
ތ. މަޑިފުށީގައި މުޅިން އަލަށް ޒުވާނުންގެ މަރުކަޒެއް ހުޅުވައި ޚިދުމަތްދޭން ފަށައިފި
ޔޫތު މިނިސްޓްރީ އިން ތ. މަޑިފުށީގައި މުޅިން އަލަށް ޒުވާނުންގެ މަރުކަޒެއް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.
އެރަށުގައި ޒުވާނުންގެ މަރުކަޒެއް ހުޅުވާ، ޚިދުމަތްދޭން ފަށާފައިވާއިރު، ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ ހަސަން ނިޝާއު އާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރ އަހުމަދު އައިފާން ވަނީ ތ. އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކާއި ޒުވާނުންނާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި ވަނީ ޔޫތު މިނިސްޓްރީން ތ. އަތޮޅުގެ ރަށްރަށުގައި ކުރިޔަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން މަޑުޖެހިފައި ހުރި މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ. އަދި މި ދަތުރުގައި ތ. އަތޮޅުގެ ހުރިހާ ރަށްރަށަށް ކުޅިވަރު ސާމާނު ހަދިޔާކޮށް، ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައިހުރި ހުރިހާ ކުޅިވަރު ވަސީލަތްތަކުގެ ހާލަތުވެސް އެދެބޭފުޅުން ވަނީ ބައްލަވާލައްވާފައެވެ.
ޔޫތު މިނިސްޓްރީ އިން 2014 ވަނަ އަހަރު ވަނީ ޒުވާނުންގެ މަރުކަޒުތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން 26 ޒުވާނުންގެ މަރުކަޒެއް ކައުންސިލްތަކާ ހަވާލުކޮށްފައެވެ. އަދި މީގެ ކުރިން މުޅި ރާއްޖޭގައި 23 ޒުވާނުންގެ މަރުކަޒެއް ޤާއިމްކުރެވިފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުންވަނީ 30 އަށްވުރެން ގިނަ ޒުވާނުންގެ މަރުކަޒު ޤާއިމްކޮށް އިތުރު ޒުވާނުންގެ މަރުކަޒުތަކެއް ޤާއިމްކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުންނެވެ.



