ރަމަޟާން މަސް އެދިގޮވަނީ ……..

ރަމަޟާން މަސް އެދި ގޮވަނީ.. އޭ ހެޔޮކަމަށް އެދޭ މީހާއެވެ! އިސްނަގައި ކުރިމަތި ލާށެވެ! އޭ ނުބައި ޢަމަލުކުރާ މީހާއެވެ! ހުއްޓާލައި ފަހަށް ޖެހޭށެވެ!“

ރަމްޟާންމަހުގެ ފުރަތަމަ ރެއިންފެށިގެން ޝައިޠާނުންނާއި މާރިދު ނުބައި ޖިންނީން ކަސްތަޅު އެޅުވި، ނަރަކައިގެ ދޮރުތައް ބަންދު ކުރެވި، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވެއެވެ. އަދި އިލާހުގެ ޙަޟުރަތުން މުނާދީ އަކު ނިދާ އިއްވަވައެވެ. ((يَا بَاغِيَ الْخَيْرِ أَقْبِلْ، وَيَا بَاغِيَ الشَرِّ أَقْصِرْ)). އޭހެޔޮކަން ބޭނުންވާ މީހާއެވެ! ކުރިމަތިލާށެވެ! އަވަސްވެގަންނާށެވެ! އޭ ނުބައި ޢަމަލުކުރާ މީހުންނޭވެ! ހުއްޓާލާށެވެ! ފަހަށް ޖެހޭށެވެ”!“

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެ ރޯދައިގެ ސަބަބުން ރޯދަވެރިޔާއަށް ހެޔޮ ޢަމަލުތައް ޒީނަތްތެރިވެ، އުރެދުންތަކާއި ފުރެދުންތަކާ އަދި މުންކަރާތްތަކުން ދުރުހެލި ކުރުވާ ފަދަ ރޯދައެއް ހިފުމަށެވެ. ރޯދައަށް ހުރުމުގައި ތިބާ ﷲ އަށްޓަކައި އެކަލާނގެ ހަލާލު ކުރައްވާފައިވާ ކަންތައްތަކަކުން ދުރުހެލިވާ ފަދައިން އެކަލާނގެ ހަރާމްކުރެއްވި ކަންތައްތަކާ ދުރުލެހިވުމެވެ. މުންކަރާތްތަކާއި ނުބައި ޢަމަލުތަކުން ދުރުހެލިވުމާއި ނުލައި ހިފޭ ރޯދައިގެ ހަގީގީ ފައިދާއެއް ނުވެއެވެ. އިތުރު އެކަލޭގެފާނު ހަދީޘްކުރައްވާފައި ވެއެވެ. (( مَنْ لَمْ يَدَعْ قَوْلَ الزُوْرِ وَالْعَمَلَ بِهِ وَالْجَهْلَ، فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ)) [البخاري] ”ދޮގުހެދުމާއި ޣީބަ ބުނުމާއި އެފަދަ ޢަމަލުތައް ކުރުމާއި، ޒުވާބުކޮށް ހުތުރު އެއްޗެތި ގޮވައި އެފަދަ ކަންތައްތައް ކުރުން ހުއްޓާ ނުލައިފި މީހަކު ކެއުމާއި ބުއިމުން ދުރުހެލިވުމުގެ ބޭނުމެއް މާތް ﷲ އަކަށް ނުވެއެވެ.“

މިމާތް މައްސަރުގައި ނަފްސުތައް އިޞްލާހުކޮށް، ޠާހިރުކުރުމަށެވެ. މިއީ އެކަމަށް އޮތް ރަނުގެ ފުރުޞަތެކެވެ. މިފުރުޞަތުގައި ތައުބާވެ، ދީނަށް ފުރިހަމަ ގޮތުގައި ރުޖޫޢަވެ، ތިމާގެ ނަފްސު އިޞްލާހު ކުރެވިއްޖެ މީހަކީ ނަޞީބުވެރިއެކެވެ. ނަމަވެސް ތިބާގެ ފާފަ ނުފުހެވިއްޖެ މީހަކަށް ގެއްލުމާއި ހަލާކުހުއްޓެވެ. ރަސޫލު ﷲ r ހަދީޘްކުރައްވާފައި ވެއެވެ. ((رَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ، ثُمَّ انْسَلخَ قَبْلَ أَنْ يُغْفَرَ لَهُ)) [الترمذي] ”ރަމުޟާންމަސް އައިސް ނިމި ދާއިރު އެމީހެއްގެ ފާފަ ނުފުހެވިއްޖެ މީހަކަށް ގެއްލުން ހުއްޓެވެ.“

ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމާއި ކީރިތި ޤުރްއާން ކިޔެވުމާއި ޞަދަޤާތާއި ޚައިރާތު ކުރުމާއި މައިންބަފައިންނާއި އެއްބަނޑު ތިމާގެ މީހުންނާއި އަވަށްޓެރިންނާއި ރަޙުމަތްތެރިންނަށް އަދި ހުރިހައި މުސްލިމުންނަށް އިޙްސާންތެރިވެ، ހެޔޮ ފޯރުކޮށްދިނުމަށެވެ. ހުރިހައި ހެޔޮ ޢަމަލެއް ގިނަ ކުރުމަށެވެ.

ރޯދަވެރިއާގެ ހިތާއި ހަށިގަނޑު، ލޮލާއި ކަންފަތާއި އަދި ހުރިހައި ގުނަވަންތަކެއް ރޯދައަށް ބެހެއްޓުމަށެވެ. އެހުރިހައި ގުނަވަންތަކެއް މާތް ﷲ އަށް ކިޔަމަންތެރި ކޮށް އެކަލާނގެ ނަހީކުރެއްވިހައި ކަންތައްތަކުން ދުރުހެލިވެ ހުރެ ރޯދަ ހިފުމަށެވެ. جابر رضي الله عنه ވިދާޅުވެފައި ވެއެވެ. ”ތިބާ ރޯދައަށް ހުންނަ ނަމަ ތިބާގެ ކަންފަތާއި ލޮލާއި ދޫ ރޯދައަށް ބަހައްޓާށެވެ. ދޮގުހެދުމާއި އެއްމެހައި ފާފަތަކުން ދުރުހެލިކުރާށެވެ! އަދި ޚާދިމު މީހާއަށް އަނިޔާ ނުކުރާށެވެ! އަދި ތިބާ ރޯދައަށް ހުންނަ ދުވަހުގައި ތިބާގެގައިގައި މަޑުމައިތިކަމާއި ވަޤާރު ހުންނަން ވާނެއެވެ. ތިބާ ރޯދައަށް ހުންނަ ދުވަސް ދުވަހާއި ރޯދަ ނޫން ދުވަސް އެއްފަދަ ނުކުރާށެވެ!“ [مصنف ابن أبي شيبة]

އެފަދަ ރޯދައަކީ:
ހިތުގެ ރޯދައެވެ. ﷲގެ ވަޖުހުފުޅަށްޓަކައި، އެކަލާނގެ ސުވަރުގޭގެ ނިޢުމަތް އެދިގެން ހިފޭ ރޯދައެވެ.
ލޮލުގެ ރޯދައެވެ. ތިބާގެ އިސް ތިރިކޮށް، ހަރާމް މަންޒަރުތައް ބެލުމުން ދުރުހެލިވުމެވެ.
ކަންފަތުގެ ރޯދައެވެ. މިޔުޒިކާ ލަވަ އާއި ޖިންސީ ޝަހުވަތުގެ ވާހަކައާއި އެއްމެހައި ހަރާމް އަޑުތަކެއް އެހުމުން ދުރުހެލިވުމެވެ.
ދުލުގެ ރޯދައެވެ. ދޮގުހެދުމާއި ޣީބަބުނުމާއި ހަޑިހުތުރު އެއްޗެތި ކިޔުމާއި ބޭކާރު ވާހަކަ ދެއްކުމުން ތިބާގެ ދޫ ރައްކާތެރި ކުރުމެވެ.
އަތުގެ ރޯދައެވެ. ﷲގެ އަޅުތަކުންނަށް އުނދަގޫ ނުކުރުމާއި ތިބާއަށް ހަލާލުވެގެންނުވާ އެއްޗެއްގައި ނުބީހުމެވެ.
ފައިގެ ރޯދައެވެ. ނުބައި ކަމަކާއި ދިމާއަށް ނުހިނގުމެވެ.

މިފަދަ ރޯދައެއް ހިފުމަށް އަމުރުކުރައްވައި ރަޙުމަތުގެ ނަބިއްޔާ ހަދީޘް ކުރައްވާފައި ވެއެވެ. ((وَالصِّيَامُ جُنَّةٌ وَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلَا يَرْفُثْ وَلَا يَصْخَبْ فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ فَلْيَقُلْ إِنِّي امْرُؤٌ صَائِمٌ)) [متفق عليه] ” ރޯދައަކީ އަށްޑަނައެކެވެ. ތިޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުންނަ ދުވަހުގައި ހުތުރު ވާހަކަ ނުދައްކާށެވެ! އަދި އަޑުގަދަކޮށް ހަޅޭލަވައި ނުހަދާށެވެ! އަދި މީހަކު ޒުވާބުކޮށް ހުތުރު އެއްޗެތި ކިޔައި ނުވަތަ ގަޔަށް އަތްލައިފިނަމަ ތިމަންނާއީ ރޯދަވެރިއަކީމޭ ބުނާށެވެ!“
ރޯދަ ފަރުޟު ކުރެއްވުމުގެ ހިކުމަތް ”التقوى”ގެ ދަރަޖައަށް ރޯދަވެރިޔާ ފޯރުކޮށްދޭނެ ރޯދައަކީ އެއީއެވެ. ﷲ އެކަލާނގެ އަޅުންގެ ކިބައިން އެދިވޮޑިގަންނަވާ ރޯދައަކީ އެއީއެވެ.

ސަލަފުންގެ ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ. އެއްމެ ފަސޭހަ ރޯދައަކީ ކެއުމާއި ބުއިމުން ދުރުހެލިވުމެވެ. އެއީ ކޮންމެ މީހަކަށްވެސް ހިފިދާނެ ރޯދައެކެވެ. ނަމަވެސް ހިފަން އުނދަގޫ ރޯދައަކީ މާތް ﷲ ހަރާމް ކުރެއްވި ކަންތައްތަކުން ދުރުހެލިވެ ހުރެގެން ހިފާ ރޯދައެވެ.
ރޯދަވެރިންނޭވެ! ރޯދަމަހުގައި އަޅާގެ މައްޗަށް ދެޖިހާދެއް ވެއެވެ. އެއީ ދުވާލުގައި ރޯދަ ގެއްލޭ ކަންތައްތަކާއި ރޯދައިގެ ޘަވާބާއި ދަރުމަ އުނިވާފަދަ ޢަމަލުތަކުން ދުރުހެލިވުމާއި ރޭގަނޑުގައި ރޭއަޅުކަން ކުރުމުގައި ޖިހާދު ކުރުމެވެ. މިފަދައިން ކެތްތެރިވެ، ރޯދަ ހިފައިފި މީހަކަށް ހިސާބަކާއި ނުލައި ރޯދައިގެ އަޖުރު ލިބޭނެ އެވެ. ޤުދުސީ ހަދީޘެއްގައި މާތް ﷲ ވަހީކުރެއްވިއެވެ. ((الصَّوْمُ لِي وأَنَا أَجْزِيْ بِهِ)). [متفق عليه] ”ރޯދައަކީ ތިމަން ރަސްކަލާނގެއަށް ޚާއްސަ އަޅުކަމެކެވެ. އަދި އެއަށް ޖަޒާ ދެއްވާހުށީ ތިމަން ރަސްކަލާނގެއެވެ.“

ދަންނާށެވެ! މަޙްރޫމު ވެއްޖެ މީހަކީ ރަމްޟާންމަހުގެ ޘަވާބާއި ދަރުމަޔާއި ފުއްސެވުމުން މަޙްރޫމު ވެއްޖެ މީހާއެވެ. އަދި ކާމިޔާބު ލިބިގެންވާ މީހަކީ ރަމުޟާންމަހުގެ ރޯދައާއި ރޭއަޅުކަމާއި ހެޔޮ އަމަލުތަކުގެ ސަބަބުން އެމީހެއްގެ ފާފަ ފުހެވި، ނަރަކައިން މުއްތިކުރެވިއްޖެ މީހާއެވެ. (( وَلِلَّهِ عُتَقَاءُ مِنَ النَّارِ وَ ذَلِكَ فِيْ كُلِّ لَيْلَةٍ)). [الترمذي وابن ماجه] ”الله تعالى އަލިފާނުން މިނިވަން ކުރައްވާ ބަޔަކު ވެއެވެ. އެއީ ރޯދަމަހުގެ ކޮންމެ ރެއަކުއެވެ.“

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިރޯދަމަހުގައި ނަރަކައިން މިންޖުކުރެވޭ މިނިވަނުންގެ ތެރޭގައި ހިމެނޭތޯ މަސައްކަތް ކުރަމާ!!!

 

މި ލިޔުމަކީ އައްޝައިޚް އާދަމް ޟަމީމް ދިއިސްލާމް ވެބްސައިޓަށް ރަމަޟާން މަހާއި ބެހޭގޮތުން ލިޔުއްވަވާފައިވާ ލިޔުމެއްގެ ނަކަލެއް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.