
މާލޭ ރިންގ ރޯޑު މިރޭ ހުޅުވަނީ…
މާލޭ ރިންގ ރޯޑު މިރޭ ހުޅުވާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިނަމާލެ ބްރިޖާއި ގުޅޭ މަގުތައް ނުވަތަ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި މިރޭ20:00 ގައި ހުޅުވާނެ ކަމަށެވެ.
ރިންގ ރޯޑު ރަނގަޅު ފެންވަރަކަށް ހެދުމަށް އެ މަގާއި ގުޅިފައިވާ ބައެއް މަގުތަކާއި ގޯޅިތަކުގެ ޓްރެފިކް ފްލޯއަށް މިދިޔަ ޖޫން 19 ގައި ގެނައި ވަގުތީ ބަދަލުތައް އުވާލާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ ރިންގ ރޯޑް އަލުން ބޭނުންކުރަން ފަށާއިރު، އެއީ ހަމައެކަނި އެއްގަމު އުޅަނދު ދުއްވުމާއި ހިނގާބިނގާވެ އުޅުމަށް ހަމަޖައްސާފައިވާ މަގެއް ކަމަށެވެ. އަދި އިއްޒުއްދީން މަގުން [ކަޅުތުއްކަލާ ކޮށީގެ ހުޅަނގު ދެކުނު] ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލާ ދެމެދު އެ މަގުގެ އެއްވެސް ތަނެއްގައި ޕާކު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.
ބޭރު މަގު ޓްރެފިކަށް އަލުން ހުޅުވާލުމާއެކު، ކުރިއެކޭ އެއްގޮތަށް ބޮޑުތަކުރުފާނު މަގުގެ ކުރަނގި ގޯޅިއާ ހަމައިން ފިލިގަސްމަގާ ހަމައަށް އެއްކޮޅަށް، ހުޅަނގުން އިރަށް ދުއްވޭ ގޮތަށް ހަމަޖައްސާ، ފިލިގަސްމަގު މިހާރެކޭ އެއްގޮތަށް އެއްކޮޅަށް، އުތުރުން ދެކުނަށް ދުއްވޭ ގޮތަށްހަމަޖައްސާފައިވާ ކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުންނެވެ.
މީގެއިތުރުން މެހެލި ގޯޅި ފިލިގަސްމަގުން ފެށިގެން ބޮޑުތަކުރުފާނު މަގާ ހަމައަށް އެއްކޮޅަށް، ފިލިގަސް މަގުން ވަދެވޭ ގޮތަށް އަދި ނަސަންދުރަ އިރުން ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށްވެސް އިޢުލާނުގައި ވަނީ ބުނެފައެވެ.
މާލޭ ހުޅުމާލޭ ފެރީ ޓާރމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމަ އަށް ބޮޑުތަކުރުފާނު މަގުގައި ވަނީ ތާރު އަޅާފައެވެ. އަދި އެ މަގުގެ އެ ބައި މިހާރު ވަނީ ހަތަރު ލޭން ހިމެނޭ ގޮތަށް 12 މީޓަރަށް ފުޅާކޮށްފައެވެ. އެ މަގު ފުޅާކޮށްފައި ވަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށެވެ. އަދި ބްރިޖަށް އަރަން ދަތުރުކުރަންވީ ގޮތާއި ބްރިޖުން ފައިބައިގެން ދަތުރު ކުރެވޭނެ ގޮތް ތީރުން ދައްކާދީފައެވެ.



