
ކޮވިޑް ބަލީގައި ނިޔާވާ ގިނަ މީހުންނަކީ ވެކްސިން ނުޖަހާ މީހުން: ޑރ. ފައިސަލް
ކޮވިޑް-19 ގައި ގިނައިން ނިޔާވެފައި ވަނީ ވެކްސިން ނުޖަހާ މީހުން ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް ވިދާޅުވީ ރާއްޖޭގައި ކޮވިޑް ބަލީގައި ގިނައިން ނިޔާވެފައިވަނީ ދޮށީ އުމުގެ މީހުން ކަމަށާއި އޭގެތެރޭގައި ގިނައީ ވެކްސިން ނުޖަހާ ތިބި މީހުން ކަމަށެވެ.
ޑރ ފައިސަލް ވަނީ ދޮށީ އުމުރުގެ ބޭފުޅުން ވެކްސިން ޖެހުން ވަރަށް މުހިންމު ކަމަށް ފާހަގަކޮށްފައެވެ. އަދި ދޮށީ މީހުންގެ އިތުރުން އާންމުންވެސް ވެކްސިން ޖެއްސެވުމަށް އިލްތިމާސްކޮށްފައެވެ.
ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 103 މީހަކު ނިޔާވެފައިވާއިރު، އޭގެތެރޭގައި ގިނައީ އުމުރުން ދޮށީ މީހުންނެވެ. އަދި ހޮސްޕިޓަލުތަކުގައި މިވަގުތު 268 މީހުން މި ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޖުމްލަ 45،956 މީހުންނެވެ. އަދި 28،849 މީހުން ބަލިން ފަސޭހަ ވެފައިވެއެވެ.


