
އިންފަންޓީނޯއަށް ދެން އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެ – މިގޭލް މަދޫރޯ
ފީފާގެ ގަވަރނަންސް ކޮމިޓީގެ ކުރީގެ ރައީސް މިގޭލް މަދޫރޯ ވިދާޅުވި ގޮތުގައި، އެ އިދާރާގެ އަސާސީ ގަވާއިދުގައިވާ ގޮތުން ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ދެން އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.
މަދޫރޯ ބާރުއަޅުއްވައި ވިދާޅުވީ ފީފާގެ ޤަވާޢިދުތަކަށް ބަލާއިރު އިންފަންޓީނޯއަށް ތިން ދައުރަށްވުރެ ގިނަ ދުވަހު ރައީސްކަމުގެ މަގާމުގައި ނުހުރެވޭނެ ކަމަށެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސްގެ މަގާމަށް 2027 ވަނަ އަހަރު އިންފަންޓީނޯ އަލުން ކުރިމަތިލެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު މަދޫރޯ ފާހަގަކުރެއްވި ގޮތުގައި ފީފާގެ އަސާސީ ޤަވާޢިދުގެ ދަށުން އޭނާއަށް ހަތަރުވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތެއް ނެތެވެ.
އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މަދޫރޯ ވިދާޅުވީ ފީފާގެ އަސާސީ ޤަވާޢިދުގެ 33 ވަނަ މާއްދާގެ ދެވަނަ ނަންބަރުގައި އެއްވެސް މީހަކަށް ތިން ދައުރަށްވުރެ ގިނަ ދުވަހު ރައީސްކަން ނުކުރެވޭނެ ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އިންފަންޓީނޯ މިހާތަނަށް ތިން ފަހަރު އިންތިޚާބުވެވަޑައިގެން ތިން ދައުރު ފުރިހަމަކުރައްވާފައިވާތީ އޭނާއަށް އިތުރު ދައުރެއް ދެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތް ކަމަށް މަދޫރޯ ދެކެވަޑައިގަންނަވަ އެވެ.
މަދޫރޯ މިފަދައިން ވިދާޅުވެފައިވަނީ 2027 ވަނަ އަހަރުގެ މާޗް މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމުގެ ދެ ހަފުތާ ކުރިންނެވެ.
މި ސުންގަޑި ކައިރިވަމުން އަންނާތީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ”ފެއަރސްކުއެއަރ“ އިން ވަނީ ފީފާގެ މެންބަރު ޤައުމުތަކަށް ސިޓީއެއް ފޮނުވައި އިންފަންޓީނޯއަކީ އިންތިޚާބަށް ޝަރުތު ހަމަނުވާ ބޭފުޅެއްގެ ގޮތުގައި ކަނޑައެޅުމަށް ގޮވާލާފަ އެވެ.
މީގެ ކުރިންވެސް ފެއަރސްކުއެއަރ އިން ވަނީ އިންފަންޓީނޯއަށް އިތުރު ދައުރަކަށް ކުރިމަތިނުލެވޭނެ ކަމަށް ނިންމުމަށް ފީފާއަށް ބާރުއަޅާފަ އެވެ.
އެއީ ޤަވާޢިދުގައި ހުއްދަކުރާ އެންމެ ގިނަ ދައުރު ކަމަށްވާ ތިން ދައުރު އޭނާ މިހާރު ފުރިހަމަކުރައްވާފައިވާތީ އެވެ.
ނަމަވެސް ސެޕް ބްލެޓަރ އިސްތިއުފާ ދެއްވުމާ ގުޅިގެން 2016 ވަނަ އަހަރު ބޭއްވި ޚާއްސަ ކޮންގްރެސްގައި އިންފަންޓީނޯ އިންތިޚާބުވެވަޑައިގަތް ފުރަތަމަ ދައުރަކީ މެދުކެނޑިފައިވާ ދައުރެއް ފުރިހަމަކުރުން ކަމަށްވާތީ އެއީ ފުރިހަމަ ދައުރެއްގެ ގޮތުގައި ނުގުނޭނެ ކަމަށް އިންފަންޓީނޯ ވަނީ ވަކާލާތު ކުރައްވާފަ އެވެ.
2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފީފާ ކައުންސިލުން ވަނީ 2016 އާއި 2019 އާ ދެމެދު އިންފަންޓީނޯ ހޭދަކުރެއްވި މުއްދަތަކީ ރިޔާސީ ދައުރެއްގެ ގޮތުގައި ނުބެލުމަށް އިއްތިފާގުން ނިންމާފަ އެވެ.
އެކަމަކު ފެއަރސްކުއެއަރ އިން ބުނާ ގޮތުގައި އެ ނިންމުން ނިންމި ސަބަބުތައް ދުވަހަކުވެސް ހާމަކޮށްފައެއް ނުވެ އެވެ.
ޕޯޗުގަލްގެ ޤާނޫނީ ވަކީލެއް ކަމަށްވާ މަދޫރޯ ފީފާގެ މަގާމުން ވަކިކޮށްފައިވަނީ 2017 ވަނަ އަހަރު ރަޝިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ވިޓާލީ މުޓްކޯ ފީފާގެ މުހިންމު ކޮމިޓީއަކަށް އިންތިޚާބުވުން އޭނާ ހުރަސްއެޅުއްވުމާ ގުޅިގެންނެވެ.
މަދޫރޯ އިތުރަށް ވިދާޅުވީ ޤަވާޢިދުގައިވާ އިބާރާތްތަކަށް ބަލާއިރު ކުރު ދައުރަކަށް އެއްވެސް އިސްތިސްނާއެއް ދީފައި ނުވާ ކަމަށެވެ.
”ޤަވާޢިދުގެ އިބާރާތް ވަރަށް ސާފު. އޭގައި ބުނަނީ ތިން ދައުރޭ. އެއީ ފުރިހަމަ ހަތަރު އަހަރުގެ ދައުރެއްތޯ ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ދައުރެއްތޯ ބަލައި ވަކި ގޮތަކަށް އޭގައި ތަފާތުކޮށްފައެއް ނުވޭ،“ މަދޫރޯ ވިދާޅުވި އެވެ.
އިންފަންޓީނޯ އަލުން އިންތިޚާބުވުމުގެ ފުރުސަތު ބޮޑުވެފައިވަނީ މިދިޔަ މަހު އޭޝިއާގެ ފުޓްބޯޅަ އިދާރާގެ ރައީސް އޭނާއަށް ތާއީދުކުރައްވާނެކަން ހާމަކުރެއްވުމާ ގުޅިގެންނެވެ. އަދި އެކި ކޮންފެޑެރޭޝަންތަކުގެ ތާއީދު އޮތުމުން ފީފާގެ ވޯޓުލުމުގެ ހައްގު އޮންނަ 211 މެންބަރުންގެ ތެރޭގައި އިންފަންޓީނޯ އޮންނެވީ ވަރުގަދަ މަގާމެއްގަ އެވެ.



