
އޭދަފުށީގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ޤުރްއާން މުބާރާތް ނާއިފް އަދި ނައުޝީން ކާމިޔާބުކޮށްފި
ބ. އޭދަފުށީގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ޤުރްއާން މުބާރާތުގެ އެއްވަނަ އެރަށު ފުނަމާގޭ ޢަބްދުﷲ ނާއިފް ނަޒީފް އާއި ދިރިމާގޭ މަރިޔަމް ނައުޝީން ޝަމީމް ހޯދައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ބައްޕަގެ އޭދަފުށީ ދެވިނަގޭ އަލް މަރުހޫމް ޢަބްދުއްރަޙްމާން ޙަސަންގެ ހަނދާނުގައި އެ ޢާއިލާއިން އޭދަފުށީގައި ބޭއްވި މި މުބާރާތުގައި އޭދަފުށިން 69 ބައިވެރިން ވަނީ ވާދަކޮށްފައެވެ.
މި މުބާރާތުގައި ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ހުރިހާ ޢުމުރުފުރާތަކެއް އެއްކޮށް އެއްވަނައަށް ހޮވުނު ބައިވެރިންނަށް (ކޮންމެ ކުއްޖަކަށް) 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި މުޅި މުބާރާތުން އެއްވަނަ ހޯދި ފަރާތްތަކަށް ހަނދާނީ ފިލައާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް)އެވެ.
އެ ޢާއިލާއިން ބޭއްވި ފުރަތަމަ ޤުރްއާން މުބާރާތުގެ އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ސަލީމް ވިދާޅުވީ މިފަދަ އިތުރު މުބާރާތްތައް ކުރިއަށް އޮތް ތާނގާއި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މި މުބާރާތަކީ އޭދަފުށީ ރައްޔިތުންގެ މެދުގައި ޤުރްއާން ކިޔެވުމަށް ލޯބި ޖައްސާ، ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުވުމުގެ މަޤްޞަދުގައި ބޭއްވި މުބާރާތެކެވެ.



