ވޯލްޑްކަޕް 2018: ޕޯޗުގަލް އަދި އުރުގުއޭ ގެ ކުރިމަތިލުން

ފީފާ ވޯލްޑްކަޕުގެ ގަދަ 16 ގެ ހަނގުރާމަ މިރޭ ފެށިގެންދާއިރު، ގިނަ ބަޔަކު ދަނީ މި ހަނގުރާމައަށް ކެއްތެރިކަމެއް ނެތި އިންތިޒާރުކުރަމުންނެވެ. އެގޮތުން ގަދަ 16 ގެ ފުރަތަމަ ކުރިމަތިލުމުގައި އާޖެންޓީނާއާއި ފްރާންސް ބައްދަލުކުރާއިރު ދެވަނަ ކުރިމަތި ލުމުގައި ބައްދަލުކުރާނީ ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލްއާއި އުރުގުއޭއެވެ.

މި މެޗަކީ ހަމަޔަގީނުންވެސް އާދައިގެ މެޗެކަމަށް ނުވާނެއެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ސިފަކުރާ ގޮތުގައި މި ދެޓީމުގެ ކުރިމަތިލުމަކީ ދުނިޔެ ފެންވަރުގެ ވަރުގަދަ ފުޓްބޯޅައިގެ ހަނގުރާމައެކެވެ. ތާރީޚީ ހަނގުރާމައެވެ. އަނެއް ބަޔަކު ސިފަކުރާ ގޮތުގައި މިއީ ލަލީގާގެ ވަރުގަދަ ދެބާރު ކަމުގައިވާ ބާސެލޯނާ އަދި ރެއާލް މެޑްރިޑުގެ ކުރިމަތިލުމެކެވެ. އެހެނީ އުރުގުއޭގެ ފޯވާޑް ލައިންގައި އިސްކޮށް ސުއަރޭޒް ހަރަކާތް ތެރިވާއިރު، ޕޯޗުގަލްގެ ފޯވާޑް ލައިންގައި އިސްކޮށް ހަރަކާތްތެރިވާނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިރޭގެ ގަދަ 16 ގެ މެޗަށް ޕޯޗުގަލް އަދި އުރުގުއޭ ނިކުންނައިރު، މީގެތެރެއިން އުރުގުއޭ  ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު 3 މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެހެން ކަމުން އެޓީމު މިވަގުތު އޮތީ ރަނގަޅު ފޯމެއްގައޭ ބުނެވިދާނެއެވެ. އެހެންނަމަވެސް އުރުގުއޭއާ ދެކޮޅަށް ނިކުންނަ ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރީ ކުޅުނު 3 މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެމެޗުން އެއްވަރުވެގެން 5 ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ގްރޫޕް ސްޓޭޖުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުމެފައިވީ ނަމަވެސް ދެ ޓީމުވެސް މިރޭ ނިކުންނާނީ ގަދަ 16 ގެ ގަދަފަދަ ހިފުމަށެވެ. އެހެން ކަމުން މިރޭގެ މެޗުން މޮޅުވެގެން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރުމަކީ ދެޓީމުންވެސް ދެކޭނެ ހުވަފެނެކެވެ. މިރޭގެ މެޗަށް ނިކުންނައިރު، އުރުގުއޭ ޓީމުގައި އަނިޔާގެ މައްސަލައެއް އުޅެއެވެ. އެގޮތުން ޑުފެންޑަރ ޖޯސް ޖިމެނޭޒްއަށް ރަޝިއާއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި ލިބުނު އަނިޔާއިން އަދިވެސް ރަނގަޅުނުވާތީ މިރޭގެ މެޗުން އޭނާ ނުފެންނާނެއެވެ. އެހެން ނަމަވެސް ޕޯޗުގަލް ޓީމުގައި އަނިޔާގެ މައްސަލައެއް އަދި ސަސްޕެންސަނުގެ މައްސަލައެއް ވެސްނެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެހެން ކަމުން މިއީ އެޓީމަށް ލިބޭނެ ބޮޑު ހިންހަމަޖެހުމަކަށްވާނެއެވެ.

 

ގްރޫޕް ސްޓޭޖުގައި ދެޓީމު ނެރެފައިވާ ނަތީޖާތަށް

އުރުގުއޭ

އުރުގުއޭ 1 / މިސްރު 0

އުރުގުއޭ 1 / ސައޫދީ އަރަބިއާ 0

އުރުގުއޭ 3 / ރަޝިއާ 0

ތިންމެޗުންވެސް މޮޅުވެފައިވާއިރު ބައިކޮޅަށް ގޯލެއް ވަދެފައެއް ނުވޭ.

ޖެހި ގޯލުގެ އަދަދު : 5

ޕޮއިންޓުގެ އަދަދު : 9

ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި

 

މިރޭ އުރުގުއޭއިން ޕޯޗުގަލްއާ ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން:

ގޯލްކީޕަރު މުރީލޯ، ސަސެރެސް، ޖިމެނޭޒް، ގޮޑިން، ލަޒާލްޓް، ނަންޑޭޒް، ވެސިނޯ. ޓޮރޭރާ، ބެންޓެންކާ، ސުއަރޭޒް، ކަވާނީ.

ޕޯޗުގަލް

ޕޯޗުގަލް 3 / ސްޕެއިން 3

ޕޯޗުގަލް 1 / މޮރޮކޯ 0

ޕޯޗުގަލް 1 / އީރާން 1

އެއް މެޗުން މޮޅުވެ ދެމެޗުން އެއްވަރުވެފައިވާއިރު، ބައިކޮޅަށް 4 ގޯލް ވަދެފައިވޭ،

ޖެހި ގޯލުގެ އަދަދު: 5

ޖުމްލަ ލިބުނު ޕޮއިންޓުގެ އަދަދު: 5

ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި

 

ޕޯޗުގަލްއިން މިރޭ އުރުގުއޭއާ ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން:

ގޯލްކީޕަރު ޕެޓްރިސިއޯ، ސެޑްރިޗް، ޕެޕޭ، ޖޯސް ފޮންޓް، ގެރޭރޯ، ބާނާޑޯ ސިލްވާ، ވިލިއަމް ކަވާޅޯ، މޮޓީނިއޯ، ފެނާންޑޭޒް، ގުއިޑިސް، ރޮނާލްޑޯ.

ދެޓީމުގެ ކީ ޕްލޭޔަރުން

ދެ ޓީމަށް ބެލިޔަސް ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ހުނަރުވެރި ފޯވާޑުން ހިމެނެއެވެ. އެގޮތުން އުރުގުއޭގައި ބާސާ ފޯވާޑް ލުއިސް ސުއަރޭޒް އަދި ޕީއެސްޖީގެ ވީވާޑް އެޑިންސަން ކަވާނީ ހަރަކާތްތެރިވާއިރު، ޕޯޗުގަލްގައި ދުނިޔޭގެ މިވަގުތު އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެއެވެ.

ރޮނާލްޑޯ ގްރޫޕް ސްޓޭޖުގައި ޖަހާފައިވާ ގޯލުގެ އަދަދު: 4

ސުއަރޭޒް ގްރޫޕް ސްޓޭޖުގައި ޖަހާފައިވާ ގޯލުގެ އަދަދު: 2

ކަވާނީ ގްރޫޕް ސްޓޭޖުގައި ޖަހާފައިވާ ގޯލުގެ އަދަދު: 1

 

ޕޯޗުގަލް އަދި އުރުގުއޭގެ ބައްދަލުކުރުންތަށް

ޕޯޗުގަލް އަދި އުރުގުއޭ ވާދަވެރި އެއްވެސް މުބާރާތެއްގައި މިހާތަނަށް ވާދަކޮށްފައެއްނުވެއެވެ. މި ދެޓީމު މިހާތަނަށް މުޅި ޖުމްލަކޮށް ބައްދަލުކޮސްފައިވަނީވެސް ދެފަހަރުއެވެ. އެއީ އެކުވެރިކަމުގެ މެޗެއްގައި 1966 ގައި އަދި 1972 ގައެވެ. މީގެތެރެއިން ފުރަތަމަ މެޗު 0-3 ގެނަތީޖާއިން ޕޯޗުގަލް މޮޅުވެފައިވާއިރު، ދެވަނަ މެޗުވަނީ 1-1 އިން އެއްވަރުވެފައެވެ. މިއީ 45 އަހަރަށް ފަހު މި ދެޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.