
މާލޭގެ މަގުތަކުގައި ހަރުކުރެވިފައިވާ ބައްތިތައް ލެޑް ލައިޓަށް ބަދަލުކުމުގެ ޕްރޮގްރާމެއް ފަށައިފި
މާލޭގެ މަގުތައް ދިއްލުމަށް ހަރުކުރެވިފައިވާ ބައްތިތައް ލެޑް ލައިޓަށް ބަދަލުކުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިއަދު ފެށި މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަންއެވެ.
މިއީ ހަކަތަ ސަމަކާރަ (އެފިޝަންޓް) ކުރުމާއި އިއާދަކުރަނިވި ހަކަތައާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި އިންޑިއާގެ އެނަރޖީ އެފިޝަންސީ ސަރވިސަސް ލިމިޓެޑް (އީ.އީ.އެސް.އެލް) އާއި ދެމެދުކޮށްފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގއެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިއަދު ފެށި ޕްރޮގްރާމްގެ ދަށުން މާލޭގެ 2500 މަގު ބައްތި އެލްއީޑީ ބައްތިއަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފާއި އިންޑިއާގެ އެމްބެސެޑަރ ހިސް އެކްސަލަންސީ މރ. ސަންޖޭ ސުދިރް އަދި އީ.އީ.އެސް.އެލްގެ މެނޭޖިންގ ޑިރެކްޓަރ މރ. ސައުރަބް ކުމާރު އަދި އިންޑިއާއާއި ދިވެހި ސަރުކާރުގެ އޮފިޝަލުން ބައިވެރިވެ ވަޑައިގަތެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ އެންވަޔަރްމެންޓް މިނިސްޓަރ ވިދާޅުވީ މިއަދަކީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ދުނިޔެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އިންޑިއާއި ދިވެހިރާއްޖެ ގުޅިގެން އެކުގައި މަސައްކަތްކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އިންޑިއާގެ އެމްބެސެޑަރ މރ. ސަންޖޭ ސުދިރް ދެއްކެވި ވާހަކައިގާ ދެމެހެއްޓެނިވި ތަރައްޤީއަށް އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާ އިންޑިއާގައި ކާމިޔާބުކަމާއިއެކު ހިންގި ’އުންނަތް ޖޯތީ ބައި އެފޯޑަބަލް ލެޑްސް ފޮރ އޯލް (އުޖާލާ)‘ އަދި ’ސްޓްރީޓް ލައިޓިންގ ނެޝަނަލް ޕްރޮގްރާމް (އެސް.އެލް.އެން.ޕީ)‘ ޕްރޮޖެކްޓްގެ އެނަރޖީ އެފިޝަންޓް ޓެކްނޮލޮޖީތައް ރާއްޖެއަށް ފޯރުކޮށްދީ މާލޭގެ މަގުތައް އަލިކޮށް ރައްކާތެރި މާހައުލެއް ޤާއިމްކުރުމަށް އެހީތެރިވެދެވުމަކީ އިންޑިއާއަށް ލިބޭވަރަށް ބޮޑު އުފަލެއްކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި ދިވެހި ސަރުކާރުގެ ބައިވެރިވުމަށާއި ދެއްވި އިސްކަމަށް ޝުކުރުދެންނެވިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި އީ.އީ.އެސް.އެލް އާއި ދެމެދު ވެފައިވާ ފަހުމުނާމާގެ ދަށުން، މިއަދު މި ފެށުނު މާލޭގެ މަގު ބައްތިތައް އެލްއީޑީ އަށް ބަދަލުކުރުގެ ޕްރޮގްރާމާއި ކަރަންޓުގެ ޚަރަދު ކުޑަ ލެޑް ބޮކި ގޭބިސީތަކަށް ބެހުމަށްވެސް ވަނީ އެއްބަސްވެވިފައެވެ.
މި މަޝްރޫޢަކީ އީ.އީ.އެސް.އެލް އިން އިންޑިއާގައި ކާމިޔާބުކަމާއިއެކު ހިންގާފާއިވާ އުޖާލާ އަދި އެސް.އެލް.އެން.ޕީ ނަމޫނާއަކަށް ބަލައިގެން ހިންގާ ޕްރޮގުރާމެކެވެ. ތިމާވެއްޓަށް ފައިދާވުމާއި ލެޑް ބޮތްކަކީ ގިނަދުވަހު ގެންގުޅެވި، ބޮޑަށް އަލިކޮށްދޭ އަދި ހަކަތަ ސަމަކާރަކޮށްދޭ އާލާތެކެވެ.
މިމަޝްރޫޢުގެ ސަބަބުން 66.61 މިލިއަން ކިލޯވޮޓް އަވަރ ގެ ހަކަތަ ސަލާމަތްކުރެވި، 291 މިލިއަން ރުފިޔާގެ ޚަރަދު ސަލާމަތްކުރެވޭނެއެވެ. އަދި ޖައްވަށް ދޫކެވޭ ގްރީންހައުސް ގޭސް ބޭރުވާ މިންވަރު އަހަރަކު 54،616 ޓަނު މަދުކުރެވޭނެއެވެ.



