ދިރޭތަކެތީގެ ނަސްލާއިބެހޭ 6 ވަނަ ރިޕޯޓާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ފަށައިފި
ދިރޭތަކެތީގެ ނަސްލާއިބެހޭ 6 ވަނަ ރިޕޯޓާއި ބެހޭގޮތުން މަޝްވަރާކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު އެއްދުވަހުގެ ބައްދަލުވުމެއް ފަށައިފިއެވެ.
މި ރިޕޯޓަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާއެއްކަމަށްވާ ”ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާރސިޓީ“ ގެ ދަށުން ލާޒިމްކުރާ މަސްއޫލިއްޔަތެއްގެ ދަށުން އެކުލަވާލެވޭ ރިޕޯޓެކެވެ.
1992 ވަނަ އަހަރު ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ (ސީ.ބީ.ޑީ) އަކީ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާއި އޭގެ ބޭނުން ދެމެހެއްޓެނިވި ގޮތުގައި ކުރުމާއި ދިރޭތަކެތީގެ ނަސްލާއި ދިރުންތަކުން ލިބޭ ފައިދާ އިންސާފުވެރި ހަމަހަމަ އުސޫލެއްގެ ދަށުން ލިބޭގޮތް ހެދުމުގެ މަޤްޞަދުގައި އުފެދުނު މުއާހަދާއެކެވެ.
މިއަދު މި ބޭއްވި ބައްދަލުވުމުގައި ސަރުކާރުގެ ކަމާގުޅުންހުރި މުޢައްސަސާތަކުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ޖުމްލަ 30 ބޭފުޅުން ބައިވެރިވެއެވެ.
ދިރޭތަކެތީގެ ނަސްލާއިބެހޭ 6 ވަނަ ރިޕޯޓުގައި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ލަނޑުދަނޑިތަކާއިބެހޭ މަޢުލޫމާތު ހިމެނޭނެއެވެ.
އެގޮތުން މި ލަނޑުދަނޑިތަކުގެ ތެރޭގައި“ނޭޝަނަލް ބަޔޯޑައިވަރސިޓީ އެކްޝަން ޕްލޭން“ ތަންފީޒުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ހިމެނެއެވެ. އަދި އެ ތަންފީޒުކުރުމަށް ޓެކްނިކަލް ގޮތުންނާއި ސައިންޓިފިކްގެ ގޮތުން އަދި ކެޕޭސިޓީގެ ދަތިތައް ހުރި މިންވަރާއި ދިމާވާ ގޮންޖެހުންތަކުގެ ތަފްސީލު މި ރިޕޯޓުގައި ހިމެނޭނެއެވެ.
މި ރިޕޯޓު އެއްކޮށް އެކުލަވާލުމަށްފަހު މި މަހުގެ ތެރޭގައި ހުށަހެޅޭނެއެވެ. ކޮންމެ ދެ އަހަރަކުން ހަދާ މި ރިޕޯޓަކީ ދިރޭތަކެތީގެ ނަސްލުގެ ހާލަތު ދައްކުވައިދޭ ރިޕޯޓެކެވެ.