އައްޑުސިޓީން ހައްޔަރުކުރި 5 މީހުން ދޫކޮށްލައިފި
ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ މިމަހުގެ 15 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަން ގައި ފުރަތަމަ ހައްޔަރުކުރީ 7 މީހުން ކަމަށެވެ. އަދި އޭގެ ފަހުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފަހުން ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން އެކަކު ކުރިން ދޫކޮށްލާފައިވާ ކަމަށާއި މިހާރު ބަންދުގައި ތިބި 8 މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް މިއަދު ހާޒިރު ކުރުމުން އެމީހުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންނާއި ސިފައިން އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ މިމަހުގެ ހަ ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ނެވެ.