އިންޑިއާ އިން އަންނަ ފަތުރުވެރިން ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކުގައި ތިބުން މަނާކޮށްފި
އިންޑިއާ އިން އަންނަ ފަތުރުވެރިން ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކުގައި ތިބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.
އެޗްޕީއޭ އިން މިގޮތަށް ނިންމީ އިންޑިއާގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނެވެ.
ރާއްޖެއިން މި ފިޔަވަޅު އަޅާފައ މިވަނީ އެގައުމުގައި ކޮވިޑުގެ ހާލަތު ގޯސްވެ، ބައެއް ގައުމުތަކުން އިންޑިއާގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދިނުން ވެސް ހުއްޓާލާފައިވާ ވަގުތެއްގަ އެވެ. އަދި ބައެއް ގައުމުތަކުގައި އިންޑިއާ އިން އަންނަ މީހުން 21 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތަކަށް އަންނަނީ ކަރަންޓީން ވެސް ކުރަމުންނެވެ.
އެޗްޕީއޭ އިން މި ފިޔަވަޅު އަޅާފައިވާ އިރު، އިންޑިއާ އިން އެފަދަ ގައުމުތަކަށް ދާން ބޭނުންވާ ގިނަ މީހުން ޓޫރިސްޓު ވިސާގައި ކަރަންޓީން ފުރިހަމަކުރުމަށް އަންނަނީ ރާއްޖެއަށެވެ. އަދި އެމީހުން ގިނައިން ތިބެނީވެސް ގެސްޓްހައުސްތަކުގަ އެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ، ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނަ އިރު އިންޑިއާގައި ހޭދަކޮށްފައިވާ ފަތުރުވެރިން ހިމެނޭ ގޮތަށް، އެގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ތަންތަނާ މުޅިން ވަކިން ހުންނަ ސިޓީ ހޮޓާތައް ފިޔަވައި ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީހޮޓާތަކަށް ޗެކްއިން ވުން ހުއްޓާލުމަށް އަންގާ ކަމަށެވެ.
ނަމަވެސް މިހާރު އެފަދަ ތަންތަނުގައި ޗެކްއިން ވެފައި ތިބި އިންޑިއާ އިން ދަތުރުކޮށްފައިވާ ފަތުރުވެރީންނަށް ބުކިން ހަދާފައިވާ މުއްދަތަށް ތިބެވޭނެ ކަމަށް ބުންޏެވެ.
މި ފިޔަވަޅުގެ އިތުރުން ކޮވިޑް-19ގެ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭ ގޮތަށް، އިންޑިއާ އިން ރާއްޖެއަށް ދަތުރުކުރާ މީހުންނާއި އިންޑިއާގައި ދިރިއުޅެފައިވާ މީހުން ރާއްޖެއަށް އެތެރެވުމަށް 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް ހުށަހަޅަންޖެހޭ ގޮތަށްވެސް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.
އޭގެ ތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ މީހުންވެސް ހިމެނޭނެއެވެ. އަދި އިންޑިއާ އިން ރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އައުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުމާއި 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވުމަށްވެސް ވަނީ އަންގައިފައެވެ.
އެފަދަ ފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ނެގެޓިވްވުމުން ކަމަށާއި އަދި އެގޮތަށް އަންނަ ފަތުރުވެރިންވެސް ރާއްޖެއިން ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓު ކުރަން ޖެހޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ