
ޢަދުލުއިންޞާފު ޤާއިމުކޮށްދޭނޭ ފަނޑިޔާރުގެއެއް ކަށަވަރުކޮށްދެއްވުމަށް ނައިބުރައީސް އެދިވަޑައިގެންފި
ޢަދުލުއިންޞާފު ޤާއިމުކޮށްދޭނޭ ފަނޑިޔާރުގެއެއް ކަށަވަރުކޮށްދެއްވުމަށް ނައިބުރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފއެވެ.
އެމަނިކުފާނު މިގޮތަށް އެދިވަޑަގެންނެވީ ދަރުބާރުގޭގައި މިއަދު ބޭއްވި ”ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް“ ކޮންފަރެންސް ފެށުމުގެ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ޙަފްލާގައި ނައިބް ރައީސް ވިދާޅުވީ ފަނޑިޔާރުގެ އިސްލާހުކޮށް ތަރައްޤީކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ ފަނޑިޔާރުގެއިން ކަމަށްވީ ހިނދު، އެކަމުގެ މަސްޢޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކޮށްދެއްވުމަށެވެ. އަދި މިނިވަންކަމާއި ނަޒާހާތްތެރިކަމާއެކު، ހަރުދަނާ، ޢިލްމީ އަސާސްތަކުގެ މައްޗަށް ޢަދުލުއިންޞާފު ޤާއިމުކޮށްދޭނޭ ފަނޑިޔާރުގެއެއް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.
”ޤާނޫނު އަސާސީން، ޖުޑިޝަރީގެ އެންމެ އިސްފަރާތްކަމުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް. އެހެންކަމުން، ޝަރުޢީ ދާއިރާ ހަރުދަނާކުރައްވައި، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރައްވައި، ފަނޑިޔާރުގެއަކީ ޢަދުލު އިންސާފު ނެގެހެއްޓުމުގައި ޤާބިލުކަމާއެކު، މަސައްކަތްކުރާ އަދި ރައްޔިތުން އިތުބާރުކުރާ ތަނެއްގެ ގޮތުގައި ބައްޓަންކުރަންޖެހޭ ފަރާތެއް. އަދި އެގޮތަށް ކަންކަން ބައްޓަންވެގެން ދިއުމަކީ، އެންމެހާ ދިވެހީންގެ ވެސް ވަރަށް ބޮޑު އުންމީދެެއް“ ނައިބުރައީސް ފައިސަލް ނަސީމްވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށްދެއްކެވި ވާހަކަފުޅުގައި މި ފަދަ ކޮންފަރެންސްތަކަކީ މުޅި ނިޒާމު ހަރުދަނާކޮށް ތަރައްޤީކުރުމަށް ޓަކައި ކުރެވެމުންދާ ވަރަށްވެސް ބޮޑު، މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި، އަދި ސްޕްރީމް ކޯޓުގެ ދަށުން ހިންގަވާ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކުރަމުންދާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅުކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި، އަދުލުވެރިކަން ނެތް މުޖުތަމަޢެއްގައި ދުވަހަކުވެސް ހަމަޖެހުމެއް ޤާއިމުވެގެން ނުދާނެކަމަށާއި، އިންސާފަކީ، ވަކި މީހަކަށް ލިބޭ އެއްޗެއް ގޮތުގައި އޮތްހައި ހިނދަކު ޤައުމެއްގައި ސުލްޙަ މަސަލަސްކަން ޤާއިމުވެގެން ނުދާނެ ކަމުގައެވެ. އަދި، މިއިން ކޮންމެ ކަމަކުންވެސް، އަޅުގަނޑުމެންނަށް އެނގިގެންދަނީ ފަނޑިޔާރުންގެ މަސްޢޫލިއްޔަތުގެ މަތިވެރިކަމާއި ޢަދުލުވެރިކަމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފާހަގަކުރައްވާފައެވެ.



