
އެފް.ބީ.އައި ގެ ޑޭޓާބޭސް ހެކް ކޮށްފި
އެމެރިކާގެ ބޭންކުތަކާއި އޭވިއޭޝަން ދާއިރާއަށް ދިމާވި މައްސަލަތަކަށްފަހު އެފް.ބީ.އައި ގެ ޑޭޓާބޭސް ހެކްކޮށްފި ކަމަށް ރިޕޯޓްކޮށްފި އެވެ.
ފިލައިގެން އުޅޭ މީހުންގެ ވަނަވަރާއި ކޯޓު އަމުރުތަކުގެ މައުލޫމާތު ހިމެނޭ މި ޑޭޓާބޭސްގައި ހުރި ރެކޯޑުތަކަށް ބަދަލު ގެނައުމުގެ ފުރުސަތު އޮތް ކަމަށް ތަޖުރިބާކާރުން އިންޒާރުދެ އެވެ.
މިއީ ފުލުހުންގެ މަސައްކަތްތަކުގައި ބަރޯސާވާ މުހިންމު މައުލޫމާތުތަކެކެވެ.
ވޭތުވެދިޔަ ހަފުތާތަކުގައި ޓެކްނޮލޮޖީގެ ދާއިރާއަށް ކުރިމަތިވި ބޮޑެތި މައްސަލަތަކަށްފަހު މުޅި އެމެރިކާގައި ބޭނުންކުރާ ޖިނާއީ މައުލޫމާތު ހިމެނޭ ޑޭޓާބޭސްއަށް ވަދެފައިވާ މައްސަލަ އެފް.ބީ.އައި އިން ދަނީ ތަހުގީގު ކުރަމުންނެވެ.
ފެޑަރަލް ސްޓޭޓް އަދި ލޯކަލް ފުލުހުންގެ އިދާރާތަކުން ޖިނާއީ މައުލޫމާތު ހިއްސާކުރުމަށް ބޭނުންކުރާ ނޭޝަނަލް ކްރައިމް އިންފޮމޭޝަން ސެންޓަރަށް ހެކަރުން ވަދެފައިވާކަން އެނގުނީ ދާދި ފަހުން ކަމަށް ސީ.އެން.އެން އިން ރިޕޯޓްކޮށްފައިވެ އެވެ.
އެފް.ބީ.އައި އިން ބުނާ ގޮތުގައި މިއީ މުޅި ޤައުމުގެ ކަމާބެހޭ އިދާރާތަކުން ބޭނުންކުރާ މައި މައުލޫމާތު ނިޒާމެވެ.
މީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ހަމައެކަނި ސިއްރު މައުލޫމާތު ވަގަށް ނެގުމަކުން ނުނިމެ އެވެ.
ސައިބަރ ކްރައިމް ގްރޫޕްތަކުގެ ތަހުގީގުތައް މީގެ ކުރިން ހިންގެވި އެފް.ބީ.އައި ގެ ކުރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފިލައިގެން އުޅޭ މީހުން ދެނެގަތުމަށާއި ކޯޓު އަމުރުތައް ޗެކްކުރުމަށާއި އެހެނިހެން މައުލޫމާތު ހޯދުމަށް ފުލުހުން ބަރޯސާވަނީ މި ޑޭޓާބޭސްއަށެވެ.
”އަޅުގަނޑުގެ އޮތް ކަންބޮޑުވުމަކީ ހަމައެކަނި ސިއްރު މައުލޫމާތުތަކެއް ހެކަރުންގެ އަތްދަށަށް ދިއުމެއް ނޫން. އެއީވެސް މައްސަލައެއް. އެކަމަކު އެންމެ ބޮޑު ނުރައްކަލަކީ ފުލުހުން ބަރޯސާވާ މައުލޫމާތުގެ ސައްހަކަން ގެއްލުވާލުން،“ އޮފިޝަލަކު ސީ.އެން.އެން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން އެފް.ބީ.އައި ގެ ޑައިރެކްޓަރ ކާޝް ޕަޓޭލް ވަނީ ބުރާސްފަތި ދުވަހު ފޮކްސް ނިއުސް މެދުވެރިކޮށް އެ އިދާރާގެ ސައިބަރ ސެކިއުރިޓީ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަދައްކަވާފަ އެވެ.
ޕަޓޭލް ވަނީ އަމިއްލަ ކުންފުނިތަކުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސިއްރު މައުލޫމާތު ރައްކާތެރިކުރުމަށް ބާރުއެޅުމުގެ ގޮތުން މިއަހަރު ކުރީކޮޅު ފެށި ”އޮޕަރޭޝަން ވިންޓަރ ޝީލްޑް“ ގެ ކާމިޔާބީ ފާހަގަކުރައްވާފަ އެވެ.
”މީގެ ކުރީގެ ސަރުކާރުތަކަށް މި އިސްލާހުތައް ގެނެވުނީސް ނަމަވެސް އެކަމެއް ނުކުރޭ، އަޅުގަނޑުމެން މިދަނީ ކުރިއަށްވުރެ ހުޝިޔާރުވެ، ގެއްލިފައިވާ ވަގުތުތަކުގެ ބަދަލު ހޯދަމުން.“ އޭނާ ވިދާޅުވި އެވެ.
އެފް.ބީ.އައި އިން ފެބްރުއަރީ މަހު ފެށި ”އޮޕަރޭޝަން ވިންޓަރ ޝީލްޑް“ އަކީ އަމިއްލަ ސެކްޓަރުގެ މުއައްސަސާތަކުގެ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި އޮޕަރޭޝަނަލް ޓެކްނޮލޮޖީ ނިޒާމުތައް ވަރުގަދަކުރުމަށް އެހީތެރިވުމަށް ހިންގާ ސައިބަރ ސެކިއުރިޓީ ކެމްޕޭނެކެވެ.



