ދިރިއުޅުމާއިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަންވާނީ، ޤުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެހެން: ރައީސް

ކޮންމެ ރައްޔިތަކުވެސް، ދިރިއުޅުމާއިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަންވާނީ، ޤުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރުމާއި އެކު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

އިޝްތިހާރު Below Header ad

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސުލްޖުމްހުރިއްޔާ ވަނީ ދިވެހި ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ ޤުދުރަތީ މާޙައުލަށްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުންނާއި، މަސްވެރިކަމާއި، އަދި ދަނޑުވެރިކަމުގެ ޞިނާޢަތްތަކުގެ ނަފާ ލިބެމުންދާނީ، އަދި ކުރިމަގުގެ ޖީލުތަކަށް މިޞިނާޢަތްތައް ފޯރުކޮށްދެވޭނީ، މާޙައުލީ ނިޒާމު ރައްކާތެރިކޮށް ޙިމާޔަތްކޮށްގެންކަމަށް ވެސް އެމަނިކުފާނު ޚިޠާބުގައި ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން، އެންމެ ބޮޑަށް ކުރިމަތިވާ އެއް ޤައުމަކީ ރާއްޖެކަމުގައި ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި، އެމަނިކުފާނު ވަނީ މިއަހަރުގެ ތިމާވެށީގެ ދުވަހަށް، އދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާފައިވާ ޝިޢާރު “މާޙައުލީ ނިޒާމު އިޢާދަކުރުން” މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ. އެގޮތުން މާޙައުލީ ނިޒާމު އިޢާދަކުރުމަކީ، ގެއްލުން ލިބިފައިވާ ނުވަތަ ހަލާކުވެފައިވާ މާޙައުލީ ނިޒާމު، އަލުން އޭގެ ޠަބީޢީ ޙާލަތަށް އެނބުރި އިޢާދަކުރުމުގައި އެހީތެރިވުންކަމަށާއި، އަދި ގެއްލުމެއް ނުލިބި ހުރި މާޙައުލީ ނިޒާމުތަކަށް، އިތުރު ގެއްލުމެއް ލިބުނަ ނުދީ ޙިމާޔަތްކޮށް ރައްކައުތެރިކުރުންކަމުގައި އެމަނިކުފާނު ތަފްޞީލުކޮށްދެއްވެވިއެވެ.

މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހުރިއްޔާ ވަނީ ރާއްޖޭގެ މާޙައުލީ ނިޒާމު ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެކަން ހާޞިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ތަފްޞީލީގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ރާއްޖޭގެ މާޙައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، 2030 ވަނަ އަހަރާ ހަމައަށް، ދިވެހިރާއްޖޭގެ ކަނޑާއި ކަނޑާ ގުޅިފައިވާ ސަރަޙައްދުތަކުގެ، އެންމެ ކުޑަވެގެން 20 އިންސައްތަ ޙިމާޔަތްކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ގްލޯބަލް އޯޝަން އެލައިންސްގައި ބައިވެރިވެ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ޙިމާޔަތްކުރުމުގެ ބައިނަލްއަޤްވާމީ މަސައްކަތުގައިވެސް ރާއްޖެއިން ބައިވެރިވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު، ރައްކާތެރި ގޮތުގައި ކުނި އެއްކޮށް ނައްތައިލާނެ ނިޒާމުތައް، ރަށު ފެންވަރުގަޔާއި ސަރަޙައްދީ ފެންވަރުގައި ޤާއިމުކުރުމުގެ މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާކަމަށާއި، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންއަންނަ ކަމަށާ، ހަކަތަ އުފެއްދުމަށް ޑީސަލް އަންދާ މިންވަރު މަދުކުރުމަށްޓަކައި، އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން، މުޅި ރާއްޖޭގައި މިހާރު 31.5 މެގަވޮޓްގެ ސޯލާ ޕީވި ހައިބްރިޑް ނިޒާމުތައް ޤާއިމުކުރެވިފައިވާކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް، “ނޫ އިޤްތިޞާދު”ގެ ދަށުން، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމުގައިވެސް އެމަނިކުފާނުގެ މިއަދުގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާގައި އެކި ގޮތްގޮތުން ޙަރަކާތްތެރިވަމުން އަންނަ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ތިމާވެއްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްކުރަމުން އަންނަ އެންމެހައި ފަރާތްތަކަށްވެސް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.