އޭނާ ވަނީ ކުޅެފަ އެވެ. އިންގްލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 54 މެޗުގައި ކޭން ވަނީ 34 ލަނޑު ޖަހައިފަ އެވެ. މި ފަހަރުގެ ޔޫރޯގައި އިންގްލެންޑްގެ ފޯވާޑް ލައިންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ކޭން އެވެ.

ގުރޫޕްގައި އޮތް ފުރުސަަތު

އިންގްލެންޑަކީ ގުރޫޕް ޑީގެ ފޭވަރިޓެކެވެ. މި ގުރޫޕްގައި އިންގްލެންޑާ އެކު ދެން ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރާނެ ކަމަށް ބެލެވެނީ ކްރޮއޭޝިއާ އެވެ. މި ގުރޫޕްގައި ދެން އޮތީ ޗެކްރިޕަބްލިކް އާއި ސްކޮޓްލެންޑް އެވެ.

Like
Like Love Haha Wow Sad Angry
13
%d bloggers like this: