ޚަބަރު ފީތާ

ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް ޝައްކު އުފެދޭ ގޮތަކަށް މެލޭޝިއާގެ ވައިގެ ސަރަހައްދަށް ވަންނަ މައްސަލަ ބޮޑުވެއްޖެ

ޗައިނާގެ އަސްކަރީ މަތިންދާބޯޓު ތަކެއް މެލޭޝިއާގެ ވައިގެ ސަރަހައްދަށް ޝައްކު އުފެދޭ ގޮަތަކަށް ވަންނަ މައްސަލަ ބޮޑުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ މަތިން ދާބޯޓުތައް މެލޭޝިއާގެ ވައިގެ ސަރަހައްދަށް ވަދެފައިވަނީ ރީޖަނަލް އެއާ ޓްރެފިކް ކޮންްޓްރޯލްގެ ހުއްދަ ނުހޯދަ އެވެ. އެ މަތިންދާ ބޯޓުތައް ދަތުރު ކުރަނީ މެލޭޝިއާގެ ސަރާވަތް ސްޓޭޓްގެ 60 ނޯޓިކަލް މޭލު މަތިންނެވެ.

މެލޭޝިއާގެ ފޮރިން މިނިސްޓްރީން ބުނީ ހުއްދަ ހޯދުމެއް ނެތި ޗައިނާގެ 16 މަތިންދާބޯޓެއް އެ ގައުމުގެ ވައިގެ ސަރަހައްދު ހުރަސްކޮށްފައިވާ ކަމަށެވެ. އެއީ މެލޭޝިއާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެފައިވެ އެވެ.

އެހެންވެ މެލޭޝިއާ ސަރުކާރުން ވަނީ މިކަމަށް ޗައިނާއިން ޖަވާބުދާރީ ކުރުވުމުގެ ގޮތުން އެ ގައުމަށް ޗައިނާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ސުވާލު ކުރަން ނިންމާފަ އެވެ. މެލޭޝިއާ ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދުގައި ކިތަންމެ ގާތް ގުޅުމެއް އޮތްނަމަވެސް އެކަމުގައި އެ ގައުމުން ދޫނުދޭނެ ކަމަށާއި ޗައިނާ މަންދޫބު ރަނގަޅު ޖަވާބެއް އެ މައްސަލައިގަ ދޭން ޖެހޭނެ ކަމަށެވެ.

ޗައިނާ އިން ބުނެފައިވަނީ އެ ގައުމުން މެލޭޝިއާ ވައިގެ ސަރަހައްދަށް ނުވަންނަ ކަމަށެވެ. އަދި ވައިގެ ތެރޭގައި އެ ގައުމުގެ އަސްކަރިއްޔާއިން ތަމްރީން ތަކެއް ހަދަމުންދާ ކަމަށެވެ.

އެކަމަކު ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްގޮތަށް އެހެން ގައުމެއްގެ ވައިގެ ސަރަހައްދު ބޭނުން ކުރަމުން ނުދާ ކަމަށެވެ.

މެލޭޝިއާއިން ބުނީ އެ ގަައުމުގެ އަސްކަރިއްޔާއިން ޗައިނާގެ އަސްކަރީ މަތިންދާ ބޯޓުތަކުގެ ހަރަކާތްތައް ބަލައި އެމީހުން މެލޭޝިއާ ވައިގެ ސަރަހައްދަށް ވަންނަކަން ޔަގީން ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ބޮޑުވެފައިވާއިރު ޗައިނާއިން ދެކުނު ޗައިނާ ކަނޑަށް އަތް ގަދަ ކުރާ މައްސަލައިގަ މެލޭޝިއާ ހިމެނޭ ގޮތަށް އަވައްޓެރި ގައުމުތަކުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އެ މައްސަލައިގަ ޗައިނާ އާއި ދެކޮޅަށް އުޅޭ ގައުމުތަކުގެ ތެރޭގައި، ބުރުނާއީ، ފިލިޕިންސް އަދި ޓައިވާނާއި ވިއެޓްނާމް ހިމެނެ އެވެ.

Like
Like Love Haha Wow Sad Angry
1