
އިޙްޔާ ފޯރަމްގެ ފުރަތަމަ ޖަލްސާ މިރޭ..
ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވާ ”އިޙްޔާ ފޯރަމް“ ގެ ފުރަތަމަ ޖަލްސާ މިރޭ އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މިރޭގެ ޖަލްސާގައި ތަޤްރީރުކުރައްވާނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްކަމަށެވެ.
އެ މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މި ފޯރަމް ރަމަޟާންމަހަކު ހަފުތާއަކު ދެ ރޭ ބޭއްވުމަށް ވަނީ ނިންމާފައެވެ. އެއީ ހޯމަ ދުވަހުގެ ރެއާއި ބްރާސްފަތި ދުވަހުގެ ރެއެވެ.
ޢާންމުންނަށް ހުޅުވާލައިގެން ބާއްވާ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ 21:30ގައި އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ.
އިޙްޔާ ފޯރަމަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި 1980 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. އަދި 2008ވަނަ އަހަރު އެމަނިކުފާނު ވެރިކަމުން ވަކިވެވަޑައިގަތުމާއި ހަމައަށްވެސް ޤަވާޢިދުން އެ ޕްރޮގްރާމު ވަނީ ކުރިއަށް ގެންދަވާފައެވެ.
އިޙްޔާ ފޯރަމް ނުވަތަ ޕްރޮގްރާމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދީނީ ޢިލްމުވެރިންނާއި ޚުދު ރައީސް މައުމޫންވެސް ވަނީ ތަޤްރީރު ކުރައްވާފައެވެ.



