
ކޯވިޑް-19ގެ ނުރައްކާ މާބަނޑު މީހުންނަށް ބޮޑު، އިތުރަށް ސަމާލުވާން ޖެހޭ: ޑރ. ފައިސަލް
މާބަނޑު މީހުންނަށް ކޮވިޑް-19 ޖެހުމުން ނުރައްކާ ވަރަށް ބޮޑު ކަމަށާއި އެހެން ކަމުން މާބަނޑު މީހުން އިތުރަށް ސަމާލުވާން ޖެހޭކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ރޭ ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފައިސަލް ވިދާޅުވީ ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު މާބަނޑު މީހުން މިބައްޔަށް ހުށަހެޅޭ މިންވަރު އިތުރުވަމުންދާ ކަމަށާއި މި ބަލީގައި ހާލު ބޮޑުވާ މީހުންގެ ތެރޭގައި މާބަނޑު މީހުން ގިނަކަން ފާހަގަކުރެވޭކަމަށެވެ. އަދި އައިސީޔޫއަށްލާން ޖެހޭ މީހުންގެ އިތުރުން ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭ މާބަނޑު މީހުން ވެސް އެބަތިބި ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ މާބަނޑު މީހުން ޕޮޒިޓިވްވުމަކީ ވަރަށް ސީރިއަސް ކޮށް ވިސްނަން ޖެހޭ އަދި އެކަމާއި ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ. ޑރ. ފައިސަލް ވިދާޅުވީ މައިމީހާގެ އިތުރުން ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ނޭދެވޭ އަސަރު ކުރާ ކަމަށާއި އަދި ބައެއް ހާލަތުގައި ދަރިފުޅު ނިޔާވެ، އެބޯޓުވުން ފަދަ ހިތާމެރި ހާދިސާތައް ވެސް އެބަ ހިނގާ ކަމަށް ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޑރ. ފައިސަލް ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މާބަނޑު ދެ މީހަކު ދުވަސްނުފުރާ ވިހާފައިވާ ކަމަށާއި، އެ ކުދިންނަށް ވެސް ފަރުވާ ދެމުންދަނީ އެންއައިސީޔޫގައި ކަމަށެވެ. އަދި މާބަނޑު މީހުންނަކީ ހައިރިސްކް މީހުންކަން ފާހަގަކުރައްވައި ޑރ. ފައިސަލް ވިދާޅުވީ 35 އަހަރަށް ވުރެ އުމުރު މަތިނަމަ، ނޭވާ ހިއްލާނަމަ، ލޭމައްޗަށް ދާނަމަ ނުވަތަ ހަކުރު މައްޗަށްދާ ނަމަ ނުވަތަ އެހެން ދާއިމީ ބައްޔެއް ހުރި އަންހެނެއްނަމަ ރިސްކް އިތުރަށް ބޮޑުވާނެ ކަމަށެވެ.
ޑރ. ފައިސަލް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް މާބަނޑު އަންހެނުން ޚާއްސަކޮށް ސަމާލުވާން ޖެހޭ ކަމަށާއި އެހެންކަމުން މިހާރު މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖެހުމަށް ޑރ. ފައިސަލް ވަނީ އިރުޝާދުދެއްވާފައެވެ.


