ދަރިފުޅު އިންޓަނެޓު ބޭނުން ކުރޭތަ؟ އެހެން ވިއްޔާ ސަމާލުވޭ

އިންޓަނެޓަކީ މިއަދު އެއާނުލާ ދިރިއުޅެންވެސް އުނދަނގު ވަސީލަތެކެވެ. މިޒަމާނުގައި އަސާސީ ބޭނުމެއްގެގޮތުގައި ހިމެނޭ އެންމެ މުހިންމު އެއްވަސީލަތަކީ އިންޓަނެޓުގެވަސީލަތެވެ.

އިންޓަނެޓުގެ ވަސީލަތް އާންމުވެފައިވާއިރު، އާބާދީގެ 98 އިން ސައްތަ މި ޚިދުމަތުގެ ބޭނުންކުރެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނެއެވެ. އިންޓަނެޓަކީ ހެޔޮގޮތުގައި ބޭނުންކޮށްފިނަމަ ވަރަށް ފައިދާވާނެ ރަނގަޅު ވަސީލަތެކެވެ. ގޯސް ގޮތުގައި ބޭނުން ކޮށްފިނަމަ އޭގެ އިދިކޮޅެވެ. ގޯސް ގޮތުގައި ބޭނުން ކުރާނަމަ އިންޓަނެޓަކީ ނުރައްކާތެރި ހަތިޔާރެކޭވެސް ބުނެވިދާނެއެވެ.

އިޝްތިހާރު Below Header ad

އެގޮތުން އިންޓަނެޓުގެ ވަސީލަތް ހެޔޮގޮތުގައި ބޭނުން ކުރުމަށް އަޅުގަނޑުމެންގެ ޅަ ދަރިންނަށް ދަސްކޮށްދޭންޖެހެއެވެ. މީޑިޔާގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ މި ދުވަސްވަރު އެކަމުން ކުދިންނަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން އަހަރެމެންގެ ކުދިންރައްކާތެރިކުރަން މަސައްކަތްކުރަންޖެހެއެވެ.  މިއީ ފަސޭހަކަމެއްވެސް ނޫނެވެ. އެހެން ނަމަވެސް މަސައްކަތްކޮށްފިނަމަ ކިތައްމެ އުނދަގޫ ކަމެއްވެސް ކާމިޔާބުވެދާނެއެވެ. އެގޮތުން މިކަމަށް ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ.

ލެޕްޓޮޕާއި މޯބައިލް ފޯން ފަދަ ތަކެއްޗަކީ ފަސޭހައިން އިންޓަނެޓަށް ވަނުމަށް ބޭނުން ކުރެވިދާނެ ވަސީލަތްތަކެކެވެ. އެގޮތުން މޯބައިލް ފޯނެއް ނުވަތަ ލެޕްޓޮޕެއް ނެއް ކުއްޖަކު މިއަދު މި މުޖުތަމައުގައި މަދުވާނެއެވެ. މިއީ ދަރިންގެ ދިރިއުޅުން ހެޔޮގޮތުގައި ބައްޓަން ކުރުމަށް މައިން ބަފައިން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ. މޯބައިލް ފޯނާ ލެޕްޓޮޕްފަދަ ތަކެތި ހުރުމަކުން އަދި އެތަކެތީގެ ބޭނުންކުރުމަކުން ގޯހެއްނެތެވެ. އެތަކެތީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޅުގަނޑުމެންގެ ޅަ ދަރީންނަށްދަސްކޮށްދީ އެކަމުން އެކުދިންނަށް ލާބަޔާއި މަންފާކުރާނެ ގޮތް މައިންބަފައިން ދަސްކޮށްދޭންޖެހެއެވެ. މިގޮތަށް ދަރިންނަށް ދަސްކޮށްދެވިފައިވަނީ ކިތައް މައިންބަފައިންނަށްތޯއެވެ. މާލީ ތަނަވަސްކަން ހުންނަ މައިންބަފައިންނަށް އެތަކެތި ހޯދައިދިނުމަކީ ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް ކުއްޖާ އެ ވަސީލަތްތައް ބޭނުންކުރުމުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި ތަންފީޒު ކުރުމަކީ ފަސޭހަކަމެއް ނޫނެވެ.

ގޭގައި އިންޓަރނެޓަށް ވަދެވޭނެ ވަސީލަތް ގާއިމް ކުރަން ބޭނުންވާނަމަ އެންމެ ރަގަޅުވާނީ ޑެސްކްޓޮޕް ކޮމްޕިއުޓަރއެއް މެދުވެރިކޮށް އެވަސީލަތް ގާއިމް ކުރުމުންނެވެ. ކޮމްޕިއުޓަރ ބެހެއްޓުން އެންމެ ރަގަޅީ އާންމުކޮށް މީހުން އުޅޭ ތަނެއްގައެވެ. އެގޮތުން ގޭގެ ސިޓިންރޫމްގައި ކޮމްޕިއުޓަރ ބެހެއްޓިދާނެއެވެ. ކޮމްޕިއުޓަރ ބޭނުން ކުރުމާއި ގުޅޭ ހަރުދަނާ އުސޫލެއް ގާއިމް ކުރުން ވަރަށް މުހިއްމެވެ. އުސޫލުތައް ގާއިމް ކުރުމުގައި ކުއްޖާގެ ހިޔާލު ހޯދުމަކީ ތަންފީޒުކުރަން ފަސޭހަވާނެ ކަމެކެވެ.

އިންޓަރނެޓް ޒަރިއްޔާއިން ނުދަންނަ މީހުންނާ މުއާމަލާތު ކުރެވިގެންނުވާނެ ވާހަކަ ކުއްޖާ ގާތު ބުނަންވާނެއެވެ. އިންޓަރނެޓް ބޭނުންކޮށްގެން މީހުން ހިންގާ ބޮޑެތި ޖަރީމާތަކުން ކުއްޖާ ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުން އިންތިހާއަށް މުހިއްމެވެ. އިންޓަރނެޓް މެދުވެރިކޮށް ލިބޭ ހުރިހާ މައުލޫމާތަކީ ތެދު ހަގީގަތް ނޫންކަމަށާއި ތެދު މައުލޫމާތު ހޯދުމަށް ޢަމަލު ކުރަންވީ ގޮތްގޮތާއި އިތުބާރު ކުރެވޭ ވެބްސައިޓްތައްކުއްޖާއަށް ކިޔައިދޭށެވެ.

އިންޓަނެޓަކީ ތޫނު ވަޅިއެއްފަދަ އެއްޗެކެވެ. އެ ހެޔޮގޮތުގައި ބޭނުންކޮށްފިނަމަ ފައިދާ ވަރަށް ބޮޑުވާނެއެވެ. އެ ނޭދެވޭގޮތުގައި ބޭނުންކޮށްފިނަ ގެއްލުން އެހާ ބޮޑުވާނެއެވެ. ޝައިތާނާގެ ވަސްވާހުގެ އަސަރު ކުއްޖާއަށް އަބަދުވެސް ކުރާނެއެވެ. އެކަން އަބަދުވެސް ހަނދާން ބަހައްޓަން ވާނެއެވެ.

ކޮމްޕިއުޓަރ ބޭނުންކޮށްގެން ކުއްޖާ ކުރާކަންކަމާމެދު ފާރަވެރިވާށެވެ. ކުއްޖާގެ ފަރާތުން އާދަޔާޚިލާފް އެއްވެސްކަމެއް ފެންނަނަމަ އެކަމާ ގުޅޭގޮތުން ކުއްޖާއާ ސުވާލު ކުރަންވާނެއެވެ. ކުއްޖާއަށް މައިންބަފައިން އިތުބާރު ކުރާކަން ދައްކަންވާނެއެވެ. ކަންކަމާއިގުޅޭގޮތުން ސުވާލުކުރަނީ ނޭނގިނަމަވެސް ކުއްޖާއަށް ގޯސް މަގެއް އިހްތިޔާރު ކުރެވިދާނެތީކަން ކުއްޖާއަށް ބުނެދިނުން މުހިއްމެވެ. ކަމެއް އޮޅުންފިލުވަން ސުވާލުކުރާއިރު ތަހުގީގުކުރާ އުސޫލުން ސުވާލުކުރުން ރަގަޅެއް ނުވާނެއެވެ.

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި ދިމާވާ ކަންކަމާމެދު ރުޅި އިސްކުރުމުގެ ބަދަލުގައި ކެތްތެރިކަން އިސް ކުރައްވާށެވެ. ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅުއްވާށެވެ. ކަންކަން ގޯސްކޮށް ދާކަމަށް ބެލެވުނަސް މާޔޫސްވެ ނުލައްވާށެވެ. ތަކުރާރުކޮށް ހަނދާންކޮށްދޭން ޖެހުނަސް ނުވާނޭ ކިޔާފައި ހުއްޓާނުލާށެވެ. ގޯސްކަމަށް ބެލެވުނު ކަމުގެ ފަހަތުގައި މާރަގަޅުކަމެއްވެސް އޮވެދާނެއެވެ. އަމާޒެއް އޮވެގެން މަސައްކަތް ކުރާނަމަ ކާމިޔާބު ވާނެއެވެ. އެދޭކަމެއްގައި އުއްމީދު ކަނޑާ ނުލާށެވެ. ކާމިޔާބީއަކީ މަސައްކަތްތެރިންގެ ހައްގެކެވެ. ބުރަ މަސައްކަތުން ހޯދާ ކާމިޔާބީ ފޮނިވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.