
ފީފާ ވޯލްޑްކަޕް 2018: ކޮލަމްބިއާ – ޕޯލަންޑް
ގްރޫޕް އެޗްގައި ހިމެނޭ ޕޯލަންޑް އަދި ކޮލަމްބިއާ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗަށް ނިކުންނައިރު، މި ދެޓީމަކީވެސް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާ ދެޓީމެވެ. އެހެން ކަމުން މިރޭގެ މެޗަކީ ދެޓީމަށްވެސް ދެވަނަބުރު ޔަގީންކުރުމަށް މޮޅުވުން ވަރަށް މުހިންމު މެޗެކެވެ. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރަށް ދިއުމަށް މަގުފަހިވެގެންދާއިރު، ބަލިވާ ޓީމަކަށް ދެވަނަ ބުރުގެ ފުރުޞަތު ގެއްލިގެދާނެއެވެ.
ޕޯލަންޑް
މިރޭ ކޮލަމްބިއާއާ ދެކޮޅަށް ޕޯލަންޑް ނިކުންނައިރު، އެޓީމު އޮތީ ޕްރެސަރުގައެވެ. ކުޅުނު ފުރަތަމަ މެޗުން ބަލިވެ ނޭވާހޮޅީއަށް އެޅިފައިވާއިރު، މިރޭގެ މެޗުން މޮޅުވުން މަޖުބޫރެވެ. މިހާތަނަށް މިފަހަރުގެ މުބާރާތުގައި ރަނގަޅު ކުޅުމެއް ޕޯލަންޑަށް އަދި ދެއްކިފައިނުވެއެވެ. މިރޭގެ މެޗަކީ ކޮންމެހެންވެސް މޮޅުވުން މަޖުބޫރު މެޗަކަށްވާއިރު، މިރޭގެ މެޗަށް ނުކުންނަ ޕޯލަންޑް ޓީމަށް ބަދަލުތަކެއް އައުން އެކަށީގެންނެވެ. އެހެން ނަމަވެސް އަނިޔާގެ އެއްވެސް މައްސަލައެއް ޕޯލަންޑް ޓީމުގައި ނެތެވެ.
މިރޭ ކޮލަމްބިއާއާ ދެކޮޅަށް ޕޯލަންޑުން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން
ކީޕަރު ސަޒްނީ، ގްލިކް، ޕަޒްޑާން، ޕީޒްޗެކް، ރީބިއުސް، ގޮރަލްސްކީ، ކްރިސޮވިއެކް، ބެރެޒީނިސްކީ، ގްރޮޒިސްކީ، ޒީލިންސްކީ، ލެވެންޑޯސްކީ.
ކޮލަމްބިއާ
ޕޯލަންޑް އާ ދެކޮޅަށް ކޮލަމްބިއާ މިރޭގެ މެޗަށް ނިކުންނައިރު އެޓީމުވެސް މިވަގުތު އޮތީ މާ ރަނގަޅު ފޯމެއްގައެއްނޫނެވެ. މާ ރަނގަޅު ކުޅުމެއް އަދި މިހާތަނަށް ދެއްކިފައިނުވެއެވެ. ކޮލަމްބިއާގެ ޓީމަށް ބަލާއިރު އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއާ ހަމޭސް ރޮޑްރިގޭޒް އަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު 20 މިނެޓުގައި ފައިގެ ފަލަމަސްގަނޑަށް އަނިޔާވެގެން ހަމޭސް ވަނީ ބަދަލުކޮށްފައެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި ހަމޭސްއަށް ކުޅެވޭނެތޯ ނޫނީ ނޫންތޯ އަދި ސާފެއްނުވެއެވެ. މިރޭގެ ފުރަތަމަ 11 އިން ފެނުންވެސް ގާތެވެ. އިތުރު އަނިޔާގެ މައްސަލައެއް ނެތެވެ.
އެހެން ކަމުން މިރޭގެ މެޗުގައި ކޮލަމްބިއާ ޓީމަށް މާ ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ނުބެލެވެއެވެ.
މިރޭ ޕޯލަންޑާ ދެކޮޅަށް ކޮލަމްބިއާއިން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން
ކީޕަރު އޮސްޕީނާ، އައިއާޒް، ޒަޕާޓާ، މުރީލޯ، މޮޖީކާ، އެގީލަރ، ބަރިއޮސް، ކްއަޑްރާޑޯ، ހަމޭސް، މުރިއެލް، ފަލްކާއޯ.
ދެޓީމުގެ ބައްދަލުކުރުންތަށް
ވޯލްޑްކަޕެއްގައި މި ދެޓީމު މިހާތަނަށް ވާދަކޮށްފައިނުވާއިރު، މިއީ މި ދެޓީމު ވޯލްޑްކަޕުގައި ބައްދަލުކުރާ ފުރަތަމަ މެޗެވެ.



