ޕްލާސްޓިކް މަދުކުރުމަށް ފިވަޅުތަކެއް އަޅަނީ
ރާއްޖެއަށް ބައެއް ބާވަތްތަކުގެ ޕްލާސްޓިކް އެތެރެކުރުން މަނާކުރުމަށް ނިންމާފައިވާ އެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަންގައިފިއެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުން މަނާކުރާ ބިލު “ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު” އަށް 18 ވަަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ 3 ވަނަ ދައުރުގެ 28 ވަނަ ޖަލްސާގައެވެ.
މި ޤާނޫނުގައިވާ ގޮތުން ޖޫންމަހުގެ 1 ވަނަ ދުވަހުން ފެށިގެން 9 ބާވަތެއްގެ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާވާނެއެވެ.
އެގޮތުން ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައި ނެރުއްވާފައިވާ ޤަރާރުގައި ވަނީ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ 12 ބާވަތުގެ ތަކެއްޗަކީ ސިންގަލް ޔޫސް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅުއްވައި، މި ތަކެތި ރާއްޖެ އެތެރެކުރުމަކީ މަނާކަމެއް ކަމުގައި ކަނޑައަޅުއްވާފައެވެ.
އެގޮތުން މާދަމާއިން ފެށިގެން ޕްލާސްޓިކްގެ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާވާނެއެވެ.
1 ޖޫން 2021ން ފެށިގެން އެތެރެ ކުރުމާއި ރާއްޖޭގައި ބޭނުންކުރުން މަނާ ކުރާ ޕްލާސްޓިކް
* ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި
* ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
* ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
* ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ
* 250 މިލިލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި
* ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
* 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅިއާއި ސައިބޯނި ފުޅި
* ރާއްޖެއަށް އިމްޕޯޓު ކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި (ފެނާއި ލުއިބުއިން ހިމެނޭގޮތަށް)
މީގެ އިތުރުން ތުނި (50 މައިކްރޯން އަށް ވުރެ) ޕްލާސްޓިކް ކޮތަޅު ޑިސެމްބަރު 2022ގައި އަދި އެއް ލީޓަރަށް ވުރެ ކުދި ޕެޓް ފުޅި ޑިސެމްބަރު 2023ގައި މަނާކުރަން ވެސް ވަނީ ރާވައިފައެވެ.