މަލިކަށް ދާންބޭނުންވާ މީހުނަށް އަނެއްކާވެސް އުފާވެރި ޚަބަރެއް…..

ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކަށް ދިއުމަކީ ދިވެހިން އަބަދުވެސް ދެކޭ ހުވަފެނެކެވެ. އެކަމަށް އަނެއްކާވެސް މިވަނީ އިތުރު އުފާވެރިކަމެއް އައިސްފައެވެ.

ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން މިވަނީ މަލިކާއި ރާއްޖެއާ ދެމެދު ލޯންޗު ދަތުރުތައް ފެށުމުގެ މަސައްކަތް ފަށާފައެވެ. މިއީ އާކުންފުންޏެއް ނޫނެވެ. އެ ކުންފުންނަކީ ދިވެހިން މަލިކަށް ފޮނުވުމުގެ ޚިދުމަތް މިހާރުވެސް ދެމުން އަންނަ އަންޑަރ ވޯޓަރ ޓްރެވަލް އެންޑް ޓުއާރސް އެވެ.

އިޝްތިހާރު Below Header ad

މަލިކުން ހދ. ހަނިމާދުއަށް ނުވަތަ ހއ. ތުރާކުނަށް ދަތުރު ކުރުމަށް އެ ކުންފުނިން ވިސްނަމުން އަންނަ އިރު، ސްޕީޑު ލޯންޗެއްގައި މަލިކުން ފުރައިގެން ރާއްޖޭގެ އެންމެ އުތުރުގެ ރަށަކަށް ދާން ހޭދަވާނީ އެންމެ ދެ ގަޑިއިރެއްހާއިރު ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ ރާއްޖެ އާއި މަލިކާ ދެމެދު ދަތުރު ކުރުމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ހުއްދަތައް މިހާރު ލިބިފައިވާ ކަމަށާއި އެހެންނަމަވެސް ރާއްޖޭން އެކަމަށް ހުއްދަ ނުލިބޭތީ، ކަމާގުޅޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ މަލިކަށް ދިއުމަށް ހުރަސް ކުރަން ޖެހެނީ ބައިނަލްއަޤުވާމީ ކަނޑެއް ކަމަށްވާތީ ހޯދަން ޖެހެނީ ބައިނަލްއަޤުވާމީ ޤަވާޢިދުތަކަށް ފެތޭ ފަދަ އުޅަނދެއް ކަމަށްވާތީ، އެފަދަ އުޅަނދެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ އުޅަނދު ލިބުނުހާ އަވަހަށް ދަތުރުތައް ފެށޭނެ ކަމަށް ލަފާ ކުރެވޭ ދުވަހަކާއި އަގެއް ޢާންމުކޮށް އަންގާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އަންޑަރ ވޯޓަރ ކުންފުނީގެ ޙަވާލުގައި ދިވެހި ދެ ގުރޫޕަކުން މަލިކަށް ގޮސްފައިވާ އިރު، މަލިކަށް ދާން ބޭނުން ދިވެހިން އަމިއްލަ ޓިކެޓުގައި އިންޑިއާގެ ކޮޗިންއާ ހަމައަށް ދިއުމުން އެ މީހުންނާ ކުންފުނިން ޙަވާލުވާނެ ކަމަށާއި މަލިކަށް ގޮސް އެނބުރި އަންނަންދެން ތިބޭނީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި ކަމަށްވެސް އަންޑަރ ވޯޓަރ ޓްރެވަލް އެންޑް ޓްއާރސް އިން ބުންޏެވެ.

ކޮޗިންގައި ތިބުމާއި މަލިކުގައި ހަތް ރޭ މަޑުކުރުމާއެކު 11 ރޭގެ ޕެކޭޖެއް 750 ޑޮލަރާއި 800 ޑޮލަރުގެ އަގެއްގައި އެ ކުންފުނިން ވިއްކާ އިރު، ގިނަ ބަޔަކު ބައިވެރިވާ ނަމަ އެއަށް ވުރެ އަގުހެޔޮ ވާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މި ޕެކޭޖުގެ ދަށުން މަލިކުގެ އެކި ތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުޞަތުވެސް ލިބޭނެ އެވެ.

ރާއްޖޭގެ ރަށެއްގެ ގޮތުގައި ކުރިން އޮތް މަލިކުގެ ގުރޫޕެއް، އީދު ފާހަގަ ކުރުމަށް މިދިޔަ ބޮޑު އީދުގައި ހއ. އިހަވަންދުއަށް ވަނީ ގޮސްފަ އެވެ. އަންޑަރ ވޯޓަރ ޓްރެވަލް އެންޑް ޓުއާރސް ކުންފުންޏަކީ މަލިކުގެ ބަޔަކާ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.