ޚަބަރު ފީތާ

އުމުރުން 12 އަހަރާއިން 15 އަހަރާއި ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ހުއްދަ ދީފި

ޔޫރަޕް އިއްތިހާދުގެ ބޭސްތަކާއި ބެހޭ އިދާރާއިން އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ހުއްދަ ދީފިއެވެ.

ބަޔޯޓެކްގެ ފައިޒާ ވެކްސިން ކުޑަކުދިންނަށް ދޭން ހުއްދަ ދީފައި ވަނީ، މިހާތަނަށް ތައްޔާރު ކުރި ވެކްސިންގެ ތެރެއިން އެންމެ ރައްކާތެރި އަދި އެންމެ ރަނގަޅު ވެކްސިން ކަމަށް ދިރާސާތަކުން ހާމަވުމުން ކަމަށް އެމްސްޓަޑެމްގައި ހުންނަ ޔޫރަޕިއަން މެޑިސިން އޭޖެންސީ(އީ.އެމް.އޭ) އިން ހާމަ ކޮށްފައިވެއެވެ. މިއީ ކޮރޯނާއިން ރައްކާތެރި ވުމަށް މިއުމުރު ފުރައިގެ ކުދިންނަށް ދޭން ހުއްދަ ލިބުނު ފުރަތަމަ އަދި ހަމައެކަނި ވެކްސިނެވެ.

އީ.އެމް.އޭގެ ވެކްސިން ސްޓްރެޓަޖީގެ އެންމެ އިސް ވެރިޔާ މާކޯ ކަވަލޭރީ ބުނެފައި ވަނީ، މި އުމުރު ފުރައިގެ ކުދިންނަށް ވެކްސިން ޕްރޮގްރާމް ފެށުން މިއީ ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައިއެވެ.

ޔޫރަޕުން ކުޑަކުދިންނަށް ފައިޒާ ވެކްސިން ދޭން ހުއްދަ ދީފައިވާއިރު އެމެރިކާއާއި ކެނެޑާގައި މިހާރުވެސް ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.

އީ.އެމް.އޭއިން ބުނެފައި ވަނީ، ބޮޑެތިމީހުންނެކޭ އެއްގޮތަށް ކުޑަކުދިންނަށް ވެސް ދޭނީ ވެކްސިންގެ 2 ޑޯޒް ކަމަށާއި، ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާފައި މަދުވެގެން 3 ހަފަތާ ފަހުން ކަމަށެވެ. އަދި މިއުމުރު ފުރައިގެ ކުދިންނަށް ވެކްސިން ޖަހަން ފަށާނީ ކޮން ދުވަހަކުން ކަމެއް ނިންމާނީ އެޤައުމަކުން އަމިއްލައަށް ކަމަށް ވެސް އީ.އެމް.އޭއިން ބުނެފައިވެއެވެ.

އީ.އެމް.އޭގެ ނިންމުމަށް ބެލުމަށް ފަހު ޖޫން މަހުގެ 7 އިން ފެށިގެން އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިންދޭން ފެށުމަށް ޖަރުމަނުން ނިންމާފައިވާއިރު، އިޓަލީއިން ވެސް ބުނެފައި ވަނީ 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދޭން ފެށުމަށް ތައްޔާރު ވަމުންދާ ކަމަށެވެ. އަދި ޖަޕާނުންވެސް ވަނީ މިއުމުރުފުރައިގެ ކުދިންނަށް ވެކްސިން ދިނުމަށް ނިންމާފައެވެ.

ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އަދި ފެތުރުން ހުއްޓުވުމަށް ކުޑަކުދިންނާއި ޒުވާނުންނަށް ވެކްސިން ދިނުމަކީ އެންމެ މުހިއްމު އެއްކަންތައް ކަމުގައި އީ.އެމް.އޭއިން ވަނީ ހާމަ ކޮށްފައެވެ. ސަބަބަކީ މިއުމުރުފުރައަކީ އެންމެ ހަރަކާތްތެރިކޮށް އުޅޭ އުމުރުފުރައަށް ވުމުން، ބަލި ފެތުރުން އެންމެ ގާތީ ވެސް މިއުމުރު ފުރައިގެ ކުދިންގެ ސަބަބުން ކަމަށް ވުމުންނެވެ.

Like
Like Love Haha Wow Sad Angry