
ވީހާވެސް ގިނަ ބަޔަކު ނުކުމެ ވޯޓުލުމަށް ރައީސް އެދިވަޑައިގެންފި
ވީހާވެސް ގިނަ ބަޔަކު ނުކުމެ ވޯޓުލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިހެން އެދިވަޑައިގެންނެވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019ގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ދާއިރާއަށް ވޯޓުލެއްވުމަށްފަހު، މީޑިއާއަށް ދެއްވި ކުރު ބަސްދީގަތުމެއްގައެވެ.
އެމަނިކުފާނު ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮށްޓަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ވޯޓުލުމުގެ އިންތިޒާމު ކުރިއަށްދާގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
”މިނިވަންކަމާ އެކު ވޯޓުލުން ކުރިއަށްދަނީ. އެކަމާ އުފާކުރަން“ ރައީސް ސާލިޙު ވިދާޅުވިއެވެ.
ރައީސް ސާލިހު ވޯޓުލައްވާފައިވާ އިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް މިހާރު ވަނީ ވޯޓުލައްވާފައެވެ.

މި އިންތިޚާބުގައި 264،589 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. އަދި 386 ކެންޑިޑޭޓުން ވާދަކުރައްވާ އިރު، 501 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.