
މާފުށީގެ ގެސްޓްހައުސްވިޔަފާރި އިތުރަށް ފުޅާވެގެންދިއުމަކީ ސަރުކާރުގެ އެދުމެއް..
މާފުށީގެ ގެސްޓްހައުސްވިޔަފާރި އިތުރަށް ފުޅާވެގެންދިއުމަކީ ސަރުކާރުގެ އެދުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނި މިހެން ވިދާޅުވީ މާލެ އަތޮޅުގެ ތުލުސްދޫ، މާފުށި އަދި ގުރައިދޫއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރު މާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ މާފުށީގެ ގެސްޓްހައުސްވިޔަފާރި އިތުރަށް ފުޅާވެގެންދިއުމަކީ ސަރުކާރުގެ އެދުމެއްކަމަށާއި ކުޑަކުދިންގެ އިސްލާހިއްޔާއަށް ނަގާފައިވާ ބިން މިއަދުން ފެށިގެން މާފުށީގެ ރައްޔިތުންނަށް ދޫކޮށްލުމަށް ނިންމަވާފައިވާ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އެބިމުގައި އިތުރު ގެސްޓްހައުސް ތަރައްޤީކުރުމާއި ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ފުރުޞަތު ލިބިގެން ދިއުމަކީ މާފުށީގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ރައްޔިތުންގެ އާމްދަނީ އިތުރުވެގެންދާނެ ކަމެއްކަމަށެވެ.
ހަމަމިއާއެކު ދިވެހި ޒުވާނުންނަކީ އިސްލާމީ ރީތީ އުޞޫލުތަކާއި ދިވެހި މުޖުތަމަޢު ޤަބޫލުކުރާ ރީތި އުޞޫލުތައް ބަލައިގަންނަ ބަޔަކަށް ވާންޖެހޭ ކަމަށާއި ސިޔާސީ މީހުން ކަންކަން ތަންފީޒުކުރަން ބޭނުންވިޔަސް އެކަމުގައި ޢަމަލީ މައިދާނުގައި މަސައްކަތް ކުރަން ތިބި ބަޔަކީ ޒުވާނުން ކަމަށްވާ އިރު، ދިވެހިރާއްޖެ ތަނަކަށް ހަދަން ތިބި ބަޔަކީ ދިވެހި ޒުވާނުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.



