
އެން.ސީ.އޭ އަލް-ކައުން މަދަޙަ މުބާރާތުގެ އެވޯޑު ޙަފްލާ އަންނަ މަހު 21 ގައި..
އެންސީއޭ އަލް ކައުން މަދަޙަ މުބާރާތުގެ އެވޯޑު ޙަފްލާ އަންނަ ޖުލައި މަހު 21 ގައި ބޭއްވުމަށް ނިންމާފައިވާކަަމަށް އެންސީއޭ އިން ބުނެފިއެވެ.
އެންސީއޭ އިން ބުނީ 2014 ވަނަ އަހަރުން ފެށިގެން އެން.ސީ.އޭ އާއި އަލް-ކައުން ޗެނަލް އާއި ގުޅިގެން ބާއްވަމުން އަންނަ މަދަޙަ މުބާރާތުގެ އެވޯޑް ޙަފްލާ އޮންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހު އޮލިމްޕަހުގައި ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގައި 637 ކުދިން ބައިވެރިވެފައިވާ ކަމަށްވެސް ބުންޏެވެ.
އެން.ސީ.އޭ ހިންގެވުމާ ޙަވާލުވެހުންނެވި ފާރިސް ތޯހާ ވިދާޅުވީ އިންޓަރ ސްކޫލް އަދި އަމިއްލަގޮތުން ބައިވެރިވެވޭ މި މުބާރާތުގައި ޖުމްލަ 40 ސްކޫލަކުން ބައިވެރިވެފައިވާކަމަށާއި މި މުބާރާތުގައި 9 އަހަރުން ދަށުގެ ޢުމުރުފުރާ އާއި 11 އަހަރުން ދަށް، 13 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރު ފުރާގެ ކެޓެގަރީތައް ހިމެނިގެން ގޮސްފައިވާކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއީ މި މުބާރާތް ބޭއްވޭ 5 ވަނަ ފަހަރު ކަމަށާއި މަދަޙަ ކިޔުމާއި މިކަމުގެ ފަންނު ދިރުވާ އާލާ ކުރުމަކީ ރައީސް ޔާމީންގެ ޚާއްސަ މަސައްކަތްޕުޅެއް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މިފަންނު ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައި ކަަމަށާއި އިރާދުކުރެއްވިއްޔާ އަންނަ އަހަރުވެސް މި މުބާރާތް އޮންނާނެ ކަމަށެވެ.
މި މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނިފައިވަނީ ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދައިފައިވާ އެން.ސީ.އޭ ގެ ބޭންޑް އޮލިމްޕިއަންސް ގެ މިހާރުގެ މެމްބަރުންގެ ތެރެއިން އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މުޙައްމަދު ޝަހުބާން އަދި ޢަބްދުލް ރައުފް އާއި ޅެންވެރިކަމާ ލަވައާއި ފަންނުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއްކަމުގައިވާ ޙަސަން މަނިކު ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
މީގެ އިތުރުން އެން.ސީ.އޭ އިން ބުނީ ދާދި ފަހުން އެން.ސީ.އޭ އިން ކުރެހުމުގެ ދާއިރާއަށް މުޅިން އަލަށް ނެރުނު 24 ކުރެހުންތެރިންގެ ސެޓްފިކެޓްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު މިމަހުގެ 27 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.



