
ނިއުޔޯކްގައި ދިރިއުޅޭ ސިކުންގެ ލީޑަރަކު މަރާލަން އިންޑިއާ ސަރުކާރާއެކު ރޭވި އިންޑިއާގެ މީހަކު 19 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް
ނިއުޔޯކްގައި ދިރިއުޅޭ ސިކުންގެ ލީޑަރަކު މަރާލަން އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ރޭވި ރޭވުމެއްގައި ބައިވެރިވި އިންޑިއާގެ ރައްޔިތަކު 19 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
އުމުރުން 55 އަހަރުގެ ނިކިލް ގުޕްތާގެ މައްޗަށް މި ހުކުމް އިއްވީ އެމެރިކާ އާއި ކެނެޑާގައި ދިރިއުޅޭ އިންޑިއާ ސަރުކާރާ ދެކޮޅު ފަރާތްތަކަށް އަމާޒުކޮށް ހިންގާ ހަރަކާތްތަކުގެ ތެރެއިން މީހަކު މަރާލަން ރޭވިކަމަށް އޭނާ އިއުތިރާފުވުމާ ގުޅިގެންނެވެ.
އޭނާ ވަނީ ފައިސާ ދީގެން މީހަކު މަރާލަން ރޭވުމާއި އެކަމަށް އެހީތެރިވުމާއި މަނީ ލޯންޑަރިންގެ ކުށަށް މިދިޔަ ފެބުރުއަރީ މަހު އިއުތިރާފުވެފަ އެވެ.
މެންހަޓަންގެ ފެޑަރަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޑިސްޓްރިކްޓް ފަނޑިޔާރު ވިކްޓަރ މަރޭރޯ ވަނީ ގުޕްތާ 235 މަސްދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި ގުޕްތާ ވަނީ އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ގުޅިގެން އެމެރިކާ އާއި ކެނެޑާގެ ރައްޔިތެއް ކަމަށްވާ ގުރްޕަތުވަންތު ސިންގް ޕަންނޫން މަރާލަން ރާވާފަ އެވެ. ޕަންނޫން އަކީ އިންޑިއާގެ އުތުރުގައި ސިކުންގެ ވަކި ދައުލަތެއް އުފެއްދުމަށް ވަކާލާތުކުރާ ’ސިކްސް ފޯ ޖަސްޓިސް‘ ޖަމާއަތުގެ ވަކީލެކެވެ.
ކޯޓު ލިޔުންތަކުން އެނގޭ ގޮތުގައި ގުޕްތާ އާއި އިންޑިއާގެ އޮފިޝަލެއް ކަމަށްވާ ވިކާޝް ޔާދަވް ވަނީ ޕަންނޫން މަރާލުމަށްޓަކައި މީހަކަށް 15,000 ޑޮލަރު ދިނުމަށް އެއްބަސްވެފަ އެވެ.
ނަމަވެސް އެ ފައިސާ ހަވާލުކުރި މީހަކީ އެމެރިކާގެ ތަންފީޒީ އިދާރާއެއްގެ އަންޑަަރކަވަރު އޮފިސަރެކެވެ. މި މައްސަލައިގައި ޔާދަވްގެ މައްޗަށްވެސް ދައުވާ އުފުލާފައިވީ ނަމަވެސް އޭނާ ހުރީ އެމެރިކާގެ ބެލުމުގެ ދަށުގައެއް ނޫނެވެ.
އިންޑިއާ ސަރުކާރުން ވަނީ މި ރޭވުމުގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެ މިއީ ސަރުކާރުގެ ސިޔާސަތާ ހިލާފު ކަމެއް ކަމަށް ބުނެފަ އެވެ.
ޕްރޮސެކިއުޓަރުން ކޯޓުގައި ބުނީ މިއީ އެމެރިކާގެ އަސާސްތަކާ ހިލާފު އަމަލެއް ކަމަށާއި ބަސް ބުނާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ހިންގާ އަނިޔާވެރި އަމަލުތަކަށް އެ ޤައުމުން ޖާގަ ނުދޭނެ ކަމަށެވެ.
ހުކުމް އިއްވުމުގެ ކުރިން ވާހަކަދައްކަމުން ގުޕްތާ ބުނީ އިންޑިއާގެ މިނިވަންކަމުގެ ލީޑަރު މަހާތަމާ ގަންދީ ދެއްކެވި ސުލްހަވެރިކަމުގެ މަގުން ކަސިޔާރުވެވުނީތީ ހިތާމަކުރާ ކަމަށެވެ. އަދި ޕަންނޫންގެ ކިބައިންނާއި އޭނާގެ ސަބަބުން ހިތާމަ ލިބުނު އެންމެންގެ ކިބައިންނާއި އަމިއްލަ އާއިލާގެ ކިބައިން އޭނާ ވަނީ މާފަށް އެދިފަ އެވެ.
މި މައްސަލައިގައި ޕަންނޫން ބުނީ ގުޕްތާގެ މައްޗަށް ދައުވާކޮށް ހުކުމް އިއްވީތީ އެމެރިކާއަށް ޝުކުރުވެރިވާ ކަމަށާއި ސިކުންގެ މިނިވަންކަމަށް ވަކާލާތުކުރުމުގައި ދެމިހުންނާނެ ކަމަށެވެ.



