’މޯލްޑިވްސް ކޯނަރ އިން މެލޭޝިޔާގެ‘ ނަމުގައި ރަސްމީކޮށް ބުކްކޯނަރ އެއް ހުޅުވައިފި

މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ’މޯލްޑިވްސް ކޯނަރ-މެލޭޝިޔާ’ގެ ނަމުގައި ބުކްކޯނަރ އެއް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

’މޯލްޑިވްސް ކޯނަރ-މެލޭޝިޔާ‘ ހުޅުވުނީ ހައިކޮމިޝަނުގެ ދަށުން ޤާއިމްކުރެވިފައިވާ މޯލްޑިވްސް ކަލްޗަރަލް ސެންޓަރު ގައެވެ. މި ކޯނަރ ހުޅުވާ ދެއްވީ ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައިހުންނަވާ ހައިކޮމިޝަނަރ ޑރ. މަރިޔަމް ޝަބީނާ އަހުމަދެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ކޯނަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ހައިކޮމިޝަނަރ ވިދާޅުވީ ’މޯލްޑިވްސް ކޯނަރ-މެލޭޝިޔާ’ގެ މައިގަނޑު އެއް މަޤްސަދަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި އަދި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ދިވެހި ފޮތްތައް، ފަސޭހައިން އެއްތަނަކުން ލިބޭނޭ މަގު ތަނަވަސްކޮށްދީ، މިކަމުގެ ސަބަބުން އެފަރާތްތައް ދިވެހި ބަހާއި އަދަބިއްޔާތައް ޝައުގުވެރިކުރުވައި، ދިވެހިބަހާއި، ދިވެހި ސަޤާފަތަކީ އެކުދީންގެ އަމިއްލައެއްޗެއްގެ ގޮތުގައި ބަލައިގަތުމަށް މަގުފަހިކުރުމެވެ. އަދި މި ކޯނަރ މެދުވެރިކޮށް ދިވެހި ސަގާފަތާބެހޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމާއި، ”ކަލްޗަރަލް ޑިޕލޮމެސީ“ގެ ދަށުން އަދަބީ އަދި ސަޤާފީ އެކި ހަރަކާތް ހިންގުމަށް ރޭވިފައިވާ ކަމުގައިވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

’މޯލްޑިވްސް ކޯނަރ-މެލޭޝިޔާ‘ މެދުވެރިކޮށް ރާއްޖޭގެ ލައިބްރަރީތަކާއި ތަޢުލީމީ މަރުކަޒުތަކަށް މެލޭޝިއާގެ ޝާއިޢުކުރުންތައް ހިއްސާކުރުމަށްވެސް ރޭވިފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ މުއްސަނދި ޘަޤާފަތާއި، ތާރީޚާއި، ދިވެހި އަދަބިއްޔާތާބެހޭ ފޮތްތައް މެލޭޝިޔާގެ އެކި ފަރާތްތަކަށް ފޯރުކޮށްދިނުމަކީވެސް މި ކޯނަރގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދިވެހި ދަރިވަރުންނާއި އަދި މެލޭޝިޔާގައި ދިރިއުޅޭ އެކި ފަރާތްތަކުން ރާއްޖެއާބެހޭގޮތުން ހަދާފައިވާ އިލްމީ ކަރުދާސްތައް މިސެންޓަރު މެދުވެރިކޮށް، ބޭނުންވާ އެހެން ފަރާތްތަކަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަކީވެސް އިފްތިތާހުވެގެން މިދިޔަ ’މޯލްޑިވްސް ކޯނަރ-މެލޭޝިޔާ’ގެ މުހިންމު މަޤްސަދެކެވެ.

މި ކޯނަރގެ ސޮފްޓް ލޯންޗިންގް ބޭއްވިފައިވަނީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރުފުރުމާ ގުޅިގެން 7 އޯގަސްޓް 2025ގައެވެ.

މި ކޯނަރގެ ޚިދުމަތް ޑިޖިޓަލްކޮށް ރާއްޖޭގެ ލައިބްރަރީތަކާއި ތަޢުލީމީ މަރުކަޒުތަކަށް ފޯރުކޮށްދިނުމަށް ރޭވިފައިވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޒްގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން “ ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަން“ ގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އެޅޭ މުހިންމު ބޮޅެކެވެ.

’މޯލްޑިވްސް ކޯނަރ-މެލޭޝިޔާ‘ އަށް ދިވެހިރާއްޖޭގެ ނެޝެނަލް ލައިބްރަރީ، ދިވެހިބަހުގެ އެކަޑަމީ އަދި ނޮވެލްޓީ ބުކްޝޮޕާއި ދިވެހިރާއްޖޭގެ އަމިއްލަފަރާތެއް ކަމުގައިވާ ’ތަކެތި‘ ގެ ފަރާތުން ފޮތް ހަދިޔާކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކޮމިއުނިޓީގެ ބޭފުޅުންނާއި ކިޔަވާ ކުދީން ބައިވެރިވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.