ޚަބަރު ފީތާ

އެމެކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުން ބޭސް ނުލިބިފައި

އެމެރިކާއިން އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިރާންގައި ފެތުރޭ މަދުން ނޫނީ ނުފެންނަ ބައްޔަކަށް ބޭސް އެތެރެ ނުކުރެވުމުގެ ސަބަބުން ވޭން ތަހައްމަލް ކުރަން ޖެހިފައިވާ ކަމަށް ބުނެފިއެވެ.

އެޕިޑަމޮލައިސިސް ބުލޯސާ (އީ.ބީ) އަކީ މަދުން ނޫނީ ނުފެންނަ އެހެންނަމަވެސް ނުރައްކާތެރި، އަދި ޖެނެޓިކަލީ ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ހީވާނީ އަލިފާނުން ގައިގެ ހަންގަނޑު ފިހިފައި ހުންނަހެނެވެ. އަދި މި ބަލި ޖެހިފައިވާ 1000 އަށް ވުރެ ގިނަ މީހުން އިރާންގައި މިހާރުވެސް އެބައުޅެއެވެ.

މިބަލީގެ ވޭން ތަހައްމަލް ކުރަމުންދާ ހާދީ ކުޚޮސްރަވީ ބުނެފައި ވަނީ، ހަންގަނޑުގައި ބޮޑެތި ފޮޅު ނަގައި ހަލާކުވުމުން ހޫނުފެން ގަޔަށް އެޅުމުން އަޅާކަހަލަ ވޭނެއް އަޅާ ކަމުގައެވެ. އަދި މިވޭން އަބަދުވެސް ތަހައްމަލް ކުރަން ޖެހިފައިވާ ކަމުގައެވެ. މިގޮތައް ފޮޅުތައް ނަގައި، ހަންގަނޑު އެއްކޮށް ހަލާކުވާން ފެށުމުން ގައިގާ އަޅާ ވޭނަކީ ބުނެދޭން ވެސް ނޭނގޭހައި ބޮޑު ވޭނެއް ކަމަށް އޭނާ ބުނެފައިވެއެވެ.

އެހެންނަމަވެސް މީގެ ކުރިން ސްވިޑަންގެ ބޭސް އުފައްދާ ކުންފުންޏަކުން އެތެރެ ކުރި ހާއްސަ ބޭންޑޭޖެއް ބޭނުން ކުރުމުން މި ތަދު ކުޑަވެ، ހަންގަނޑު ފަސޭހަވާން ފެށި ކަމަށް ވެސް އޭނާ ބުންޏެވެ.

ސްވިޑަންގެ މޮންލީކް ކުންފުނިން އުފައްދާފައިވާ މެޕިލެކްސް ބްރޭންޑްގެ ބޭސް ބެންޑޭޖް ބޭނުން ކުރުމުން އީ.ބީ ޖެހިފައިވާ މީހުންގެ ހަންގަނޑުގައި އުފެދިފައިވާ ފާރުތައް އަވަހަށް ފަސޭހެ ވުމަށް އެހީތެރިވެ، އަދި އެކަމުގެ ސަބަބުން އަޅާ ވޭން ކުޑަކޮށްދެއެވެ.

އެހެންނަމަވެސް 2018 ގައި އެމެރިކާގެ އެއިރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާންއާއި ދުނިޔޭގެ ބޮޑެތި ބާރުތަކާއި ދެމެދު 2015 ގައި ވެފައިވާ ނިއުކްލިއާ އެއްބަސްވުން އުވާލައި، އިރާނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އާންމު ކުރުމުން މޮންލީކް ކުންފުނިން އިރާނަށް ބޭސް އެތެރެ ކުރުންވެސް ވަނީ ހުއްޓާލާފައެވެ. މިކަމުގެ ސަބަބުން އީ.ބީ ޖެހިފައިވާ މީހުންނަށް ލިބެމުންދިޔަ ހަމައެކަނި ފަރުވާއަށް ވެސް ވަނީ ހުއްޓުމެއް އައިސްފައެވެ.

މެޕިލެކްސް ލިބުން ހުއްޓުމުން މި ބަލި ޖެހިފައިވާ މީހުންގެ ބަލި ބޮޑުވެ، ބައެއް މީހުންގެ ހަށިގަނޑުގައި މި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް ބައެއް ގުނަވަން ވެސް ބުރިކުރަން ޖެހިފައިވެއެވެ. އަދި މިބަލީގައި 30 އަށް ވުރެ ގިނަ މީހުން މިދުނިޔެ ވެސް ދޫކޮށްފައިވެއެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ބޭސް އެތެރެކުރުން ހުއްޓާލުމަށް މޮންލީކް ކުންފުނިން ނެރުނު ބަޔާނެއްގައި މާރޗް 2019 ގައި ބުނެފައި ވަނީ، އެމެރިކާއިން އިރާންއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އެކުންފުނިން އިރާންއާއި އެކު ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ކުރުން މިވަގުތައް ހުއްޓާލަން ނިންމާފައިވާ ކަމުގައެވެ.

އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުގައި ބުނާ ގޮތުގައި، އިރާންއާއެކު ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ކުރާ، ނުވަތަ އެހީތެރިވާ ޤައުމަކާއެކު ވެސް އެމެރިކާއިން ވިޔަފާރީގެ ގުޅުން ކަނޑާލާނެއެވެ.