ފޭސްބުކްގެ ބޭނުން ރަނގަޅުގޮތުގައި ހިފުން

އެއްކައުވަންތަ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ އަދަދު ގުނަ ނުކުރެވޭނެއެވެ. އެންމެ ކުދިން އެންމެ ބޮޑަށް ބެލިޔަސްމެއެވެ. އެގޮތުން އިންޓަނެޓަކީވެސް ހަމަ މިފަދަ  ނިޢުމަތެކެވެ. އޭގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ، އޭގެ ސަވާބާއި ދަރުމަ އިތުރުވެގެން ދާނެ ނިޢުމަތެކެވެ. މިއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހަމަ އެއާއެކު އެއީ އޭގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފި މީހަކަށް ހުރި ބޮޑުވެގެންވާ ވަބާއެކެވެ. ބައްޔެކެވެ.

ޢިއްޒަތްތެރި ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ލޮބުވެތި އެކުވެރިންނޭވެ. ލޮބުވެތި ޒުވާނުންނޭވެ! ވިސްނާލާށެވެ. މިއަދުގެ މި މުޖުތަމަޢުގައި އެންމެ މަޤުބޫލު އަދި އެންމެ ގިނަބަޔަކުޔ ބޭނުންކޮށްއުޅޭ ސޯޝިއަލް މީޑިއާގެ ބާވަތަކީ ފޭސްބުކްއެވެ. ޚާއްސަކޮށް މިއަދުގެ ޒުވާންޖީލެވެ. ރެއާއި ދުވާލު މެދުނުކެނޑި ބޭނުންކުރަމުންގެންދާ ފޭސްބުކް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ހޭދަކުރާ ވަގުތުތަކުގެ ތެރެއިން ﷲ އަށްޓަކައި ހޭދަކުރެވުނީ ކިހާ ވަގުތެއްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ. ހަމަ ޔަޤީނުން އެނގޭ އެއް ކަމެއް އެބަ އޮތެވެ. އެއީ އަޅުގަނޑުމެންގެ ވަގުތުތައް މި ދުނިޔޭގައި ހޭދަކުރާ ގޮތާމެދު ﷲ ސުވާލު ކުރައްވާނެކަމެވެ. ހެޔޮ ގޮތުގައި އެވަގުތުގެ ބޭނުން ހިފައިފި މީހަކަށް ކޮޅުނެތްކޮޅަށް އުފާވެރިކަން ހުއްޓެވެ. އެއާ ޚިލާފު ވެއްޖެ މީހަކަށް ހުރީ ހިތާމައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފަހުގެ ތާރީޚުގައި އެންމެ ގިނަ ބަޔަކު އެއް އިންޓަނެޓުގެ އިޖުތިމާޢީ ވިއުގައެއްގައި އުޅޭ އެއް ވިއުގައަކީ ފޭސްބުކެވެ. އޭގައި ބޭނުންކުރެވެން ހުރި ޚިދުމަތްތަކުގެ ފަސޭހަކަމާއި، އެކުވެރިންނާއި އެކުވެރިކަން ބަދަހިކޮށްލަން މިހާ ”ބިޒީ“ ދުވަސްވަރެއްގައި އެންމެ މަޤުބޫލު އެއް ވިއުގަ ކަމުގައި ފޭސްބުކް ވަނީ ވެފައެވެ.

ފޭސްބުކް ބަލާލުމުން އެކުވެރިންގެ އެދުވަހުގެ މޫޑު އެނގިގެން ދެއެވެ. ކޮންމެ މީހަކުވެސް ފަސޭހަކަމާއެކު އެމީހާގެ ހިތުގައިވާ އެއްޗެއް ހާމަކޮށްލަނީ އޭނާގެ ސްޓޭޓަސް ގައެވެ. އޭރުން އެކުވެރިންގެ ލިސްޓުގައިވާ އެންމެންނަށް އެ ފެނިގެން ދެއެވެ. އަދި އެކަމާ ގުޅޭގޮތުން އެކުވެރިން މަޝްވަރާވެސް ދެއެވެ.

އެއްވެސް ޙާލެއްގައި އަޅުގަނޑު ފޭސްބުކް ޕްރޮމޯޓު ކުރުމަށް ވާހަކަ ދައްކަނީ އެއް ނޫނެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ މިއަދުގެ ގިނަ ޒުވާނުން ފޭސްބުކްގައި ތިބޭކަމީ ދެކޮޅު ހެދެން ނެތް ޙަޤީޤަތެކެވެ.

ވަރަށް ގިނަ ފަހަރަށް ފޭސްބުކްގެ އެކުވެރިންގެ ލިސްޓުގައި ހިމެނޭ ބައެއް މީހުންގެ ސްޓޭޓަސްތައް ބަލާލެވެއެވެ. އޭގެ ތެރެއިން ޙައިރާން ވާ ފަދަ ބައެއް ސްޓޭޓަސްތައް ފެންނަފަހަރު މަދެއް ނޫނޭ ދެންނެވިދާނެއެވެ. ކަމުގެ މުހިއްމުކަމާހެދި ލިޔުމަކުން މިވާހަކަ ޙިއްސާ ކޮށްލުމަކީ ރަނގަޅު ކަމެއް ކަމުގައި ފެންނާތީ ދަންނަވަމެވެ.

ފޭސްބުކްގެ ބައެއް އެކުވެރިން އެމީހުންގެ ލޯބިވެރިން ނުވަތަ އަނބިން ނުވަތަ ފިރިން ދެކެ ވާލޯބި ހާމަކުރުމަށް ފޭސްބުކްގެ އެމީހެއްގެ ޕްރޮފައިލްގެ ފާރު (ފޭސްބުކް ވޯލް) ބޭނުން ކުރެއެވެ. މި ފާރުގައި ލިޔާ އެއްޗެއްނަމަ އެމީހެއްގެ ފޭސްބުކުގެ ރަހުމަތްތެރިން އެންމެންހެން ކިޔާނެއެވެ. މެސެޖުގައި ވަނީ އަނބިމީހާ ނުވަތަ ފިރިމީހާ ދެކެވާ ޚާލިޞް ލޯބީގެ ޢިބާރާތްތަކެވެ. އެހެން ނަމަވެސް އެމެސެޖުތަކަކީ ޢާއްމު ތަންތަނުގައި ބޭނުންކުރުން ލަދުހުތުރު ޢިބާރާތްތަކެއް ކަމަށް ސަލާމަތް ބުއްދި ދެކޭ ޢިބާރާތް ތަކެކެވެ.

ދެމަފިރިން އެކަކު އަނެކާގެ ސިއްރުތައް ވަންހަނާ ކުރަން ޖެހެއެވެ. އެއީ އެދެމީހުން އެކަކު އަނެކާއަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ. ދެމަފިރިންގެ ސިއްރުތައް އެއްވެސް މީހަކަށް ހާމަކުރުން ހުއްދައެއް ނުވާނެއެވެ. އެއީ ދެމަފިރިން ކުރެ އެއްވެސް މީހަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ ކިތަންބެ ބެސްޓު ފުރެންޑަކަށްކަމުގައި ވިޔަސް، ކިތަންމެ ގާތްތިމާގެ މީހަކަށް ކަމުގައި ވިޔަސްމެއެވެ. އެއީ މަންމަ ނުވަތަ ބައްޕަ ނުވަތަ އެއްބަނޑު އެއްބަފާ މީހަކަށް ކަމުގައި ވިޔަސް މެއެވެ. ސަބަބަކީ އެއީ ދެމަފިރިންގެ ސިއްރެކެވެ. އެ ސިއްރު ސިއްރު ކުރުމަކީ ލާޒިމު ކަމެކެވެ.

ލޯބީގެ ގުޅުންތަށް އިސްތިހާރުކުރުމުގެ އިތުރުން މުޖުތަމަޢުގެ ރިވެތި އަދަބު އަޚުލާޤު ނެތި ގެއްލިދާފަދަ އެތަކެއް އިބާރާތްތަކެއްވެސް ފޭސްބުކް ސްޓޭޓަސްތަކުން ފެންނަމުންދަނީ މަދެއްކޮށެއްނޫނެވެ. ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ތިމާގެ މުސްލިމް އަޚާގެ އަބުރު ކަތިލާފަދަ ވާހަކަތަށްވެސް ފޭސްބުކް ސްޓޭޓަސްތަކުން ފެންނަމުންދެއެވެ.

އެހެން ކަމުން، ފޭސްބުކްގެ އެކުވެރިންނާއި ފޭސްބުކް ބޭނުންކުރާ ހުރިހާ ފަރާތްތަކެއްގެ ސަމާލުކަމަށްޓަކައި މިވާހަކަ ދެންނެވީމެވެ. ސޯޝިއަލް މީޑިއާ މެދުވެރިކޮށް ދެކެވޭ މިފަދަ ދަށުދަރަޖައިގެ މަންޒްރުތަކާއި ވާހަކަތަކަކީ، އެހެން މީހުންނާ ހިއްސާ ކުރެވިގެންވާނޭ ވާހަކަތަކެއް ނޫނެވެ. އޭގެ ބަދަލު ރަނގަޅު ހެޔޮ ބަސްތަށް މީސްތަކުންނަށް ރައްދުކޮށްދެވޭ ވަސީލަތެއްގެ ގޮތުގައި ފޭސްބުކް ހަދަމާތޯއެވެ.

ފޭސްބުކްއަކީ އަޅުގަނޑުމެންގެ މި މުޖުތަމައުއަށް ފައިދާހުރި ރަނގަޅު ވަސީލަތަކަށް ހަދަމާ ހިންގަވާށެވެ. އޭރުން އެކަމުގެ ރަނގަޅު އަސަރު މުޅި މުޖުތަމަޢުއަށްވެސް ކުރާނެ ކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.