ދީނީގޮތުން މުޖުތަމައު ހޭލުންތެރި ކުރުވުމަށް ނ ފޮއްދޫގައި ހަދާފައިވާ އަމިއްލަ ޖަމްޢިއްޔާއެއް ކަމުގައިވާ ޖަމްޢިއްޔަތުލް-ނިދާއު-އަލް-އިސްލާމްއިން އިސްނަގައިގެން ފޮއްދޫ ސްކޫލުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.
އެ ޖަމްޢިއްޔާއިން މައުލޫމާތު ދޭގޮތުގައި މި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވާ ހޮނިހިރު ދުވަހުގެ ހަވީރުގައި އެރަށު އިރުމަތިފަރާތު ގޮނޑުދަށުގައެވެ.
ހަވީރު 4:15 އައި 17:30 އަށް ފޮއްދޫ އިރުމަތީ ފަރާތު ގޮނޑުދަށުގައި ބޭއްވޭ މި ކުޑަކުދިންގެ ހަވީރުގައި ގިނަ ހަރަކާތްތަކެއްވެސް ކުރިޔައް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ނިދާއު-އަލް-އިސްލާމް ޖަމިއްޔާގެ ރައީސް އިބުރާހިމް ވާފިރު ވިދާޅުވީ އެ ޖަމިއްޔާއިން އިސްނަގައިގެން މިމަހުގެ 22 ވަނަ ދުވަހު ބާއްވާ މި ކުޑަކުދިންގެ ހަވީރަކީ އެ ޖަމިއްޔާއިން އިސްނަގައިގެން އެރަށުގައި ސްކޫލްކުދިންނަށް އަމާޒުކޮށްގެން ބޭއްވޭ ދެވަނަ ކުޑަކުދިންގެ ހަވީރުކަމަށެވެ.
އަދި މި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނާއި ގުޅޭ ކަހަލަ ގިނަ ކުޅިވަރުތަކާ ކުޑަކުދިންގެ މަދަހަ ކިޔުންވެސް މި ހަވީރުގައި އޮންނާނެ ކަމަށް ވާފިރު ވިދާޅުވިއެވެ.
“ އަޅުގަނޑުމެންގެ ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވާ މި ކުޑަކުދިން ގެ ހަވީރަކީ ފޮއްދޫ ކުޑަކުދިންނަށް ހާޞްކޮށްގެން ބޭއްވޭ ހަވީރެއް. މި ހަވީރުގައި ގިނަ ކުޅިވަރުތަކާއި ކުޑަކުދިންގެ މަދަހަކިޔުންވެސް އޮންނާނެ. މި ހަވީރަށް ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިވާނެ.“ ނިދާއު-އަލް-އިސްލާން ޖަމިއްޔާގެ ރައީސް ވާފިރު ވިދާޅުވިއެވެ.
ނިދާއު-އަލް-އިސްލާން ޖަމިއްޔާ އަކީ ފޮއްދޫގައާއި އެއަތޮޅު އެކި އެކިރައްރަށުގައި ދީނީގޮތުން އެއަތޮޅުގެ ރައްޔިތުން ހޭލުންތެރި ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައިވާ އަދި މިހާރުވެސް ހިންގަމުންދާ ޖަމިއްޔާއެއްކަން ފާހަގަކޮށްލެވެއެވެ.