ޚަބަރު ފީތާ

ބަންގްލަދޭޝްގެ ޓައިގާ ހަބީބް 20 އަހަރު ފަހުން ފުލުހުންނަށް ހައްޔަރު ކުރެވިއްޖެ

ބެންގޯލް ޓައިގާ އެއް --

ބަންގްލަދޭޝްގައި އުޅޭ ދުނިޔެއިން މަދުން ނޫނީ ނުފެންނަ މިނިކާވަގެއް ކަމަށްވާ “ބެންގޯލް ޓައިގާ” ގެ 70 އަށްވުރެ ގިނަ މިނިކާވަގު މެރި މީހަކު އެ ގައުމުން ހައްޔަރުކޮށްފި އެވެ.

އިންޑިއާ އާއި ބަންގްލަދޭޝް ބޯޑަރު ގުޅޭ ސަރަހައްދުގެ ދެކުނު ސަބާހަތު ޑިސްޓްރިކްޓުގައި ދިރިއުޅޭ ހަބީބް ތަލޫދަރް ހައްޔަރު ކުރެވިފައިވަނީ 20 އަހަރު ވަންދެން އޭނާ މިނިކާވަގު މަރަމުން ދަނިކޮށެވެ. އެ ސަރަހައްދުގެ ފުލުހުން ބުނެފައިވަނީ މިނިކާވަގުތައް މަރާކަމުގެ ތުހުމަތު އަބަދުވެސް ހަބީބަށް ކުރެވޭ ކަމަށާއި ކޮންމެ ފަހަރަކުވެސް ހައްޔަރު ކުރަން އެ ސަރަހައްދަށް ދާއިރަށް އޭނާ ފިލަނީ ކަމަށެވެ.

ބަންގްލަދޭޝް ފުލުހުން ބުނީ ހަބީބު އެމީހުންގެ އަތް ދަށުވުމަކީ ލިބުނު ހިންހަމަ ޖެހުމަކާއި އެއްވަރަށް ބޮލުގައި ރިހުން ފިލައިގެން ދިޔަ ކަމެއް ކަމަށެވެ. އެ ގައުމުގެ ފުލުހުން ގަބޫލު ކުރާގޮތުގައި ހަބީބަކީ ޖަންގަލީގައި ދިރިއުޅޭ ޖަނަވާރުތަކަށް ހުރި ބޮޑު ބިރެކެވެ.

އުމުރުން 20 އަހަރުން ފެށިގެން މިނިކާވަގު މެރުމުގެ މަސައްކަތް ކުރަމުން އަންނަ ހަބީބުގެ އުމުރުން މިހާރު 50 އަހަރެވެ. ފުލުހުންނާއި އޭނާ ދިރިއުޅޭ ސަރަހައްދުގައި އުޅޭ އާންމުން ބުނެފައިވަނީ ހަބީބަކީ މިނިކާވަގު މެރުމުގެ ބިރުވެރި މަސައްކަތުގައިި ވަރަށް ހުނަރުވެރި މީހެއް ކަމަށެވެ.

އޭނާ އެ މަސައްކަތް ކުރަން ފެށި ކުޅަނދުރު ހަތާއިން މާމުއި ނެގުމަށް ޖަންގަލީ ތެރެއަށް ވަދެގެން ކުރަންފެށި މަސައްކަތުގެ ތެރެއިން ކަމަށްވެ އެވެ.

ޓައިގާ ހަބީބު —

ފުލުހުން ހަބީބަށް ކުރާ ތުހުމަތު ތަކުގެ ތެރޭގައި ހިމާޔަތް ކޮށްފައިވާ ދިރޭ ޖަނަރާވެއް މެރުމާއި ޖަނަވާރު މަރައި އޭގެ ގުނަވަންތަކާއި މަހުގެ ވަގު ވިޔަފާރި ކުރުން ހިމެނެ އެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އޭނާ ދަނީ ޗައިނާ އަށް މިނިކާވަގުގެ ގުނަވަންތަކާއި މަސް ވިއްކަމުންނެވެ.

“ބެންގޯލް ޓައިގާ” އާއި އެ މިނިކާވަގު އާންމުކޮށް ދިރިއުޅޭ ބަންގްލަދޭޝްގެ ސަންދާބަންސް ސަރަހައްދަކީ ޔުނެކްސޯގެ ހެރިޓޭޖް ލިސްޓުގައި ހިމަނާފައިވާ ތަނެކެވެ.

އެ ސަރަހައްދު ހެރިޓެކް ލިސްޓަށް ލާންވެގެން ހެދި ދިރާސާތަކުން އެނގުނު ގޮތުގައި އެތަނުގައި އުޅުނީ 440 “ބެންގޯލް ޓައިގާ” އެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ބެލި އިރު އުޅުނީ 106 “ބެންގޯލް ޓައިގާ” އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ހެދި ދިރާސާތަކުން އެނގުނު ގޮތުގައި އެ ސަރަހައްދުގައި 116 “ބެންގޯލް ޓައިގާ” އުޅެ އެވެ. އެންމެ ފަހުގެ ދިރާސާއިން އެ ވައްތަރުގެ މިނިކާވަގު އާލާވަމުން ދާކަން އެނގިފައިވާތީ ޖަނަވާރު މަރާ މީހުންނަށް ހަރުކަށިފިޔަވަޅު އެޅުމަށް ބަންގްލަދޭޝް ސަރުކާރުން ވަނީ ނިންމާފަ އެވެ.

Like
Like Love Haha Wow Sad Angry