
ޖީ.ސީ.ސީ ގެ ޖޮއިންޓް ފޯވާޑް ކޮމާންޑް ސެންޓަރެއް ކުވައިތުގައި ގާއިމުކުރަނީ
ޖީ.ސީ.ސީ ގެ ޖޮއިންޓް ފޯވާޑް ކޮމާންޑް ސެންޓަރެއް ކުވައިތުގައި ގާއިމުކުރުމަށް ނިންމައިފި އެވެ.
އީރާނާއި އިރާޤުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން ކުވައިތަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި އަލަށް ގާއިމުކުރާ މި މަރުކަޒު ދިފާއުކުރާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ގަލްފް ކޯޕަރޭޝަން ކައުންސިލް އިން މިފަދަ މަރުކަޒެއް ގާއިމުކުރުމަށް ނިންމީ މެންބަރު ޤައުމުތަކުގެ މެދުގައި އަސްކަރީ ގުޅުން ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ.
މިއީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެމެރިކާއިން ވެފައިވާ އިލްތިޒާމުތަކާ މެދު ޝައްކު އުފެދިފައިވާ ވަގުތެއްގަ އެވެ.
މި ކޮމާންޑް ސެންޓަރު ބިނާކުރުމަށް ހަމަޖެހިފައިވަނީ އީރާނާއި އިރާގުގެ ހަތިޔާރު އެޅި ޖަމާއަތްތަކުން ދިން އެތައް ހާސް މިސައިލް އަދި ޑްރޯން ހަމަލާތަކެއް ތަހައްމަލުކުރަން ޖެހިފައިވާ ކުވައިތުގަ އެވެ.
ޖީ.ސީ.ސީ ގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް އަލްބުދައިވީ އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ މަރުކަޒަށް ބޭނުންވާ އެކަށީގެންވާ ފައުޖުތައް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.
ގަލްފުގެ ހަ ޤައުމު ހިމެނޭ ޖީ.ސީ.ސީ އިން 2000 ވަނަ އަހަރު ގާއިމުކޮށްފައިވާ ދިފާއީ އެއްބަސްވުމުގައިވާ ގޮތުން އެ އިއްތިހާދުގެ މެންބަރު ޤައުމަކަށް ދޭ ހަމަލާއަކީ މުޅި އިއްތިހާދަށް ދޭ ހަމަލާއެކެވެ.
އެހެންނަމަވެސް ޖީ.ސީ.ސީ ގެ ދިފާއީ ގުޅުމަކީ ނޭޓޯ ފަދަ އަސްކަރީ އިއްތިހާދުތަކާ އަޅާބަލާއިރު އެހާ ވަރުގަދަ ގުޅުމެއް ނޫން ކަމަށް ބެލެވެ އެވެ.
މި ނިންމުމަކީ ޖީ.ސީ.ސީ ގައި ގުޅިފައިވާ އަސްކަރީ ކޮމާންޑް އޮނިގަނޑެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވެ އެވެ.
މީގެ ކުރިން މެންބަރު ޤައުމުތަކަށް ދެވުނު އެކި ހަމަލާތަކުގައި އެކަށީގެންވާ ރައްދެއް ދިނުމުގައި ޖީ.ސީ.ސީ ވަނީ ނުކުޅެދިފަ އެވެ.
އެގޮތުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގަތަރުގެ ދޯހާގައި ތިބި ހަމާސްގެ މަންދޫބުންނަށް އިސްރާއީލުން ހަމަލާދިން އިރުވެސް ޖީ.ސީ.ސީ އިން އެކަމަށް ރައްދެއް ދީފައެއް ނުވެ އެވެ. އަދި ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން ނުރައްކާތެރި މިސައިލް އަދި ޑްރޯން ހަމަލާތަކާ ގުޅިގެންވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ.
މި މަރުކަޒު ކުވައިތުގައި ގާއިމުކުރުމަށް ނިންމި ނިންމުމަކީ އަމަލީ ގޮތުން ކިހާ ފައިދާހުރި ކަމެއްތޯ ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
ކުވައިތު އޮންނަ ސަރަހައްދުގެ ގޮތުން ހަނގުރާމައިގެ ތެރޭގައި އީރާނާއި އިރާގުގެ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ހަމަލާތަކަށް އެ ޤައުމު ވަނީ ބޮޑަށް ހުށަހެޅިފަ އެވެ.
ހަނގުރާމައިގެ ކުރިން ކުވައިތުގައި އެމެރިކާގެ 14،000 ސިފައިން ތިއްބެވެ. މިއީ މެދުއިރުމަތީގެ އެހެން އެއްވެސް ޤައުމަކަށްވުރެ ގިނަ އަދަދެކެވެ.
ކުވައިތުގައި އެމެރިކާގެ ދެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ ކޭމްޕް އަރިފްޖާން އާއި އަލީ އަލްސާލިމް އެއާ ބޭސް ހުރި ނަމަވެސް މި ދެ ތަނަށްވެސް އީރާނުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.
އެމެރިކާ ފަދަ ބާރަކަށް އެ ޤައުމުގެ އަސްކަރީ މަރުކަޒުތައް ދިފާއު ނުކުރެވުނު އިރު ޖީ.ސީ.ސީ އަށް މިފަދަ ކޮމާންޑް ސެންޓަރެއް ދިފާއުކުރެވޭނެ ގޮތަކާ މެދު ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.
އެމެރިކާގެ ސަލާމަތީ ކަށަވަރުކަމާ މެދު އުފެދިފައިވާ ޝައްކުތައް
ގަލްފުގެ ޤައުމުތަކުން މިހާރު ދަނީ ސަލާމަތީ ކަންކަމުގައި އެހެން ބައިވެރިންގެ އެހީތެރިކަން ހޯދަމުންނެވެ.
އެގޮތުން ހޫތީންގެ ހަމަލާތަކާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާއިން ވަނީ ޕާކިސްތާނާއި ތުރުކީއާއެކު ”މައްކާ ޕެކްޓް“ އެކްޓިވޭޓް ކޮށްފަ އެވެ. އަދި ޔޫ.އޭ.އީ އިން ވަނީ އިސްރާއީލާއެކު އޮންނަ ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކޮށްފަ އެވެ.
ވޭތުވެދިޔަ ބައި ގަރުނެއްހާ ދުވަހު ގަލްފު ޤައުމުތަކުގެ ސަލާމަތީ ބާރަކީ އެމެރިކާ ކަމުގައި ވީނަމަވެސް އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މި ގުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.
ސަޢޫދީ ޤަޠަރު އަދި ޔޫ.އޭ.އީ އިން އީރާނަށް ހަމަލާ ނުދިނުމަށް އެމެރިކާއަށް ބާރުއެޅި ނަމަވެސް އެ ޤައުމުތަކުގެ އެދުމަށް އެމެރިކާއިން އިޖާބައެއް ނުދިނެވެ.
މީގެ ބަދަލެއްގެ ގޮތުން އީރާނުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ޤައުމުތަކަށް ހަމަލާދީފަ އެވެ.
ބައެއް ދިރާސާވެރިން ދެކޭ ގޮތުގައި ގަލްފުގެ ބިމުގައި އެމެރިކާ ސިފައިން ތިބުމަކީ އެ ޤައުމުތައް ހަމަލާތަކުގެ އަމާޒަކަށް ވުމަށް މެދުވެރިވާ ސަބަބެކެވެ. މިސާލަކަށް އެމެރިކާއާއެކު އެންމެ ދުވަސްވީ ހާރިޖީ ގުޅުން އޮންނަ އޮމާންގައި އެމެރިކާގެ ދާއިމީ އަސްކަރީ މަރުކަޒެއް ނެތުމުން އެ ޤައުމަކީ ހަމަލާތަކުގެ އަސަރު އެންމެ ކުޑަކޮށް ކުރި ގައުމެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ވޯގެ އިންސްޕެކްޓަރ ޖެނެރަލް ސެޕްޓެމްބަރު މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން ކުވައިތު، ބަހްރޭން، ގަތަރު، ޔޫ.އޭ.އީ، ސަޢޫދީ، އިރާޤު، އޮމާން އަދި އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކުގެ ”ސަތޭކަ އަށް ވުރެ ގިނަ އިމާރާތްތަކާއި އޮނިގަނޑުތައް“ އީރާނުގެ ހަމަލާތަކުގައި ވަނީ ހަލާކުވެފަ އެވެ.
އެމެރިކާގެ މިހާރުގެ އަދި ކުރީގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އީރާނާ ކައިރީގައި އަސްކަރީ މަރުކަޒުތައް ގާއިމުކުރުމުގެ ސިޔާސަތުގައި ހުރި ބަލިކަށިކަން މި ހަނގުރާމައިގެ ސަބަބުން ވަނީ ހާމަވެފަ އެވެ. އަދި ހަލާކުވި ބައެއް ތަންތަން އަލުން ބިނާކުރުމަކީ ނާދިރު ކަމެއް ކަމަށްވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.
ސީ.އައި.އޭ ގެ ކުރީގެ ޑިރެކްޓަރު ޑޭވިޑް ޕެޓްރިއަސް ވިދާޅުވި ގޮތުގައި އީރާނުގެ ހަމަލާތަކުގެ ނުރައްކާތެރިކަން ފެނުމަށްފަހު އެ މަރުކަޒުތަކުގައި ސިފައިން ބޭތިއްބުމުގެ ޝައުގުވެރިކަން މިހާރު ވަނީ ކުޑަވެފަ އެވެ.
ސެންޓްކޮމްގެ ކުރީގެ ވެރިޔާ ޖެނެރަލް ފްރޭންކް މެކެންޒީ ލަފާދެއްވާ ގޮތުގައި އީރާނުގެ މިސައިލް އަދި ޑްރޯން ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ގަލްފުގައި ހުރި އެމެރިކާގެ މަރުކަޒުތައް އިސްރާއީލަށާއި އަވަށްޓެރި އެހެން ޤައުމުތަކަށް ބަދަލުކުރަން ޖެހެ އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އީރާނާ އެންމެ 100 މޭލު ދުރުގައި ގަތަރުގައި ސެންޓްކޮމްގެ މައި މަރުކަޒު ހުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ.



