ހިލޭ ނަފްސާނީ ދުޅަހެޔޮކަން

އަގަކާ ނުލާވެސް ނަފްސާނީ ދުޅަހެޔޮކަމެއް ޙާސިލް ކުރެވިދާނެ ގޮތްތަކެއް ހުރެއެވެ. ނަފްސާނީ ދުޅަހެޔޮ ކަމަކީ ދުޅަހެޔޮ ސިއްހަތެއްގެ އަސާސެވެ.
ބޭރު ފުށުގެ ނުވަތަ އެތެރެ ހަށީގެ ބަލިތަކުން ރައްކާތެރިވެ ހުރުމުގެ އިތުރުން ސިކުނޑީގެ ހަމަޖެހުމާއި ހިތްހަމަ ޖެހުމާއި ހެޔޮ ވިސްނުން މަތީގައި ދެމި ހުރުމަކީ އެހެނިހެން ބަލިތަކަށް އެޅޭ ހުރަހެއް ކަމަށްވެދެއެވެ.
ހިތާމައާއި ހިތް ނުތަނަވަސްކަމުން ދުރުވުމަށް އެކި ބާވަތުގެ ތެރަޕީ އާއި، ކަސްރަތު ކުލާހެއް ނުވަތަ ޖިމް އަކަށް ދިއުން ނުވަތަ ބޭސް ފަރުވާއަކީ ބާރުގަދަ ފަރުވާއަކަށް ވެދާނެއެވެ.
އެހެނަސް އުފާވެރިކަމާއި ހިތްހަމަޖެހުމަކީ އަގަކާ ނުލާވެސް ހޯދިދާނެ ކަންކަމެވެ. އެފަދަ ބައެއް ކަންކަމަށް އަލި އަޅުވާލާނަމެވެ

މާހައުލުގެ އަޑުތައް

ވަށައިގެންވާ މާޙައުލުގެ އަޑު ތަކަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ވަރަށް ބޮޑެތި އަސަރު ތަކެއް ކުރުވާ އެއްޗެކެވެ. ބައެއް ފަހަރު ބައެއް މީހުންނަށް ވަކި ބާވަތެއްގެ އަޑެއް އަހާލުމުން ހިތަށް ހަމަޖެހުން ލިބޭއިރު އަނެއް ބަޔަކަށް ވާރޭ ވެހޭ އަޑާއި ދޫނި ގޮވާ އަޑުތައްފަދަ ޤުދުރަތީ އަޑުތަކުން އުފާވެރި ކަމާއި ހަމަޖެހުން ގެނުވައި ދެއެވެ.
މީގައި ސަމާލުކަން ދޭންވިކަމަކީ އެ ވަގުތާއި މޫޑަކާއި ގުޅޭ ފަދަ އަޑެއް އިޚްތިޔާ ކުރުމެވެ. މިސާލަކަށް އެއްވެސް ކަމެއް ކުރާ ހިތް ނުވެ، ފޫހިވެ ކަންނެތް ވެފައި އިންނަ އިރެއްގައި އެއްބަޔަކަށް، އެމީހެއްގެ މިޒާޖާއި ނުވަތަ މޫޑާއި ގުޅޭ ކަހަލަ އަޑެއް ނުވަތަ މަންޒަރެއް ބަލާލުމުން ކަންނެތްކަން ފިލުވާލައި ސިކުނޑި ހޭލައްވާލައި ނުވަތަ ހަރަކާތްތެރި ކުރުވައިދެނިވި ކަމަކަށް ވެދާނެއެވެ. އަދި އަނެއް ބަޔަކަށް ވަރަށް ރީތިކޮށް ކިޔަވާފައިވާ ޤުރްއާން އަޑުއަހާލުމަކީ ވެސް ސިކުނޑި ހަމަޖައްސުވައިދޭ ކަމެކެވެ

އިޝްތިހާރު Below Header ad
ތާޒާ ވައި

ސެން ފްރެންސިސްކޯގައި ސައިކޯތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ބެތް ޖޯންސް ބުނާ ގޮތުން، ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރުމުގެ ބަދަލުގައި ބޭރުތެރެއަށް ނިކުމެލާ ޤުދުރަތީ ތާޒާ ވައި ޖައްސާލުމަކީ ނަފްސު ހަމަޖައްސުވައިދީ ސްޓްރެސް ލުއިކޮށްދީ ދުޅަހެޔޮ ސިއްހަތެއް ލިއްބައި ދުނުމަށް މަގު ފަހި ކުރުވާ ކަމެކެވެ. މިގޮތުން ޖަޕާންގައި ޤުދުރަތީ ހިތްގައިމު މަންޒަރު ތަކާއި، އަޑު ތަކާއި ޤުދްރަތީ ދުނިޔޭގެ ވަސްތައް، (މިސާލަކަށް، މޫދު ކައިރީ ހިނގާއިރު ލޮނު ވަސް، ގަސް ގަހުގެ ފަތް ތަކުގެ ވަސް އަދި ވާރޭ ވެހި ބިންގަނޑު ތެމުމުން ދުވާ ތާޒާ ވެލި ވަސް) ބަލައި، ހޯދާ ލިބިގަނެ އެކަން ކަމުން ނަފްސާނީ ބައެއް ބަލިމަޑު ކަމަށް ފަރުވާ ހޯދައެވެ. އަދި މިގޮތަށް ފަރުވާ ލިބިގަތުމަށް ބޭނުން ކޮށް އުޅޭ ބަހަކަށް “ފޮރެސްޓް ބާތިންގ” އޭ ކިޔައި އުޅެއެވެ

އުފެއްދުންތެރި މަސައްކަތެއް ކޮށްލުން

ބައެއް މީހުންނަށް ތައްޔާރީ ހެދުމެއް ފިހާރައަކުން ގަނެލުމަށްވުރެ އަމިއްލައަށް ފަހާލުމުން އަމިއްލަ ނަފްސާމެދު ފަޚުރުވެރި ވެލެވި ހިތްހަމަ ޖެހުން ލިބެއެވެ. މީގެ އިތުރުން ކުރެހުން، ކުލަޖެއްސުން، ވިޔުން، ނުވަތަ ކަރުދާހުން ތަފާތު ވައްތަރުގެ މާ ފަދަ ތަކެތި ހެދުން ފަދަ ކަންކަމީ ބެތް ޖޯންސް ބުނާ ގޮތުގައި ޑިޕްރެޝަން އަދި އެންޒައިޓީ ފަދަ ނަފްސާނީ އުނދަގޫ ތަކުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ ކަންކަމެވެ.

ހުނުން

ހުނުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ “އެންޑޯރފިން” ކިޔާ ހޯރމޯން އެއްގެ ސަބަބުން ހާސްކަމާއި ނުތަނަވަސް ކަން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ދުރުކޮށްދީ މީހާ ހަމަޖައްސުވައި ދެއެވެ. ސައިކޯތެރަޕިސްޓް ބެތް ޖޯންސް އޭނަ ކައިރިއަށް ފަރުވާ ހޯދުމަށް އަންނަ މީހުންނަށް، ހެއްވާ މަޖާ ފިލްމެއް ނުވަތަ ސީރީޒް އެއް ނުވަތަ އެފަދަ ކޮމީޑިއަން އެއްގެ ހުށަހެޅުން ބަލާލުމުން ހިތާމަ އާއި ހާސްކަން ދުރުކޮށްދޭ ކަމަށް ލަފާދެއްވައެވެ

ދިރިއުޅޭ މާޙައުލު

ތިމާ ދިރިއުޅޭ މާހައުލު ނުސާފުވުން،ނުވަތަ ތަރުތީބެއް ނެތި ފުނިޖެހިފައި ހުރުމަކީ ވެސް އޭގެ ނޭދެވޭ އަސަރު ތައް ތިމާގެ މިޒާޖަށް ކޮށް މޫޑު ގޯސްވެދާނެ ކަމެކެވެ. ދިރި އުޅޭ ތަނާއި ގެންގުޅޭ ތަކެތި ތަރުތީބު ކުރެވިފައި، ސާފުކޮށްފައި އަދި ފަސޭހައި ފެންނަން ހުރުމަކީ އެކަމުގެ ސަބަބުން ރޫހާނީ އަދި ނަފްސާނީ ގޮތުން ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނުވައިދޭނެ ކަމެކެވެ. މީގެ އިތުރުން ހިތްދަތި ހަނދާން ތަކެއް އެތަނަކާއި ގުޅިފައިވާ ތަނެއްގައި ދިރި އުޅެމުން ގެންދަނީ ނަމަ އެ ތަނުގެ ތަރުތީބު އިހު ހުރި ގޮތް ނޫން ގޮތަކަށް ބަދަލު ކޮށްލުމުން ވެސް އެ ހަނދާންތަކާއި ދުރުވުމަށް އެހީވެދެއެވެ

ހަމަހިމޭން ކަމުގެ ވަގުތުކޮޅެއް ހޭދަ ކޮށްލުން
ފަހަރުގައި މިއީ މަޖާ ނުވަތަ ގަބޫލު ކުރަން ދަތި ވާހަކަ އަކަށް ވެދާނެއެވެ. އެހެނަސް ތަޖުރިބާކާރު ސައިކޮތެރަޕިސްޓް ބެތް ޖޯންސް އޭނާގެ ތަޖުރިބާގެ އަލީގައި، ދުވާލުގެ ވަގުތު ތަކުގެ ތެރެއިން ވަގުތު ކޮޅެއް އެކަނި ހަމަހިމޭން ތަނެއްގައި މީހަކާ ވާހަކަ ދެއްކުމެއް ނެތި ހޭދަ ކޮށްލުމަކީ، ލޭގެ ޕްރެޝަރ ދަށް ކޮށްދީ، ކަންކަން ދަސްކުރުމާއި އުނގެނުމާއި، ހަނދާންކުރުމާއި ގުޅިފައިވާ ސިކުނޑީގެ އައު ސެލް އުފެދުމަށް އެހީތެރިވެދޭ ކަމަށް އިރުޝާދު ދެއްވައެވެ
އިންޓަރނެޓް

އިންޓަރނެޓަކީ އެހެން ވަސީލަތްތަކެކޭވެސް އެއްފަދައިން އޭގެ ބޭނުން ނޭދެވޭ ގޮތުގަ ބޭނުން ކުރަން ވެއްޖެނަމަ ކަމުދާ އެއްޗަކަށް ނުވިނަމަވެސް ފައިދާ ހުރި ގޮތުގައި ބޭނުން ކުރާނަމަ އޭގެ ހެޔޮ އަސަރު ތައް ކުރުވާ އެއްޗެކެވެ. ތިމާ ފަދައިން ހިތްދަތި ކަމާ ބޯހާސްކަން ނުވަތަ ނުތަނަވަސްކަން ތަހައްމަލު ކުރަމުން ދާ އެހެން މީހުން އެނގި، އެމީހުންގެ ތަޖުރިބާ ތަކާއި ހައްލު އުނގެނި ކަމާބެހޭ މުރާސިލުންނާއި ޑޮކްޓަރުން ނުވަތަ ތެރަޕިސްޓުންގެ ލަފަޔާ އިރުޝާދު ތައް ހޯދި ދާނެ ވަރަށް ފުރިހަމަ ވަސީލަތެކެވެ

ލިސްޓް ކޮށްލުން

ޚިޔާލު ތަކާއި ފިކުރުތައް ސިކުނޑިއަށް ބުރަ ބޮޑުވާ މިންވަރަށް ގިނަ ވެއްޖެނަމަ ގަނޑެއްގައި ލިޔެލުމުން ނުވަތަ ލިސްޓް ކޮށްލުމުންހީވެސް ނުކުރާހާ ލުއި ވެގެން ދެއެވެ. ނަމަވެސް ފަހަރުގައި މިހެން ކަންތައް ކުރުމުން ބައެއް މީހުންނަށް އެކަމުން ވިސްނަން ބޭނުން ނުވާ ކަންކަމާ ދޭތެރޭ އިތުރަށް ފުންކޮށް ވިސްނި ކަންތައް އިތުރަށް ގޯސްވާ ފަހަރުވެސް އާދެއެވެ

އެހެންކަމުން ތިމާއަށް އެކަމެއް ކުރުމުން ލުއި ލިބޭނީ ކޮންކޮން ކަމަކުން ކަން ނިންމަން އެނގޭނީ ޚުދު ތިމާއަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.