ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން އެޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވަކިކުރަން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
މައުމޫން ޕީޕީއެމްގެ ރަފައީސްކަމުގެ މަގާމުން ދުރުކުރުމަށް ޕީޕީއެމްގެ ކައުންސިލް ދެ މެމްބަރުން ކަމުގައިވާ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަ އެޅި މިމައްސަލަ އެފަރާތުން އަނބުރާ ގެންގޮސްފައި މިވަނީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ކަމުގައިވާ ރައީސް އަބުދުﷲ ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފައިވާތީއެވެ.
ސިވިލް ކޯޓުގެ ކުރި މިހުކުމުގައި ބުނެފައިވަނީ ޕީޕީއެމް ހިންގުމާ ބެހޭގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަންދެން ޕާޓީ ހިންގުމުގެ އެންމެހާ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ އެ ޕާޓީގެ މުޝްތަޝާރު ރައީސް އަބުދުﷲ ޔާމީން ކަމަށް ކަނޑައަޅާ ކަމަށެވެ.
އަދި މިއަދުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގެ ރަސްމީ ޖަލްސާއެއް ބޭއްވުމަށް ޕީޕީއެމްގެ މުޝްތަޝާރު ގެ މައްޗަށް އަމުރުކޮށް ހުކުމް ކުރާ ކަމަށެވެ.
ސިވިލް ކޯޓުން ކުރި މި ހުކުމާއި އެއްގޮތަށް ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން މިރޭ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުން އޮންނާނީ މިރޭ 9 ޖަހާއިރުކަމަށްވެސް އެފަރާތުން ބުނެއެވެ.
އެހެން ނަމަވެސް ސިވިލް ކޯޓުން މިއަދު ނެރެފައިވާ އެ ހުކުމް ހައިކޯޓުގައި އިސްތިއުފާން ކޮށް ވަކިގޮތެއް ނިމެންދެން ސިވިލް ކޯޓުން ނެރެފައިވާ އެހުކުމަށް ތަބައަ ނުވާނޭ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.