ސަރުކާރުގެ މައި ހޮސްޕިޓަލަށްވުރެ ގިނައިން އޭޑީކޭ އިން މީހުން ފަރުވާ ހޯދާ..

ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށްވުރެ ގިނައިން އޭޑީކޭ ހޮސްޕިޓަލުން މީހުން ފަރުވާ ހޯދާކަމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ކޮށްފައިވާ ދިރާސާއަކުން ދައްކައިފިއެވެ.

މިގޮތަށް ދައްކާފައިވަނީ އެ އޮފީހުން ކޮށްފައިވާ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރުމުގެ މަޤުޞަދު ޙާޞިލުވެފައިވާ މިންވަރާ ގުޅޭ ގޮތުން ކުރި ޕަރފޯމަންސް އޮޑިޓުގައެވެ.

އިޝްތިހާރު Below Header ad

އޮޑިޓް އޮފީހުން މިދިޔަ ހަފްތާގައި ޢާންމުކޮށްފައިވާ އެ ރިޕޯޓުގައިވާގޮތުން 101 މީހަކު ބައިވެރިކޮށްގެން ރާއްޖޭގެ ސިއްޙީ ދާއިރާ އާމެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް ކުރި ސާރވޭގައި ޑޮކްޓަރުންނާއި ނަރުހުން އެންމެ ބޮޑަށް ބޭނުން ވަނީ ކޮން ދާއިރާއަކުންކަމާއި ސިއްހީ ބޭނުމަށް އެންމެ ގިނައިން ޚިދުމަތް ހޯދަނީ ކޮން އިދާރާއަކުން ކަމާއި އޭގެ ސަބަބާއި ޑޮކްޓަރުންނާއި ނަރުހުން ބަލި މީހުން ބަލަނީ އެކަމަށް އެކަށީގެންވާ ޓްރޭނިންގ ލިބިގެންތޯ ބަލާފައިވާނެ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޮޑިޓް އޮފީހުން ކުރި ސާވޭގައި ބައިވެރިވި 35 އިންސައްތަ މީހުން ބުނެފައިވަނީ އެ މީހުން އެންމެ ގިނައިން ޚިދުމަތް ހޯދާފައި ވަނީ އޭޑީކޭ ހޮސްޕިޓަލުން ކަމަށެވެ. އޭގެ އިތުރުން އައިޖީއެމްއެޗުން ހިދުމަތް ހޯދާ މީހުންނަށް ވުރެ، ކްލިނިކްތަކުން ހިދުމަތް ހޯދާ މީހުން ވެސް ގިނަ ކަމަށް އެ ސާވޭއިން ދައްކައެވެ. އެ ސާވޭގައި ބައިވެރިވި 31 ޕަސެންޓް މީހުން ހިދުމަތް ހޯދަނީ ކްލިނިކްތަކުން ކަމަށާއި 17 ޕަސެންޓް މީހުން ހިދުމަތް ހޯދަނީ އައިޖީއެމްއެޗުން ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އެ ސާވޭ އިން ދައްކާ ގޮތުން ރާއްޖެއިން އެންމެ ބޮޑަށް ޑޮކްޓަރުން ބޭނުން ވަނީ ނިއުރޮލޮޖީ ނުވަތަ ނާރުގެ ކަންކަމަށެވެ. ދެ ވަނައަށް އެންމެ ބޮޑަށް ބޭނުންވަނީ ކާޑިއޮލޮޖީ ނުވަތަ ހިތުގެ ބަލިތަކަށެވެ. ތިން ވަނައަށް އެންމެ ބޮޑަށް ބޭނުންވަނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނެވެ.

އެ ސާރވޭއިން ދައްކާގޮތުގައި ދިވެހިން ޑޮކްޓަރަށް ދެއްކުމުގައި އެންމެ ބޮޑަށް ބަލަނީ އަގު ހެޔޮ ނުވަތަ އާސަންދަ ލިބޭ ތަނަކަށް ނޫން ކަމަށާއި ދިވެހިން އެންމެ ބޮޑަށް ބަލަނީ ފަސޭހައިން ދެއްކޭނެ ތަނަކަށް ޑޮކްޓަރަށް ދެއްކުމަށް ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ސާރވޭގައި ބައިވެރިވި 41 އިންސައްތަ މީހުން، އެ މީހުން އެންމެ އިސްކަން ދެނީ ފަސޭހައިން ދެއްކޭނެ ތަނކަށް ދެއްކުމަށް ކަމަށް ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

ރަނގަޅު ޑޮކްޓަރަކަށް ދެއްކުމަށް ސަމާލުކަން ދީފައިވަނީ ސާރވޭގައި ބައިވެރިވި 34 އިންސައްތަ މީހުން ކަމަށާއި އަގުހެޔޮ އަދި އާސަންދަ ލިބޭ ތަނަކަށް ދެއްކުމަށް ސަމާލުކަން ދެނީ ސާރވޭގައި ބައިވެރިވި 11 އިންސައްތަ މީހުން ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓަރ ޖެނަރަލްގެ އޮފީހުން ކުރި ދިރާސާގައި ބައިވެރިވި 69 އިންސައްތަ މީހުން، ޑޮކްޓަރުންނާއި ނަރުހުން ބަލި މީހުން ބަލަނީ އެކަށީގެންވާ ޓްރޭނިންގ ނުލިބި ކަމަށްވެސް ވަނީ ބުނެފައެވެ. އަދި 2016 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ތިބި ދިވެހި ޑޮކްޓަރުންގެ ޢަދަދު 139އަށް އަރާ އިރު، އެއީ ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ 21 އިންސައްތަ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ރިޕޯޓުގައިވާ ގޮތުން 2016 ވަނަ އަހަރާ ހަމައަށް  ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ނަރުހުންނަށް ވުރެ ދިވެހި ނަރުހުން ގިނައެވެ. އެގޮތުން ދިވެހި ނަރުހުންގެ ޢަދަދު 1214 އަރާއިރު، އެއީ ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުންގެ 53 އިންސައްތައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.