ޚަބަރު ފީތާ

އިސްމާޢީލް ފަތުޙީ އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ސަރުކާރަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ އަދި ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ މ. އެވިލާ އިސްމާޢީލް ފަތުޙީ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފި އެވެ.

އިސްމާޢީލް ފަތުޙީ އަވަހާރަވީ ކޯވިޑު ބަލީގެ އާލާސްކަންފުޅުގައި މިއަދު ހަވީރު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ.

އިސްމާޢިލް ފަތުޙީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މި ޚަބަަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށާއި، އިސްމާޢީލް ފަތުޙީއަކީ، ރާއްޖޭގެ އޮޑިޓް ދާއިރާއާއި މާލީ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އިސްމާޢީލް ފަތުޙީއަކީ ސަރުކާރުގެ މުދަލާއި ފައިސާ ޚަރަދުކުރުމުގައި، ސަރުކާރުން ގެންގުޅުއްވި އުޞޫލުތަކާއި ގަވާއިދުތަކުގެ ތެރެއަށް ވަރަށް ބޮޑަށް ވެދެވަޑައިގެން ހުންނެވި އަދި އޮޑިޓް ދާއިރާގެ މަޢުލޫމާތު ލިބިވަޑައިގެން ހުންނެވި ތަޖްރިބާކާރު ބޭފުޅެކެވެ. 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތްތަކެއް އެމަނިކުފާނުވަނީ ކޮށްދެއްވާފައެވެ. އެމަނިކުފާނާ ހަވާލުކުރެއްވި ކޮންމެ މަޤާމެއް ފުރުއްވާފައިވަނީ، ވަރަށް ތެދުވެރިކަމާއި ވަފާތެރިކަމާއެކުގައެވެ.

އިންޑިއާގެ ބޮމްބޭ ޔުނިވަރސިޓީއިން ކޮމާސް ޑިގްރީއެއް ހާސިލު ކުރައްވައިގެން، 1969 ވަނަ އަހަރު ރާއްޖެ ވަޑައިގަތުމުން، އޯޑިޓް އޮފީހުގެ އޮޑިޓަރ ކަމުގެ މަޤާމު އެމަނިކުފާނަށް ދެއްވިއެވެ. އަދި އެ ހިސާބުން ފެށިގެން އޯޑިޓުގެ ދާއިރާއިން މުވައްޒަފުން ތަމްރީނު ކުރެއްވުމަށްޓަކައި ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް އިސްމާޢީލް ފަތުޙީ ފެށްޓެވިއެވެ.

ރާއްޖޭގައި އެއްވެސްކަހަލަ ޓްރޭނިންގ އިންސްޓިޓިއުޓްތަކެއް އުފެދިފައި ނެތް ދުވަސްވަރެއްގައި، އެކައުންޓެންޓުން ތައްޔާރުކުރެއްވުމުގައި، އިސްމާޢީލް ފަތުޙީ އިސްނަންގަވައިގެން ކުރެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަންޖެހެއެވެ. ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުމުގެ ގަވާއިދު، ފޮތެއްގެ ސިފައިގައި ފުރަތަމަ ނެރުމުގައިވެސް އިސްމާޢީލް ފަތުޙީގެ ހިއްސާ ވަރަށްބޮޑެވެ. މިދެންނެވި ގަވާއިދުތައް އެއްފޮތަކަށް ޗާޕުކުރައްވައިގެން އެންމެ ފުރަތަމަ ނެރުއްވީ 17 ޖެނުއަރީ 1974 ގައެވެ. އެއީ، ޕްރައިމް މިނިސްޓަރ އޮފީހުގެ ދަށުން އޯޑިޓް އޮފީސް ހިނގަމުންދިޔަ ދުވަސްވަރުގައެވެ.

ރާއްޖޭގައި ހުޅުވުނު އެންމެ ފުރަތަމަ ބޭންކް ކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ގޮފި ހުޅުވުނުއިރު، އެ ބޭންކްގައި ސަރުކާރުގެ އޮފީސްތަކުގެ އެކައުންޓްތައް ހިންގުމުގައި ހިސާބުތައް ގެންގުޅެންވީގޮތް އިންތިޒާމް ކުރެއްވުމުގެ މަސައްކަތުގައި އިސްމާޢީލް ފަތުޙީ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. މީގެއިތުރުން، ރާއްޖޭގެ ވިޔަފާރީގެ ތަރައްޤީގައި ބޭންކެއްގެ ޚިދުމަތް ނިހާޔަތަށް ބޭނުންވެފައިވާތީ، އެ ބޭންކް އުފެއްދެވުމުގައި ބަންގްލަދޭޝްގެ ސަރުކާރާއި އަދި އެ ސަރުކާރު ހިމެނިފައިވާ ކުންފުނި ކަމަށްވާ [އިންޓަރނޭޝަނަލް ފައިނޭންސް އިންވެސްޓްމަންޓް ކޮމްޕެނީ] އާ ކުރެވުނު މަޝްވަރާތަކުގައި އެންމެ މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅަކީ ފަތުޙީއެވެ.

އަލްމަރުޙޫމް އިސްމާޢީލް ފަތުޙީއަކީ ފިނޭންސްގެ ދާއިރާގައިވެސް 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 1979 ވަނަ އަހަރުގެ ކުރިން ސަރުކާރުގެ ބަޖެޓް ތައްޔާރު ކުރައްވަމުން ގެންދެވީ އޯޑިޓް އޮފީހުންނެވެ. ލިބޭ އާމްދަނީއަށްވުރެ ޚަރަދު ބޮޑުނުވާނެ ގޮތަކަށެވެ. އެހެން ނަމަވެސް، 1979 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ފަރާތުން ބަޖެޓް ސިޔާސަތު ބަދަލުކުރައްވައި، ތަރައްޤީގެ ބަޖެޓަކަށް އަމާޒު ކުރެއްވިއެވެ. އެމަނިކުފާނު ވަނީ ޑިރެކްޓަރ އޮފް ފިނޭންސްގެ މަޤާމުގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް ކަމުގެ މަޤާމުވެސް އެމަނިކުފާނު ފުރުއްވާފައިވެއެވެ.

11 ނޮވެމްބަރ 1993 ގައި އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމަށް އިސްމާޢީލް ފަތުޙީ ހަމަޖެއްސެވިއެވެ. އެދުވަހުން ފެށިގެން އޯޑިޓް އޮފީސް ރާއްޖޭގެ ތަރައްޤީއާ އެއްފެންވަރަށް ގެންނަވައި، ހަރުދަނާ ކުރެއްވުމަށްޓަކައި ތަފާތު މަޝްރޫޢުތައް ހިންގަވައި، ގިނަގުނަ މަސައްކަތްޕުޅުތަކެއް އެމަނިކުފާނު ކުރައްވާފައިވެއެވެ. އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމުގައި 14 އަހަރަށްވުރެ ގިނަ ދުވަހު ހުންނެވިއެވެ. ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަޤާމަށް 16 ޖެނުއަރީ 2008 ގައި އިސްމާޢީލް ފަތުޙީ ހަމަޖެއްސެވިއިރު، އެމަނިކުފާނު ހުންނެވީ އޮޑިޓަރ ޖެނެރަލް އަދި މިނިސްޓަރ އޮފް ސްޓޭޓް ކަމުގެ މަޤާމުގައެވެ.

1981 ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދެވުމުގައިވެސް އަލްމަރްޙޫމް އިސްމާޢީލް ފަތުޙީ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. ޤާނޫނުގައިވާ ގޮތުގެ މަތިން، އެ އޮތޯރިޓީގެ ވައިސް ގަވަރނަރ ކަމުގެ މަޤާމު އެމަނިކުފާނު އަދާކުރައްވަން ޖެހިވަޑައިގަތެވެ. ބޭންކްތަކާއި މަނިޓަރީ އޮތޯރިޓީއާ ދެމެދު ހިނގާ މުޢާމަލާތުތަކާއި، ދިވެހި ފައިސާގެ އަގު ހިފެހެއްޓެވުމުގަޔާއި، ޤައުމުގެ ތަރައްޤީއަށް ފަހިވާނެ ގޮތެއްގައި، އެ އޮތޯރިޓީގެ މަސައްކަތްތައް އެމަނިކުފާނު ކުރައްވާފައިވެއެވެ.

ދިވެހި ސަރުކާރު ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ގަވަރނަރކަމާއި އޯލްޓަރނޭޓް ގަވަރނަރުކަންވެސް އެމަނިކުފާނު ކުރައްވާފައިވެއެވެ. ޤައުމީ ތަރައްޤީގެ މަސައްކަތުގައި މިދެންނެވި މާލީ އިދާރާތަކާއި ސަރުކާރާ ދެމެދު ހިންގުނު ގިނަގުނަ މުޢާމަލާތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ޑިރެކްޓަރެއްގެ ގޮތުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވެވުމުގައި އިސްމާޢީލް ފަތުޙީ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަންވެސް އިސްމާޢީލް ފަތުޙީ، ދެފަހަރެއްގެ މަތިން ކުރައްވާފައިވެއެވެ.

Like
Like Love Haha Wow Sad Angry