
މިޑްޓާމް އިންތިޚާބުގެ ނާކާމިޔާބީގައި ހަނގުރާމައިގެ އަސަރު އެބަހުރި – ޓްރަމްޕު
މެދުތެރޭގެ އިންތިޚާބުން ކުރިމަތިވި ނާކާމިޔާބީގައި ހަނގުރާމައިގެ އަސަރު އޮތްކަމަށް ޓްރަމްޕް އެއްބަސް ވެއްޖެ އެވެ.
އިރާނާއެކު ކުރަމުންދާ ނުރުހުންތެރި ހަނގުރާމައިގެ ސަބަބުން އެމެރިކާގައި ތަކެއްޗާއި ތެލުގެ އަގު އުފުލިފައިވާއިރު މިއީ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ކޮންޓްރޯލް ޑިމޮކްރެޓުންނަށް ލިބުމަށް މެދުވެރިވި ސަބަބެއް ކަމަށް ބެލެވެ އެވެ.
އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ މެދުތެރޭގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގެ އެއް ސަބަބު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވަނީ އިއުތިރާފުވެފަ އެވެ.
މި އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދާފައިވާއިރު އޭގެ ތެރޭގައި ހަނގުރާމައާ ދެކޮޅަށް ކެމްޕޭން ކުރި ސިޔާސީ ބޭފުޅުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ.
ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީގެ ސަބަބުތަކާ ގުޅޭގޮތުން ދިން ވަކިވަކި އިންޓަވިއުތަކެއްގައި ޓްރަމްޕް ބުނީ ”އަހަރެން ގަބޫލުކުރާ ގޮތުގައި އޭގެ ބައެއް ހިއްސާއަކީ އިރާނު. އިރާނަކީ އޭގެ އެއް ބައި،“ ކަމަށެވެ.
އެހެންނަމަވެސް އިރާނަށް ހަމަލާދިނުމުގައި އިޒްރޭލާ ބައިވެރިވުމަށް ނިންމި ނިންމުމަށް ރައީސް ޓްރަމްޕް ވަނީ ދިފާއުކޮށްފަ އެވެ.
މިއީ ”އައު ހަނގުރާމަތަކެއް ނުފަށާނެ“ ކަމަށް ބުނެ 2024 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ޓްރަމްޕު ދިން މެސެޖާ ޚިލާފު ނިންމުމެކެވެ.
ވޯލް ސްޓްރީޓް ޖާނަލްއަށް މައުލޫމާތު ދެއްވަމުން ޓްރަމްޕްބުނީ ”އަހަރެން ކުރީ ރަނގަޅު ކަމެއް. އަލުން އެ ފުރުސަތު ލިބުނަސް އަހަރެން ކަންތައް ކުރާނީ ހަމަ އެގޮތަށް،“ ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ފެބްރުއަރީ މަހުގެ ފަހުކޮޅުގަ އެވެ.
ރިޕޯޓްތައް ބުނާގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މޮސާޑްގެ ޖާސޫސީ މައުލޫމާތުތަކެއް ޓްރަމްޕަށް ހުށަހަޅައި ހަނގުރާމަ ފެށުމުން އިރާނުގެ ރައްޔިތުން ނުކުމެ އެޤައުމުގެ ސަރުކާރު ވައްޓާލާނެ ކަމަށް ބުނެ ޓްރަމްޕް ރުއްސާފަ އެވެ.
އިރާނުގެ ކުރީގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ ހިމެނޭހެން އެތައް ލީޑަރުންނެއް މަރާލާފައިވީ ނަމަވެސް ތެހެރާންގެ ސަރުކާރު އަދިވެސް ދެމިއޮތްއިރު، އިރާނުގެ އަސްކަރިއްޔާއިން ވަނީ އިސްތިރާޖީގޮތުން މުހިންމު ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދާފަ އެވެ. މީގެ ސަބަބުން މުޅި ދުނިޔޭގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ.
އެމެރިކާގައި ތެލާއި އެހެނިހެން މުދަލުގެ އަގު އުފުލުމަކީ ޑިމޮކްރެޓުންގެ ކެމްޕޭންގައި ވަރަށް ބޮޑަށް ބޭނުންކުރި މައުޟޫއެކެވެ. އެޤައުމުގެ އެކި ސަރަހައްދުތަކުގެ ކެންޑިޑޭޓުން ވަނީ ދިރިއުޅުމުގެ ޚަރަދު ބޮޑުވުމުގެ ޒިންމާ ހަނގުރާމައިގެ ބޮލުގައި އަޅުވާފަ އެވެ.
އެމެރިކާގެ ރައްޔިތުންގެ މެދުގައި މަގުބޫލުކަން ކުޑަ މި ހަނގުރާމައިގެ މަގްސަދުތަކާ ގުޅޭގޮތުން ޓްރަމްޕް ވަނީ އެކި ފަހަރު އެކި ގޮތަށް ވާހަކަދައްކާފަ އެވެ.
އިރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަށް ވިސްނަވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން އިންތިޚާބަށްފަހު ކުރި ސުވާލަކަށް ޖަވާބު ދެމުން ޓްރަމްޕް ބުނީ ”އޭގެ ބޭނުމެއް ނެތް، އަހަރެމެން މިހާރުވެސް އެމީހުންގެ %90 ނައްތާލައިފިން،“ ކަމަށެވެ.
އެމެރިކާގެ އިންތިޚާބުގެ ނަތީޖާއާ މެދު ތެހެރާނުން ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.
އިރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ބުދަ ދުވަހު އެކްސްގައި ލިޔެފައިވަނީ، ”އެމެރިކާގެ ރައްޔިތުން ވަނީ ހަނގުރާމައަށް ’ނޫނެކޭ‘ ބުނެފައި، އަދި އަހަރެމެން މި މެސެޖަށް ތާއީދުކުރަން،“ ކަމަށެވެ.



