ޑޮކްޓަރުން ބުނެނުދީ ހުންނަ ވާހަކަތައް: އަމިއްލަ އަށް މަރުވާ ހިތްވެއްޖެނަމަ އެކަން ނުފޮރުވާ ! (2)

އިންސާނާގެ ވިސްނުމަށް މިނުބައި ޢަމަލު ހިންގުމަށް އަންނަނީ ދިމާވާ ހިތްދަތި ނުވަތަ ނުތަނަވަސް ކަމަކުން ކަމަށް ހީކުރެވުނު ނަމަވެސް، ބައެއްފަހަރަށް މިބަލިޖެހޭމީހުންނަށް އެބަލިޖެހޭ މައިގަނޑު ސަބަބަކީކޮބައިކަން ދެނެއެއްނުގަނެވެއެވެ.
ބުނެދޭން ނޭނގޭ ކަމަކީ މިބައްޔަށް ފަރުވާނުކޮށްފިނަމަ މިބަލީގެ ނުރައްކާތެރިކަމުން މީހާ ސަލާމަތްވުމަކީ އިންތިހާދަރަޖައިގެ އުނދަގޫ ކަމަކަށްވެފައިވާކަމެވެ.

އަމިއްލަ އަށް މަރުވުމުގެ ފިކުރު އަންނަނީ ތިމާއަކީ ބޭކާރުމީހެއްކަމުގައި ދެކެވޭތީ ކަމަށް ހީކުރެވިފައި އޮތީ މުޅިން ރަނގަޅަކަށްނޫނެވެ. މިއާ ޚިލާފަށް ތިމާއަށް ކުރިމަތިކުރުވާ ކޮންމެވެސް އެހެން ހާލަތަކުން ނުވަތަ ތިމާގެ އަމިއްލަ ނިންމުމަކާއި ނުލާ މަރުވުމުގެ ޚިޔާލު ސިކުނޑީގެ ތެރޭގައި އޭގެ ޒާތުގައި އުފެދި އެކަމަށް ނުހަނު ބޮޑަށް މަޖުބޫރު ކުރުވާ ހާލަތެއް ބައެއްފަހަރަށް ކުރިމަތިކުރުވައެވެ. މިފަދަހާލަތެއް މެދުވެރިވުމުން ތިމާ އަމިއްލައަށް މަރުވާން ޖެހޭ ސަބަބަކީ ކޮބައިތޯ އަމިއްލަ ނަފްސާއި ސުވާލު ކުރިނަމަވެސް އެކަމަށް އެއްވެސްޖަވާބެއް ނުވާކަން އެހާލަތް ކުރިމަތިވެފައިވާ މީހާއަށް ދެނެގަނެވޭނެއެވެ. މިފަދަ ހާލަތެއްގައި އަމިއްލައަށް މަރުވާހިތްވުން ނުވަތަ ނިންމުމަކީ އޭނާ އަމިއްލައަށް ނިންމާނިންމުމަކަށްވުރެ އޭނާގެ މައްޗަށް ވެރިވާ ވަސްވާސްތެރި، ޚިޔާލެކެވެ. ނުވަތަ ތިންވަނަ ފަރާތެއްގެ ފުށުން އަންނަ ޚިޔާލެއްކަމަށް ތިމާއަށް އިޙްޞާސް ކުރެވޭނެއެވެ.
ވަސްވާސްތެރިކަމުގެ ތެރޭގައި ތިމާގެ އަމިއްލަ އިޚްތިޔާރަކާއި ނުލާއި އެކިކަހަލަ ފިކުރުތަކުން މިންޖުވެފައިވާ އިންސާނެއް ނުހުންނާނެއެވެ. އެހެންކަމުން އަމިއްލައަށް މަރުވުމުގެ ޚިޔާލު ދުނިޔޭގައި އުޅޭ ކޮންމެ ހަތަރު މީހަކުން އެކަކަށް އޭނާގެ ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި އަންނަކަމަށް ބެލެވިފައިވެއެވެ. އަދި އެކިމީހުންނަށް މި ޚިޔާލުތައް އަންނަނީ އެކިމިންވަރަށެވެ. ބައެއްފަހަރަށް އެޚިޔާލުތަކާއި މެދު ވިސްނާފިކުރު ހިންގަންފެށެނީ އިންސާނާ އަށް ހޯދިފައިނުވާ، ނުވަތަ އެނގިފައިނުވާފަދަ އަޖައިބު ކުރުވަނިވި ގޮތަކަށެވެ. މިފަދަ ހާލަތަކަށް ދިއުމުން ތިމާގެ ހަށިގަނޑުގެ ތެރޭގައި ނުވަތަ ތިމާއަށް ކަމަކަށް މަޖުބޫރު ކުރުވުމުގައި ކޮންމެވެސް ޝައިތާނީ ވަސްވާސްތެރިކަމެއް ވާކަމުގެ އިޙްޞާސް ކުރެވޭނެއެވެ.

އިޝްތިހާރު Below Header ad

ނަފްސާނީ ބަލިމަޑުކަމެއްގެ ތަޖުރިބާ ނުކުރާމީހަކަށް، ސިކުނޑި އޭގެ ޒާތުގައި އިންސާނާއަށް ކަންކަން މަޖުބޫރުކުރުވާ ހާލަތާއި ތިމާގެ މާބޮޑު ނިންމުން ތަކަކާއި ނުލާ އިންސާނާއަށް ގޮތްނިންމަން އަންނަ ނަފްސާނީ ބަލިމަޑުކަމުގެ ހާލަތަކީ މުޅިން އާދަޔާ ޚިލާފު ވާހަކައަކަށް ވެދާނެއެވެ. އަދި މިކަންކަމަކީ ސައިތޯނީ ވަސްވާސްތެރިކަމުގެ ތެރެއިން އިންސާނާގެ ވިސްނުމަށް ކިހާމިންވަރަކަށް އަސަރު ފޯރުވާނެ ކަމެއްކަން ދެނެނުގަނެވިދާނެއެވެ. އަދި ހަމައެހެންމެ ސައިތޯނީ ވަސްވާސްތެރިކަމާއި ރޫޚާނީ ކަންކަމަކީ އެއްގޮތަކަށްވެސް ނަފްސާނީ ބަލިމަޑުކަމާއި ގުޅުމެއް އޮވެދާނެ ކަމެއްކަމަކަށް 21 ވަނަ ޤަރުނުގައި ޤަބޫލުކުރަން ދަތިވެދާނެއެވެ. އެހެންނަމަވެސް ޤަދީމީ ޒަމާންތަކެކޭ އެއްފަދައިން މިއަދާއި ހަމައަށްވެސް ބުއްދިފިލާ ދިއުމާއި ނަފްސާނީ ބަލިމަޑުކަމުގެ އެތައްހާސް ބަލިތަކެއް ލިސްޓް ކުރެވިފައިވަނީ ބަލިޖެހޭ މައިގަނޑު ސަބަބާއި އެކަމަށް ކުރާނޭ އެންމެމޮޅު ފަރުވާ ހޯދުމުގައި ގިނަގޮންޖެހުންތަކެއް ހުރިކަމަށް އެއްބަސްވާހާލުގައެވެ. ސައިތާނީ ވަސްވާސްތެރިކަމުން އުފަންވާ ބަލިމަޑުކަމަށް ޑޮކްޓަރީ ފަރުވާއިން ދާއިމީ ހައްލެއް ހޯދައިނުގަނެވޭކަން ޤަބޫލު ކުރުމަކީ ޑޮކްޓަރީ ފަރުވާގެ ނުކުޅެދުންތެރިކަމަކަށްވުރެ އެފަރުވާ ހާއްޞަ ވެފައިވާ އޮނިގަނޑުންބޭރަށް ފަރުވާގެ މިންގަޑު ފަހަޅަ އަޅާ ނުދާނެކަން ޤަބޫލުކުރުމެކެވެ.

އަހަރެމެން އާދައިގެ މީހަކު ހީކުރާގޮތުގައި މީހަކު ހަމަހޭގައި ނުވަތަ ބުއްދި ސަލާމަތުން ހުރެ އަމިއްލައަށް މަރުވުމުގެ ޢަމަލެއް ނުހިންގާނެއެވެ. އެހެނަސް ހަޤީޤަތަކީ އަހަރެމެންގެތެރެއިން ހަމަ ކޮންމެމީހަކަށްވެސް އެފަދަ ހާލަތަކަށް އޭނާގެ ބުއްދި ހިނގައިދާނެކަމެވެ. ނުވަތަ އަމިއްލައަށް މަރުވުމުގެ ޚިޔާލު ވިސްނުމުގެ ތެރެއަށް އައިސް އެކަން މަޖުބޫރުކޮށްފާނެކަމެވެ. މިގޮތަށް މިކަންދިމާވުމުން ނަފްސާނީ ބަލީގެ ތެރެއިން ބައްޔަކަށް އެމީހާ ލިސްޓްކުރެއެވެ.
އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވަރަށްބޮޑަށް ޙަރާމް ކުރެވިފައިވާ ޢަމަލެކެވެ.

މިގޮތުން ކީރިޤުރުއާނުގެ ނިޝާ ސޫރަތުގެ 29 ވަނަ އާޔަތުގައިވަނީ:
” ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.” ( ސޫރަތުލް ނިޝާ 29 )
ބައެއްމީހުން ދެކޭގޮތުގައި އަމިއްލަ އަށް މަރުވުމުގެޚިޔާލު އަންނަނީ އަޤީދާބަލިކަށިވުމުންނެވެ. ހަމަޔަޤީނުންވެސް ދެނެގަނެވޭ ކަމަކީ މިފަދަ ޚިޔާލެއް ކޮންމެމީހަކަށް އައިނަމަވެސް އެމީހާގެ އީމާންތެރިކަމާއި ކެތްތެރިކަން މުހިއްމުކަމެވެ. އަދި ހަމައެހެންމެ މިފަދަ ބަލިތަކުން ރައްކާތެރިކުރެއްވުމަށް ﷲ ގެ ހަޒްރަތުން ދުޢާއަށް އަބަދުމެ އެދެންޖެހޭނެކަމެވެ.

އެކިފަހަރު އެކިރަހުމަތްތެރިންގެ ކިބައިން ދުވަހަކުވެސް މަރުވާން ބޭނުންވިތޯ ނުވަތަ އެފަދަ ޚިޔާލެއް އައިތޯ އަހަރެން މިފޮތް އެކަށައަޅާލުމުގެ މަސައްކަތް ކުރަމުންދިޔައިރު ސުވާލު ކުރީމެވެ. ބައެއްމީހުން ނުހަނު ލަދުވެތި ކަމާއި އެކު އެފަދަ ވިސްނުމެއް ކޮންމެވެސް ދުވަސްވަރެއްގައި އައިކަމަށް އެއްބަސްވެއެވެ. އަދި ވަރަށް އެކަހެރިކޮށް އެހާމެ ސިއްރިޔާތުގައި އެކަން ވަންހަނާކުރިކަމަށް އެއްބަޔަކު އެއްބަސްވާއިރު އެކަމުން ކިރިޔާ ސަލާމަތްވި ކަމަށްބައެއްމީހުންގެ ވާހަކަތަކުގައި ކިޔައިދެއެވެ.
މި ލިޔުމުގެ ފުރަތަމަ ބައި ކިޔާލުމަށް މިލިޔުމަށް ފިތާލައްވާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.